މިހާރު މާލޭގައި ކުރިޔަށްދާ 10 ވަނަ މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ އަތޮޅު ލީގުގެ ޗެންޕިއަންކަން ހޯދައި އޭދަފުށީ ބެޑްމިންޓަން ޓީމުން ރަންމެޑަލް ހޯދައިފިއެވެ.
މިއީ އޭދަފުށީ ބެޑްމިންޓަން ޓީމުން މިލީގުގެ ގައުމީ ޗެންޕިއަންކަން ހޯދި 4 ވަނަ ފަހަރެވެ. މީގެކުރިން 2012، 2013، 2014 ވަނަ އަހަރު ޗެންޕިއަންކަން ހޯދައި އޭދަފުށިން ވަނީ މިލީގުގެ ތަށި މިލްކުވެސް ކޮށްފައެވެ.
މިރޭ އޭދަފުށީ ޗެންޕިއަންކަން ހޯދީ ވާދަވެރި އައްޑޫ ހޮރައިޒަން އެކަޑަމީއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން ޓައި ކާމިޔާބުކޮށްގެންނެވެ. އޭދަފުށީ ބެޑްމިންޓަން ކޮމެޓީގެ އިސްމެމްބަރ އަދި ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އިކްރާމް ބުނީ މިރޭގެ މޮޅަކީ ދެއަހަރުގެ މެދުކެނޑުަމަކަށްފަހު އަލުން އެނބުރި އައުންކަމަށާ، މިއީ އަނެއްކާވެސް އުފާވެރި ރެއެއްކަމަށެވެ.
“ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތް މިއީ، ވަރަށް ފޯރިގަދަ މެޗެއް މިރޭ ދިޔައީ. އައްޑޫ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. އެހެންވީމާ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން” އިކްރާމް ބުންޏެވެ.
އޭދަފުށީ ބެޑްމިންޓަން ޓީމް މިހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ސޯޝަލް މީޑިޔާގައި އޭދަފުށީގެ ގިނަބަޔަކު ޓީމަށް ތަހުނިޔާ ކިޔަމުން އެބަދެއެވެ. އީވީގެ ފަރާތުންވެސް އޭދަފުށީ ބެޑްމިންޓަން ޓީމް ތިޔަ ހޯދި ފަހުރުވެރި ކާމިޔާބަށް ތަހުނިޔާ ކިޔަމެވެ.