ޑރ. ޣަފޫރުގެ ކޮލަމް: މާކަނާކަލޯ އާއި ހިޔަޅު (ކުރު ވާހަކަ )

272846534_10160082535705452_7964460950191432886_n.jpg
އެއް ދުވަހަކު ހިޔަޅެއް ޖަނަވާރެއް ޝިކާރަކުރިއެވެ. ދެން، އެ ޖަނަވާރު ކެއުމުގައި އުޅެނިކޮށް ހިޔަޅުގެ ކަރުގައި ކަށްޓެއް ޖެހުނެވެ. އުޅެ އުޅެ ވެސް ހިޔަޅަށް އެކަށި އޭތީގެ ކަރުން ނައްޓާލެވޭ ގޮތެއް ނުވިއެވެ.
ދެން، އޭތީގެ ކަރުގައި އަޅައިގެންފައި އިން ކަށި ނައްޓާލަދޭނޭ މީހަކު ވޭތޯ، ޖަންގަލީ ތެރޭގައި ކޮޅު ކޮޅަށް ހިޔަލު ދުވަން ފެށިއެވެ. އަދި އެކަން ކޮށްދީފި މީހަކަށް ބޮޑު އިނާމެއް ދޭނޭ ވާހަކަ ވެސް، ހިޔަޅު ގޮވަމުން ދިޔައެވެ.
ކުދި ބޮޑު ޖަނަވާރުތައް ހިޔަޅު ކައިރިން ދިޔައެވެ. ނަމަވެސް، އެކައްޗެއް ވެސް ހިޔަޅުގެ ގޮވުމަށް އިޖާބައެއް ނުދެއެވެ. ހިޔަޅަކީ ހިޔަޅުކަން ޖަންގަލީގެ ޖަނަވާރުންނަށް އެނގޭތީއެވެ. ނަމަވެސް، ހިޔަޅުގެ ގޮވުން، މާކަނާ ކަލޯއަށް އިވިގެން ހިޔަޅު ގާތަށް ދިޔައެވެ. އަދި ވެގެން އުޅޭ ގޮތް އޮޅުން ފިލުވިއެވެ. މާކަނާ ކަލޯއަށް ހިޔަޅަށް ވެގެން އުޅޭ ގޮތް ހިޔަޅު ކިޔައިދިނެވެ. ކަރުގައި ކަށްޓެއް އަޅައިގެންފައި އިން ވާހަކައާއި އެކަށި ނައްޓައްދިން މީހަކަށް އެ މީހަކު ބޭނުން އެއްޗެއް ހޯދައިދޭނޭ ވާހަކަ ވެސް ބުންޏެވެ.
ހިޔަޅުގެ ވާހަކަ އަޑުއަހައި މާކަނާ ކަލޯ ހިޔަޅުގެ ވާހަކަ ގަބޫލުކުރިއެވެ. އަދި، ބުންޏެވެ. “ކަލެއަށް އަހަރެން ތިކަން ކޮށްދީފާނަމެވެ. ނަމަވެސް، އެކަމުގެ ބަދަލުގައި ކަލޭ އަހަންނަށް ދޭނީ ކޮން އިނާމެއް ހެއްޔެވެ؟”
ޖަވާބުގައި ހިޔަޅު ބުންޏެވެ. ޖަންގަލީ ތެރޭގައި ބޮޑު ކޯރެއް ހަދައިދޭނަމެވެ. އަދި، އެ ކޯރަށް، ކަނޑު ގުރުވައާއި އަދި ވެސް ކަލެއަށް މީރުވިހާ މަހެއް އަޅާ ނަމެވެ. ކަލޭ ބޭނުން އިރަކު އެކޯރުން ކަލޭ ބޭނުން މަހެއް، ބޭނުން ވަރަކަށް ކަލެއަށް ލިބޭނެއެވެ.”
ހިޔަޅުގެ ވާހަކަ އަޑުއަހައި މާކަނާ ކަލޯ ވަރަށް އުފާކުރިއެވެ. އަދި ވަކިން ޚާއްސަކޮށް ކަނޑު ގުރުވަ ލިބޭ ގޮތް ވުމުން، އެކަން ހިތަށް އަރައި ކުޅުދިޔާވިއެވެ. ދެން އަވަސް އަވަހަށް ހިޔަޅު ގާތު މާކަނާ ކަލޯ ބުންޏެވެ. ކަލޭގެ ކަރުގައި ހަރުލާފައި އިން ކަށި އަހަރެން ނައްޓާލަދޭނަމަވެ. ބިންމަތީ އޮށޯވެ، ކަލޭގެ އަނގަ ހުޅުވާށެވެ.
ހިޔަޅު ބިންމަތީ އޮށޯވެ އަނގަ ހުޅުވުމުން، އޭގެ އަނގައިގެ ތެރެއަށް މާކަނާ ކަލޯގެ ތުންގަނޑާއި ދިގު ކަރުގެ ބައެއް ލިއެވެ. އަދި، ވަރަށް މަސައްކަތްކޮށް، ހިޔަޅުގެ ކަރުގައި އިން ކަށި ހޯދައި، މާކަނާ ކަލޯގެ ތުންގަޑުން އެ ކަށި ލުހިލައި އުފުރާލައި ނެގިއެވެ.
ދެން، ހިޔަޅު ގާތު މާކަނާ ކަލޯ ބުންޏެވެ. “ކަލޭ ބުނި ކަނޑު ގުރުވައާއި އެހެން މަސްތަކުގެ މަސްފެންގަނޑު އަހަންނަށް އަޅައިދޭން އަވަހަށް އުޅޭށެވެ! މިހާރު، ކަނޑު ގުރުވަ ކާ ހިތުން އަހަންނަށް ހުރެވެނީކީ ނޫނެވެ!” 
މަކަަރުވެރި ހިނިގަނޑެއް ޖަހާލާފައި، މާކަނާ ގާތު ހިޔަޅު ބުންޏެވެ. “ދާދި ދެންމެއަކު، ކަލޭގެ ބޯ އަހަރެންގެ އަނގައިގެ ތެރެއަށް ލީމު ނޫން ހެއްޔެވެ؟ އަދި، ހަފައިގެން ކަލޭ ކާލާނޭ ފުރުސަތު ވެސް އަހަންނަށް ލިބުނު ނޫން ހެއްޔެވެ؟ ނަމަވެސް، އަހަރެންގެ ރަނގަޅު ކަމުން، ކަލެއަށް ކަމެއް ނުކޮށް ދޫކޮށްލީ ނޫން ހެއްޔެވެ؟ ކަލެއަށް އޮތް އިނާމަކަށް މިކަން ނުފުދޭ ހެއްޔެވެ؟”
ދެން، ހިޔަޅުގެ މަޅީގައި ޖެހުނު ކަމުގެ ހިތާމައިގައި ލަދުގަނެ، ދެރަވެސްވެ، ހިޔަޅާ ވީހާ ވެސް ދުރަން ދާން، އުދުއްސައިގެން ދިޔައެވެ. 
ހިޔަޅާއި މާކަނާ ކަލޯގެ ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ މި ވާހަކައިގައި ހިޔަޅު ރަމްޒުކޮށްދެނީ އަދުގެ ސިޔާސީ ވެރިންނެވެ. މާކަނާ ކަލޯއަކީ ގުނބޯ ހެއްދޭ ރައްޔިތުންނެވެ. އިންތިޚާބުތައް ކުރިމަތި ވުމުން، ސިޔާސީވެރިންގެ ކަރުގައި އެއްޗެއް ތާށިވެ ރައްޔިތުންނަށް ބޭނުން ޖެހެއެވެ. ދެން، ސިޔާސީ ވެރި ހިޔަޅުން، ގުނބޯ ހެއްދޭ ރައްޔިތުންނަށް އެތައް އެތައް މަސްފެންގަނޑެއް ތައްޔާރުކޮށްދޭން ވައުދުވެއެވެ. އެތައް އެތައް ބުހުތާނު ދޮގު ވައުދުތައް ވެއެވެ. ރަށް ރަށުގެ ފަސްގަނޑު ރަނަށް ހަދައި ގަސްތައް ފައިސާ ގަންނަ ގަސްތަކަކަށް ބަދަލުކޮށްލަ ދޭނޭ ވާހަކަ ވެސް ބުނެއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބުކުރެވި، ސިޔާސީ ހިޔަޅުންގެ ކަރުން ކަށި ނެއްޓި، އެމީހުންގެ މަގުސަދު ހާސިލުވުމުން، ރައްޔިތުންގެ މުޅިން ހަނދާނެތެއެވެ. އަދި، އިންތިޚާބު ދުވަސް ވަރު، ރައްޔިތުންނަށް ޒިޔާރަތް ކޮށް، އެމީހުންނާ ސަލާންކޮށްލައި އެމީހުންގެ ކުރިމަތީ ހިނިތުން ވެލުން، އެއީ ރައްޔިތުންނަށް ލިބުނު އިނާމު ކަމުގައި ކަނޑައަޅާލައެވެ!
މިފަދަ ވާހަކަތަކަކީ ކުޑަ ކުދިން ނިންދަވަން ކިޔައިދޭ ވާހަކަތަކެއް ނޫނެވެ! މިއީ ބޮޑެތި މީހުން، އެމީހުންގެ މަސްތީ ނިދިން ހޭލައްވަން ކިޔައިދޭ ވާހަކަތަކެވެ! އެހެންވެ، މާކަނާ ކަލޯގެ ކިބައިން ފިލާވަޅު ލިބިގަނެ، ސިޔާސީ ހިޔަޅުންގެ ދޮގު ބުހުތާނު ވާހަކަތައް އަޑުއަހައި އޭގެ މަސްތުގައި ޖެހުނަ ނުދޭށެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top