ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

large_167565932962tqJs.jpeg

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ސަރުކާރު މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ނިމިގެންދާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން ކަމަށާއި އެ މަސައްކަތުގެ ތެރެއިން މި އަހަރުގެ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ މުސާރަތައް ބޮޑުކޮށްފައިވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެއެވެ. މިގޮތުން، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަތައް ބޮޑުކޮށްފައެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މި އަހަރު ބޮޑު ކުރުމަށް ފަހުގައި ދެން އެންމެ އަވަހަށް ބޮޑު ކޮށްދެއްވާނީ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ ލެކްޗަރާއިންގެ މުސާރަތައް ކަމަށެވެ. މިގޮތުން، އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް އަންނަ މާރިޗު މަހުން ފެށިގެން ބޮޑު ކޮށްދެއްވަން އެމަނިކުފާނު ވަނީ ވައުދުވެލައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ނިމިގެންދާއިރު، ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުން ވެސް ހިމެނޭހެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

“ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު ، ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ.” އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރު ވަޒީފާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެކަން ރައީސް ސޯލިހް އިއުލާނު ކުރައްވާފައި ވަނީ މި އަހަރު ބޮޑު ކުރި ޓެކްސްގެ ސަބަބުން ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top