ރިސޯޓު މުވައްޒަފުންގެ ގިނަ ހައްގުތަކެއް ނިގުޅައިގަންނަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފި

b_TLvEDkjqadpFwZ1vVm4SRWJ6X-800x600-800x600.jpg

ބ. އަތޮޅުގެ ރިސޯޓު ތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޓީމް

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިންސާނީ ގިނަ ހައްގުތައް ނިގުޅައިގަންނަމުން ދާތީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން ޓީމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ގައިޑްލައިން ތަކަށް ބައެއް ރިސޯޓްތަކުން ފުރިހަމައަށް އަމަލުކޮށް ތަންފީޒް ކުރަމުން ނުދިއުމާއި އެކަށީގެންވާ މިންވަރަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިންނަށް ކޯވިޑް19 ޖެހޭ މިންވަރު އިތުރުވަމުންދާ ދިއުމުގެ ކަންބޮޑުވުމާއި މުވައްޒަފުންގެ ސިއްހަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވުމުގެ ކަންބޮޑުވުން ހިއްސާ ކުރަމުންދާކަމަށެވެ.

“ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭއާއި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރ ބަންދު ކުރުމާއި، ފަތުރުވެރިން އައުން ވަގުތީގޮތުން ހުއްޓާލުމާއި ގުޅިގެން، ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުޑަކުރި މުސާރަ މިހާތަނަށްވެސް ގިނަ ރިސޯޓް ތަކުން (ގާތްގަނޑަކަށް %30) ރިސޯޓުން އަނބުރާ އިޔާދަ ކޮށްދިނުމަކާއި ނުލައި 8 ގަޑިއިރު ނުވަތަ އެއަށްވުރެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވަމުންދާ ދިއުމުގެ ކަންބޮޑުވުން ހިއްސާ ކުރަން” އެ ބަޔާނުގައި ވެއެވެ.

ރިސޯޓް ތަކުގައި އެތައް މަސްތަކެއް ވަންދެން އާއިލާއާއި އަނބިދަރިންނާއި ދުރުގައި ގައުމަށްޓަކައި އިގްތިސާދަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާއި ދަރީންނާއި ބައްދަލުވުމަށް، އެޗްޕީއޭ އާއި ސަރުކާރާއި މަދު ވިޔަފާރިވެރިން ގުޅިގެން އަޅާފައިވާ ހުރަސްތަކުގެ ކަންބޮޑުވުންވެސް އެހާމެ ބޮޑު ކަމަށް ޓީމުން ބުނެއެވެ.

މުވައްޒަފުންގެ މެދުގައިހުރި ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި ބުނެފައިވަނީ، ރިސޯޓް މުވައްޒަފުން ނެގެޓިވް ނަތީޖާއަކާއި އެކު ކަރަންޓީން ވާންޖެހޭ މުއްދަތު ކުޑަކުރެވިދާނެކަމަށާއި ނުވަތަ ނެގެޓިވް ނަތީޖާއަކާއި އެކު ކަނޑައެޅޭ އުސޫލަކާއި އެއްގޮތަށް ރަށްރަށަށް ދިއުމުގެ ހުއްދައެއް ދެވިދާނެކަމަށެވެ. ނުވަތަ ރިސޯޓްގައި އާއިލާއާއި އެކު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދުވަސްކޮޅެއް ހޭދަކުރެވިދާނެ އުސޫލެއްވެސް ކަނޑައެޅިދާނެކަމަށާ މިނޫނަސް ރައްކާތެރި ގޮތަކަށް މިހާރަށް ވުރެ ފަސޭހައިން އާއިލާއާއި އަނބި ދަރީންނާއި ބައްދަލު ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރާއި ކަމާބެހޭ އެންމެހައި އިދާރާތަކަށް ގޮވާލާ ކަމަށް ބުނެފައިވެއެވެ.

”ޖަލުތަކުގައި ބަންދު ކުރެވިފައިވާ ކުށްވެރީންނަށްވެސް މަހަކު އެއްފަހަރު އާއިލީ ބައްދަލުވުމާއި، އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭއިރު، މިފަދަ ހައްގުތަކުން ރިސޯޓް މުވައްޒަފުން މަހްރޫމު ކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ގެނައުމަށް ގޮވާލަމެވެ.” ބަޔާނުގައި ބުނެފައިވެ އެވެ.

ޓޫރިސްޓް ރިސޯޓްތަށް އޮޕަރޭޓް ކުރަމުންދަނީ އެކަށީގެންވާ މިންވަރަށްވުރެ މަދު މުވައްޒަފުން ލައިގެން ގިނަ ވަގުތު މަސައްކަތްކުރުވައިގެން ކަމަށާއި، މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މަސައްކަތުގެ ބުރަ މާބޮޑަށް ބޮޑުވުމާއި، އެކަށީގެންވާ ވަރަށް ހުސްވަގުތު ނުދިނުމާއި، އިތުރުގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުން ދާކަމުގެ ކަންބޮޑުވުން ވެސް ބަޔާނުގައި ހިއްސާ ކޮށްފައިވެއެވެ.

ރިސޯޓް ތަކުގައާއި އެއާޕޯޓްތަކާއި ޓޫރިސްޓުން އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ކޮވިޑް-19 ގެ މިހާލަތުގައި އެންމެ ކުރީސަފުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއްކަމުން، އިނާޔަތްތަކާއި ރައްކާތެރިކަން އިސްކުރުމުގައި އެފަރާތްތަށް ހިމެނޭގޮތަށް ސިޔާސަތުތަށް ކަނޑައެޅުމަށް ގޮވާލާކަމަށް ވެސް ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top