ސިއްހީ ފަރުވާ ހޯދުމަށާއި ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަށް އެއްވެސް މީހަކު، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ނުދިއުމަށް އަންގަވައިފި އެވެ.
ޑިރެކްޓާ ޖެނަރަލް މައިމޫނާ އަބޫބަކުރު ސޮއިކޮށް އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް ކޮންޓްރޯލު ކުރުމަށް ޓަކައި މިމަހުގެ ހަތަރަކުން ފެށިގެން އެއްހަފުތާގެ މުއްދަތަށް މާލެ ސަރަހައްދުން މާލެއާއި ވިލިނގިއްޔާއި ހުޅުމާލެއާއި ގުޅިފަޅާއި ތިލަފުށި ފިޔަވައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައެެވެ.
އެހެންނަމަވެސް ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ޓަކައި އެއްް ރަށުންއަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ޒަރޫރޫ ހާލަތެއްގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް އެއްރަށުން އަނެއް ރަށަށް ދިޔުމަށް ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދެން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައި މިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރު ވާން ފަށާފައި ވަނިކޮށެވެ. އޭގެ ތެރޭގައި އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންވެސް ގިނަ އެވެ.
ކޮވިޑަށް މީހުން ޕޮޒިޓިވް ވެގެން އަތޮޅުތެރޭގެ 23 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށްރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.