މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް “އެންޖީއޯ ގްރާންޓް ޕްރޮގްރާމް”ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ޔޫތު މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.
މިއަދު ހެނދުނު ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިފްތިތާހު ކޮށްދެއްވި މިޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވީ، މި ޕްރޮގްރާމަކީ ގައުމީ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މުޖުތަމައުއެއް ކުރިއަރާނީ އެތަނެއްގައި އުޅޭ ކުދި ބޮޑު އެންމެންނަކީ އެމީހުންގެ ބޭނުންތައް ހާސިލުކުރުމުގައި އެންމެހާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ބާރުވެރިވެފައިވާ ބަޔަކަށް ހެދިގެން ކަމަށާއި މި ނަތީޖާ ހާސިލުކުރެވޭނީ މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެގެން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މިހާރު އެންމެ ނުކުރެވޭ ކަމެއްގެ ގޮތުގައި އޮތީ އާއިލާތަކާއެކު މީޑިއޭޝަންގެ މަސައްކަތްކުރާނެ ބަޔަކު ނެތުން ކަމަށާއި އުއްމީދު ކުރަނީ މި ގްރާންޓްސްތަކުން މީޑިއޭޝަން މަސައްކަތްކޮށްދޭ ގިނަ އެންޖީއޯތައް އުފެދިގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން އެ މިނިސްޓްރީން މިދިޔަ އަހަރުވެސް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔަ ކަމަށާއި އަދި އެ ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ 16 ޖަމިއްޔާއަކުން ކަމަށެވެ. އެހެންކަމުން މިހާރު އިފްތިތާހުކޮށްފައިވާ ޕްރޮގްރާމްގައި މިއަށްވުރެ ގިނައިން މަދަނީ ޖަމިއްޔާތަކުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަންނަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ “އެންޖީއޯ ގްރާންޓް ޕްރޮގްރާމް”އަކީ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިން ކެޓެގެރީއަކުންނެވެ. މި ކެޓެގަރީތަކަކީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި 200000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމާއި، ސްމޯލް ގްރާންޓްގެ ގޮތުގައި 50000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމުގެ އިތުރުން ސްޕެޝަލް ގްރާންޓުގެ ކެޓެގަރީއެވެ.