ކާރެއް ދަށުވި ކުއްޖަކު މަރުނުވެ ސަލާމަތްވެއްޖެ

10450749_10152389132322039_6102057535964074764_n2.jpg

ޗައިނާގައި މީހަކު ދުއްވަމުން ދިޔަ ކާރެއް ދަށުވި ކުއްޖަކު ހައިރާން ކުރުވަނިވި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

މިހާރު އާންމުވެފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަނީ 6 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ގައި މަތިން ކާރެއް ހުރަސްކުރުމަށް ފަހު ފަސް ވަރަކަށް ސިކުންތުގެ ތެރޭގައި އެކުއްޖާ ތެދުވެ ހިނގައިގަތް މަންޒަރެވެ.

ވީޑިއޯގައި ފެންނަގޮތުން މިކުއްޖާ އިނީ މަގުމަތީގައި ލަކުޑި ތަކަކާއި މަރުތެޔޮލެއް ހިފައިގެން ކުޅޭށެވެ. ޚިޔާލެއް ފިކުރެއް ނެތި ކުޅެން އިން މިކުއްޖާއަށް އޭނާގެ ފަހަތުން އައި ރަތް ކުލައިގެ ކާރެއް ނުފެނެއެވެ. އެހެން ނަމަވެސް ނަސީބު ގަދަކަމުން އެކުއްޖާއަށް ބޯ ތިރިކޮށްލެވުނީ ކާރުގައި އޭނާގެ ބޯނުޖެހޭ ވަރަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޝަންގްޑޮންގް ޕްރޮވިންސްގައި ހިނގި މިޙާދިސާގައި އޭނާގެ ގައިމަތިން ކާރު ދިޔަތާ 5 ސިކުންތު ތެރޭގައި އެކުއްޖާވަނީ ކޮޅަށް ތެދުވެ އޭނާގެ ގެއާއި ދިމާލަށް ހިނގައިގެންފައެވެ.

ނަމަވެސް މިކާރު ދުއްވަން އިން މީހާއަށް ކަމެއް ވީހެންވެސް ހީނުވެއެވެ. އޭނާ ދިޔަގޮތަށް ދިޔައީއެވެ.

އަޖައިބު ކުރުވަނިވި މިޙާދިސާއިން އެކުއްޖާއަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ފަޔާއި މޫނަށް ކުދި އަނޔާތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނިގޮތުގައި މިހާދިސާއިން އެކުއްޖާ ސަލާމަތްވެފައި ވަނީ އެކުއްޖާ ކުޑަކަމުންނާއި ކާރުގެ ދެފުރޮޅު ދޭތެރެއަށް ވާގޮތަށް އިށީނދެވިފައި އިނުމުން ކަމަށެވެ. ޚަބަރު ލިބޭގޮތުން މިކުއްޖާގެ ކާފަ ވަނީ މިވީޑިއޯ ބެލުމަށްފަހު ވަރަށް ރޮއެފައެވެ.

ރަތްކާރުގެ ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހާ ބުނެފައިވަނީ އެވަގުތު އެ ކުޑަ ކުއްޖާ އޭނާއަށް ނުފެންނަ ކަމަށެވެ.

ޗައިނާ ފުލުހުން ގެންދަނީ މިޙާދިސާ ތަޙުޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top