ފަންނު އެކްސްޕޯގެ އެންމެ މީރުރަހަ. މޭޑްއިން އޭދަފުށި

big_unsZY3SgJ4oAr7kzq2XESAy4y.jpg

ރަދީފާގެ އައިލެންޑް ޗޮކްލެޓުން ތައްޔާރު ކޮށްފައިވާ ޕޯސްޓްކާޑެއް ދައްކާލަނީ --ފޮޓޯ :އަވަސް

މިދިޔަ ހަފްތާގައި ދަރުބާރުގޭގައި ނިމިގެން ދިޔަ ފަންނު އެކްސްޕޯގެ އެންމެ މީރު ރަހައަކި ކޮބައިހޭ އަހައިފި ނަމަ ޖަވާބަކީ ކޮބާހެއްޔެވެ. އަހަރެންގެ ޖަވާބަކީ އޭދަފުށީ ގުލްބަކާގޭ ރަދީފާ ހުސެންގެ  އާ އުފެއްދުމެއް ކަމުގައިވާ އައިލެންޑް ޗޮކްލެޓްގެ ރަހަ އެވެ.

ދެބަސްވުމެއް ނެތް ހަގީގަތަކީ ރާއްޖޭގެ އުފެއްދުން ތެރިކަން ހެސްކިޔާފައި ކުރިއަރުވަން ބޭނުންވެފައިވާ ދުވަސްވަރެއްގައި އަމިއްލަ އަށް އިސްނަގައިގެން ރަދީއާއި އޭނާގެ ޓީމް ކޮށްްފައިވާ މި މަސައްކަތަށް ސާބަސް ދޭނީ ޗޮކްލެޓަށް ލޯބި ކުރާ ފަރާތްތައް އެކަނި ނޫންކަމެވެ. ‘އައިލެންޑް ޗޮކްލެޓް’ގެ ނަމާއެކު ބޮޑެތި ސުޕަރމާކެޓް ތަކުގެ ޗޮކްލެޓް ހަރުގަނޑަށް އިތުރު ކުރެވޭ އާ ބްރޭންޑަކަށް ވުމެއްވެސް ނޫނެވެ. އެންމެ ބޮޑު އުފަލަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ރާއްޖެއިން ފުރާއިރު ރާއްޖޭގެ ހަނދާނެއްގެ ގޮތުގައި ދިވެހި އުފެއްދުމެއްގެ ގޮތުގައި ގެންދަން ލިބޭނެ މިއަށްވުރެ ރަނގަޅު ދެވަނަ އެއް ނޯންނާނެތީއެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާ ކަނޑުފަޅާއި ގޮނޑުތައް ތަކުގެ ވާހަކަ ނޫނީ ކިޔައިދޭނެ އިތުރުވާހަކައެއް ނެތް ލިސްޓަށް އިތުރުވެގެން މިދިޔައީ އޭދަފުށީ ގުލްބަކާގޭ ރަދީފާ ހުސޭނާއި އޭނާގެ ބޭބެ އަބްދުﷲ ރަޝީދުއާ ދެބެއިންގެ ދޮޅު އަހަރު ދުވަހުގެ މަސައްކަތުން އުފެއްދި އައިލެންޑް ޗޮކްލެޓެވެ.

ރަދީ އަހަރެމެންނަށް މީގެ ކުރިން ފެނުނީ ގާމެންޓް ވިޔަފާރީގައި އުޅޭ ތަނެވެ. އެކަމަކު ކުއްލިއަކަށް މި އިވުނީ ޗޮކްލެޓް “ފެކްޓަރީ” އެއް އުފައްދައި ފަންނު އެކްސްޕޯގައި މި ޗޮކްލެޓެއްގެ ވާހަކަ މަޝްހޫރުވެ މިއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ވާހަކަ އެވެ. އެހިސާބަކުންވެސް ނުނިމެއެވެ. ރާއްޖޭގައި މަދުން ނަމަވެސް ޗޮކްލެޓް އުފައްދައި އޭގެ ވިޔާފާރި ކުރާ މީހުންނަށް ގޮން ޖައްސަވައި ”ފަންނަު އެކްސްޕޯ” އިން ދެވަނަ އާއި ތިންވަނަ ވެސް  ރަދީ ހޯދީއެވެ.

މުޅިން ތަފާތު ވިޔަފާރިއަކާ ރަދީ ކުރިމަތިލީ ކީއްވެގެން ހެއްޔެވެ؟ ދިރިއުޅުމުގެ ރަހަ އިތުރަށް ފޮނި ކޮށްލެއްވުމަށް ކުރެއްވި ކަމެއް ވެދާނެއެވެ. ރަދީ ބުނަނީ ކީކޭ ހެއްޔެވެ.؟

“އަސްލު މިއީ ބޭބެގެ ޚިޔާލެއް. ބޭބެގެ ހުވަފެނެއްގެ ތައުބީރު މިއީ. ބޭބެ ޓޫރިޒަމް ސެކްޓާގައި 18 އަހަރު މަސައްކަތް ކުރި. އެތަޖްރިބާއިން އުފަންވި ޚިޔާލެއް.” ޗޮކްލެޓު އުފެއްދުމުގެ ހިޔާލު އައި ގޮތް، ރަދީ ކިޔައިދިނެވެ.

ރަދީވެސް ކުރާ ހިތުން ހުރި މަސައްކަތަކަށް ވެފައި ފިރިމީހާގެ އެހީތެރިކަމާއެކު އެކަމައިގެން ކުރިމަތި ލީއެވެ. އެކަމަކު ދޮޅު އަހަރު ދުވަހުގެ ބުރަ މަސައްކަތަށްފަހު ނިކަން ރަނގަޅަށް މިކަމަށް ތައްޔާރުވުމަށްފަހު ‘ފަންނު އެކްސްޕޯ’ގައި ބައިވެރިވީ ވަނައެއް ލިބޭނެކަމުގެ ޔަގީން ކަން އޮތީމައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކުރާ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށް ގެންދިއުމަށް އޭނާ ވަނީ މެލޭޝިއާއިން ކޯހެއްވެސް ފުރިހަމަ ކޮށްފައެވެ.

ރަނގަޅަށް މިދާއިރާ ދަސްކުރުމަށް ފަހު މިހާރު އޭނާވަނީ މާލޭގައި އޭނާގެ ގޭގައި ޗޮކްލެޓް ހަދާ “ފެކްޓަރީ “އެއް އުފައްދާފައެވެ.

“ގޭގައި އެކަމަށް ވަކި ތަނެއް ހަދައިގެން. އެތަނުގައި ޗޮކްލެޓް ހަދާ ބަޔަކާއި ޗޮކްލެޓް ބަންދު ކުރާ ބައެއް ވެސް ހުންނާނެ. ހަމަ އެއާއެކު މި އުފެއްދުން ތައްޔާރު ކުރަނީ ވެސް ސިއްހީ ގޮތުން އެންމެ މަތީ ސްޓޭންޑަޑްގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގަބޫލު ކުރާ ފެންވަރުގައި.” ރަދީ ބުންޏެވެ.

މީގެ އިތުރުން މި ޗޮކްލެޓުގައި ހުންނަ ނިއުޓްރިޝަން މިގަނޑުތައް ބަލަހައްޓަނީ ބޭރުގެ ޕްރޮފެޝަނަލް ލެބޯޓްރީއަކަށް ސާމްޕަލް ފޮނުވައިގެންނެވެ.

އައިލެންޑު ޗޮކްލެޓުން ގިނަ ބާވަތްތަކެއްގެ ޗޮކްލެޓް މިހާރުވެސް އުފައްދައެވެ. ޓާގެޓަކީ ރާއްޖޭގެ ޓޫރިޒަމް ސެކްޓާ ކަމަށް ބަލައިގެން ރިސޯޓުތަކުގައި ހިންގާ ޝޮޕްތަކުގައި އައިލެންޑް ޗޮކްލެޓް މަޝްހޫރު ކުރުމެވެ. އެމަގު ފަހި ކުރުމުގެ ގޮތުން ރަދީމެން މިހާރުވަނީ ޓޫރިޒަމް މިނިސްޓަރާ ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަކަށްވެސް އެދިފައެވެ.

 

“އިރާދަކުރެއްވިއްޔާ މިހާރު މިހިރީ ފަށާފައި. ދެން ދާނީ ކުރިއަށް. މިހާރުވެސް ތޮއްޑޫގެ ގެސްޓް ހައުސް އަކަށާއި މާފުއްޓާއި ހިންމަފުއްޓަށްވެސް އެބަ ސަޕްލައި ކުރަން. އޭގެ އިތުރުން އެސްޓީއޯ ސުޕަރމާކެޓްގައި ބެހެއްޓުމަށްވެސް މިހާރުވަނީ އޯޑަރު ލިބިފަ.” ރަދީ ބުންޏެވެ.

ރަދީގެ ހިތްހަމަޖެހުމަކީ މި މަސައްކަތް ވައިގާ ހިފުމެވެ. އެކަން ތަޖްރިބާ ކުރެވުނީ ފަންނު އެކްސްޕޯއިންނެވެ. އެތަނުން އައިލެންޑް ޗޮލްކެޓް ގިނަ ބަޔަކަށް ތައާރަފްވެ އެންމެންނަށް ކަމު ހިނގައްޖެއެވެ. “ވަރަށް ޝައުގުވެރިކަން ހުރި. ބޭރު ގެސްޓުންވެސް އައިސް ކޮންމެ މީހަކުވެސް ގަނެގެން ދިޔައީ ނިކަން އުފަލުންް.”

 

އައިލެންޑް ޗޮކްލެޓް އުފެއްދުމުގައި ހަރަކާތްތެރިވަނީ ރަދީފާއާ އޭނާގެ ބޭބެއާ ދައްތައާއެކު ތިން ބެއިންނެވެ. މިއީ އޭދަފުށީ ގުލްބަކާގެއަށް ނިސްބަތްވާ ތިން ބެއިންނެވެ. ކުންފުނި ހިންގުމުގެ މައި އިންޖީނަކީ މިއީ ކަމަށްވާއިރު އައިލެންޑް ޗޮކްލެޓްގެ އަސްލަކީ ‘މޭޑް އިން އޭދަފުށި’ ދޯއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top