ބ.ކުންފުނަދޫގައި ހިންގާ ސޮނެވާފުށި ރިސޯޓަކީ ރާއްޖޭގެ ރިސޯޓުތަކުގެ ނިސްބަތުން ގިނަ އާ ކަންތައްތަކެއް ތައާރަފްކޮށް ތިމާވެއްޓަށް ހޭލުން ތެރި ކުރުވުމުގެ ގޮތުންނާއި އުކާލެވޭ ކުނި ރީސައިކްލް ކޮށްގެން ބިއްލޫރިންނާއި ޕްލާސްޓިކުން ގެވެހި ކަންވާރުގެ ތަފާތު ބާވަތްތައް އުފެއްދުން ފަދަ ކަންތައް ކުރުމުގެ ގޮތުން އެހެން ރިސޯޓުތަކަށް ނަމޫނާ ދައްކަމުން ގެންދާ ރިސޯޓެކެވެ.
އޭދަފުއްޓާ ކިލޯމީޓަރަކަށްވުރެވެސް ކައިރީގައި އޮތް މި ރިސޯޓުން މިފަހަރުވެސް ތަފާތު އާ ކަމެއް ކަމެއްކޮށްލަނީއެވެ.
ސޮނެވާފުށީގައި އަންނަ ޑިސެމްބަރ މަހު ހުޅުވުމަށް ހަމަޖެހިފައިވާ ބުކްޝޮޕްގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އޮތް ފުރުސަތެކެވެ. މި ވަޒީފާއަށް އޮންލައިންކޮށްވެސް އެޕްލައި ކުރެވޭނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން ވަަޒީފާއަށް އެޕްލައިކުރން ޖެހޭ ސުންގަޑިއަކީ ސެޕްޓެމްބަރ މަހުގެ 01 ވަނަ ދުވަހެވެ.
މި ވަޒީފާގެ މަސްއޫލިއްޔަތަކީ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ކިޔާލަން ބޭނުންވާ ފޮތްތައް ހޯދައިދިނުމާއި ރިސޯޓްގައި ފޮތް ކިޔުމުގެ ވޯކްޝޮޕްތަކާއި އިވެންޓްތައް ހިންގުމެވެ. ވަޒީފާ އަށް ހޮވޭ މީހަކަށް އެއްމަސް ދުވަހުގެ ޓްރޭނިން އެއް ދޭނެއެވެ.
ވަޒީފާ އަށް ކުރިމަތިލާ މީހެއްގެ ގައިގަ ހުންނަ ޖެހޭނެ ޝަރުތަކީ ފޮތް ކިޔުމަށް ސަމާލުކަން ދޭ މީހަކުކަމުގައި ވުމާއި ބަހުގެ ލިޓްރޭޗަރ އާއި ބެހޭ މައުލޫމާތު ލިބިފައި ހުރުމާއި މީހުންނާއި މުއާމަލާތް ކުރަން އެނގުމާއި، ރިސޯޓްގައި ކުރަމުންދާ ތަޖުރިބާތައް ބްލޮގެއްގައި ލިޔެވޭނެ މީހަކު ކަމުގައި ވުމެވެ. ފޮޓޯގްރަފީގެ މަސައްކަތެއް ކޮށްފައިވާ މީހަކު ކަމުގައި ވާނަމަ ވަޒީފާ ހޯދަން ލިބޭ އިތުރު އެހީއަކަށް ވާނެއެވެ.
ހަމަސްދުވަހުގެ މި ވަޒީފާގައި މުސާރައިގެ އިތުރުން ރިސޯޓްގެ ހުރިހާ ޚިދުމަތެއް ހިލޭ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު ވަޒީފާ އަދާކުރާ ގަޑި ފިޔަވައި އޭނާ ބޭނުން ކޮންމެ ކަމެއް ރިސޯޓްގައި ކުރެވޭނެއެވެ.