މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހި ބަހުގެ އެކެޑަމީން ބާއްވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ގައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28 ވަނަ ގައުމީ މުބާރާތް މި މަހުގެ 28 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.
އެ އެކެޑަމީން ބުނީ އެ މުބާރާތްތައް ފަސްކުރީ، ކުރިން އެ މުބާރާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށްވާ، މިމަހުގެ 21ގައި އެޑިއުކޭޝަން މިނިސްޓްރީން އެހެން ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާތީ ކަމަށެވެ. އެހެންވެ، އެ މުބާރާތްތައް މި މަހުގެ 28 ވަނަ ދުވަހަށް ފަސްކުރަން މިނިސްޓްރީން އިރުޝާދު ދިނުމުން އެ ބަދަލު ގެނައީއެވެ.
މި އަހަރު ބާއްވާ މަޒުމޫނު ލިޔުމުގެ 40 ވަނަ މުބާރާތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަން ދިވެހިބަހުގެ އެކެޑަމީން ފާހަގަކުރިއެވެ. މީގެ ކުރިން އެ މުބާރާތުގައި މަޒުމޫނު ލިޔަނީ މަޒުމޫނު ލިޔުމަށް އެކެޑަމީން ދީފައިވާ ދާއިރާތައް ގުރުއަތުލައިގެން ގުރުއަތުން ދިމާވި ދާއިރާއެއްގައި ހިމެނޭ މައުޟޫޢުތަކުން އެ ބައިވެރިއަކު އިޚްތިޔާރުކުރާ މައުޟޫޢަކަށެވެ. ނަމަވެސް މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގެ މައުޟޫޢުތައް މުބާރާތް ބޭއްވުމުގެ 45 ގަޑިއިރު ކުރިން އާންމުކުރާނެ ކަމަށް އެ އެކެޑަމީން ބުންޏެވެ.
އެހެން ނަމަވެސް ބައިވެރިން މަޒުމޫނު ލިޔާނެ މައުޟޫޢު ކަނޑައަޅާނީ މުބާރާތް ބާއްވާ މާލަމުގައި ވަގުތުން ގުރުއަތު ނަގައިގެންކަން ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ.
ތިން ދަންފަޅިއަށް ބަހައިލައިގެން ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވެސް އެއް ވަގުތެއްގައެވެ. އެ މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔާނީ އެ ދަރިވަރަކު ބައިވެރިވި މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔާނީ ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާ ތަނެއްގައެވެ.
އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރި ފަރާތްތަކުން މުބާރާތުގައި ލިޔާނީ އެ މީހަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓު ކޮށްފައިވާ މިހާރު ދިރިއުޅޭ ރަށެއްގައި އެކެޑަމީން މުބާރާތް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ.
މި މުބާރާތަކީ އޮންލައިންކޮށް މޮނިޓާކުރާ މުބާރާތްތަކެއް ނަމަވެސް ބައެއް އަތޮޅުތަކުގައި ދިވެހިބަހުގެ އެކެޑަމީގެ ކޯޑިނޭޓަރުން މި އަހަރު ހަރަކާތްތެރިވާނެ ކަމަށް އެ އެކެޑަމީން ބުންޏެވެ.
އެހެން ސަރަހައްދުތައް މުބާރާތް އޮންނަ ވަގުތު އޮންލައިންކޮށް މޮނިޓާކުރާނެއެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.
މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 1095 ބައިވެރިން ބައިވެރިވެއެވެ. ވާހަކައިގައި 1007 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 529 ފަރާތަކުން ބައިވެރިވެއެވެ.
މި ތިން މުބާރާތުގައި ޖުމްލަ 2631 ފަރާތަކުން ބައިވެރިވެއެވެ.