އެމް.ޕީ ސަލީމުގެ ނިންމެވުން ދާއިރާގެ ރައްޔިތުން ދެކެނީ ކިހިނެއް؟

DSCN0609.jpg

ސަލީމުއަށް މަރްހަބާ ދެންނެވުމަށް އޭދަފުށީ ބަނދަރުމައްޗަށް އެއްވެފައިވާ ބަޔަކާ އެކު- ފޮޓޯ : އޭދަފުށި ވޮއިސް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމަކީ ޕީޕީއެމްގެ މެންބަރެކެވެ. އޭދަފުށްޓަށް ޕީޕީއެމް ތައާރަފްކުރެއްވީ އޭނާއެވެ.  އޭދަފުށީގެ މެޖޯރިޓީ ޕީޕީއެމް ހޯދީ ސަލީމްގެ މަސައްކަތުންނެވެ. އޭނާ މަޖިލީހަށް އިންތިޚާބުވީވެސް ޕީޕިއެމްގެ ޓިކެޓްގައެވެ. އޭނާއާ ވާދަކުރެއްވި ފަރާތްތައް ބަލި ކުރައްވައި އިންތިޚާބުން ތަފާތުބޮޑުކޮށް ދެވަނަ ދައުރު ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމްގެ އިއްޒަތްތެރިމެންބަރެއްގެ ގޮތުގައެވެ.

ޕީޕީއެމް ނަގާ ކޮޅަށްޖަހާ އުޑާ ވާހަކަގޮވާ ހިސާބަށް އެޕާޓީގެ އަޑު އިއްވުމުގައި ސަލީމުގެ ހިއްސާ ބޮޑެއްނޫންހެއްޔެވެ؟

ޕީޕީއެމް އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ބ.އަތޮޅުގައި އިސްކޮށް މަސައްކަތްކުރި ކުޑަކުޑަ ޓީމްގެ ކައްޕިއަކީ އޭނާއެވެ.  އެއަށްވުރެ ކުރިއަށްޖެހިލާނަމަ ޕީޕީއެމް ވުޖޫދަށް ގެނައުމުގެ ގޮތުން  ރައީސް މައުމޫނުގެ ރަށެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ އޭދަފުށްޓަށް ރައީސް ޔާމީންގެ އަތުގައި ހިއްޕަވައިގެން  އޭދަފުށީ ރައްޔިތުންގެ ގާތަށް ވަޑައިގެން ރަށުގެ ރައްޔިތުންނަށް ރައީސް ޔާމީން ތައާރަފް ކޮށްދެއްވީވެސް ސަލީމެވެ. އޭރުވެސް ރައީސް ޔާމީން އާއި ސަލީމުއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ.

ހަމަ މިގޮތަށް ރައީސް ޔާމީނަށް 2013 ކާމިޔާބުކޮށްދިނުމަށް އަތޮޅު ރައްޔިތުންގެ ގާތަށް އައި ޓީމްގެ ވެސް ކައްޕިއަކަށް ހުންނެވީ އޭނާއެވެ. ޕާޓީގެ މާލީ އެހީތެރިކަމެއްނެތި ފެއްޓެވި ކެމްޕޭންގައި އެންމެ ފުރަތަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ހީވެސް ނުކުރެވޭފަދަ ގޮން ޖެހުން ތަކެވެ. އަތޮޅުގެ ރައްޔިތުން ތިބީ ދެބަޔަށް ބެހިފައިކަމުން  ޕީޕީއެމްގެ ބައި ބޮޑުކުރުމަށް އޭނާ މަސައްކަތް ކުރެއްވީ ވަރަށް ބޮޑު ހިކްމަތްތެރިކަމާއެކު ޖީބުން ޚަރަދު ކުރައްވައިގެންނެވެ. އަމިއްލަ ވިޔަފާރިއާއި މަސްއޫލިއްޔަތަށް ވުރެ ބޮޑަށް ޕާޓީއަށް އިސްކަން ދެއްވައިގެންނެވެ.

މުޅި ބ.އަތޮޅުގައި ސްޕީޑްލޯންޗްގައި ރެއެއް ދުވާލެއް ނުބަލައި ދަތުރުކުރައްވައިގެން ޔާމީންގެ މެނިފެސްޓޯ ވިއްކެވުމަށް އޭނާ ކުރެއްވި ބުރަމަސައްކަތުގައި ދިމާވި ގޮންޖެހުންތަކާ ކުރިމަތިލެއްވީ ހިތްވަރާ ބުންވަރާ ބިރުކުޑަކަމާވެސް އެކުގައެވެ. ހުޅަނގު މޫސުމުގެ ފަހުގެ ނަކަތްތަކުގެ ގަދަ ވިއްސާރައާއި ގަދަ ވައިގާ ރޭގަނޑުގެ ގަދަ ފިނީގައި ބ. އަތޮޅުގެ 13 ރަށަށް ހަފްތާއަކު ދެފަހަރު ނުވަތަ ތިންފަހަރުވެސް ދަތުރުކުރައްވަނީ ޕްރޮގްރާމެއްވެސް އޮވެގެންނެވެ. އެޕްރޮގްރާމް ގައި ނޯންނަކަމަކީ ކަންކަމަށްކަނޑައެޅިފައިވާ ވަގުތެވެ. އެހެންވީމާ ދުވަހުގެ ޕްރޮގްރާމް، ރޭގަނޑު ބާރަޖަހާ ފަހުން ނިމޭ ދުވަސްވެސް މަދެއް ނުވާނެއެވެ.

ސަލީމްގެ މި މަސައްކަތުގެ ތެރޭގައި ބައެއްރަށްރަށުން ހަނދާނުން ނުފިލާނެ އެތައް ހާދިސާއެއް ކުރިމަތިކުރުވިއެވެ. ފަހަތުން ދުވެ ބިރުދައްކަމުން ގެންދިޔައެވެ. ބޮޑެތި ތާޅަފިލިތަކުން އަޑުގެ ކޮޅަށް އޭނާގެ އަބުރަށް ހުތުރުވާގޮތަށް ހަޅޭއްލެވުމާއި ރިޔާސީ ކެންޑިޑޭޓްގެ އަބުރަށް ހުތުރުވާގޮތަން އިންޒާރުތައް ދެމުން ގެންދިޔައެވެ. ބައެއް ރަށްރަށުން މާރާމާރީ ހިންގައި އެކަމުގެ ތެރޭގައި އެތައް ބަޔަކަށް އަނިޔާ އާއި ކުރިމަތިލާން ޖެހުނެވެ. ސަލީމުއާއި އޭނާގެ ޓީމް ހިސާރުކުރުމުން ފުލުހުންގެ ހިމާޔަތަށް އެދެން ޖެހުނު ހިސާބަށް ކަންތައް ދިޔަ އިރުވެސް ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނާޅުއްވައެވެ. ހަތުރުން މިތުރުންނަށް ހައްދަވަމުން އޭނާގެ ވަރުގަދަ ހިކްމަތު އަމަލީ ބޭނުންކުރައްވައިގެން މުޅި މަސްރަހު ބަދަލުކޮށްލެއްވީ ހަލުވި ދުވެލީގައެވެ.

ދެވަނަ ބުރުގައި ޕާޓީގެ މާލީއެހީތެރިކަން ކޮންމެވެސް ވަރަކަށް ލިބުނުކަމުގައި ވިޔަސް ފުރަތަމަ ބުރުގައި އަތޮޅަށް ދަތުރު ކުރެއްވުމާއި ރައްޔިތުންގެ ގާތަށް ވަޑައިގެން ރަށްރަށުގެ ޖަގަހަތައް ހިންގުމުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމާއި ރައްޔިތުންނާއި ޕީޕީއެމްއާއި ދެމެދު ގާތް ގުޅުމެއް އުފެއްދެވުމަށް ސަލީމް ބޮޑުހޭދައެއް ކުރެއްވިއެވެ. މީގެ ނަތީޖާ ވެސް ފޮންޏެވެ. ދެވަނަ ބުރުގައި  ބ.އަތޮޅުގެ ނަތީޖާ ފުރަތަމަ ބުރަށްވުރެ ތަފާތު ބޮޑުކޮށް ޕީޕީއެމް ކާމިޔާބުކޮށްފައިވަނީ ސަލީމުގެ ބުރަ މަސައްކަތާއެކުގައެވެ. ޕީޕީއެމްގެ މެނިފެސްްޓޯ ހިފައިގެން އޭތި ވިއްކުމަށް ސަލީމު ކުރެއްވިމަސައްކަތަށް ސާބަސް ދޭނެޖެހެނީ މިހެން ވީމައެވެ.

ޕީޕީއެމް ސަރުކާރެއް ގާއިމްވެފާ އޮތުމަކީ ސަލީމު ފަޚްރުވެރި ވާނޭކަމަކެވެ. އެކަމަށް އޭނާގެ ޖާނާއި މާލުން ހޭދަކުރެއްވިއެވެ. ރިޔާސީ ކެންޑިޑޭޓްގެ ހުނަރުވެރިކަމާ ގާބިލްކަމާ ތަރައްގީގެ ބޮޑު އިންގިލާބެއް ދިވެހިރާއްޖެއަށް ގެނެސް ދެއްވާނެކަމަށް ބ. އަތޮޅު ރައްޔިތުންގެ ގާތުގައި އެތަކެއް ފަހަރު ތަކުރާރުކުރައްވައި ދެއްކެވި ވާހަކަތައް މިއަދުވެސް ސަލީމު ހަނދާން ހުންނާނެއެވެ.

އެހެންކަމަށް ވީއިރު ސަރުކާރާ ސަލީމުއާ ދެމެދުއޮތް ވަރުގަދަ ގުޅުން ބަލިކަށި ވާންޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިއީ މިއަދު ސަލީމު ދަންނަ އެންމެންނަށްވެސް ޖަވާބު ލިބުން އެންމެ ބޭނުންވާނެ ބޮޑުސުވާލެވެ. ޚާއްސަކޮށް ސަލީމުގެ ސިޔާސީ ކުޑައިގެ ދަށުގައި ތިއްބެވި އޭދަފުށީ ދާއިރާގެ ރައްޔިތުން ޖަވާބު ބޭނުންވާނެ ސުވާލެވެ.

ސަލީމުގެ ޖަވާބު ދެއްވިއެވެ.

” އަޅުގަނޑުމިހުރީ ސަރުކާރާއެކު. ޚިޔާލު ތަފާތުވާން ޖެހޭ ކަންތަކުގައި އެތަފާތު ހުރުމުގެ މާނައަކީ ސަރުކާރާ ދެކޮޅުވުން ކަމުގައި ދެކިގެން ނުވާނެ. އަޅުގަނޑު މިދާއިރާ އަށް އިންތިޚާބު ކުރި ރައްޔިތުންގެެ ގާތުގައި އެންމެ ގިނައިން ބުނެފައި އޮންނާނެ ވާހަކަ އަކީ  ސިޔާސީ ގޮތުން އަޅުގަނޑު ކޮންމެ ފިޔަވަޅެއްވެސް އަޅާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް. މިހާރުވެސް މިދަންނަވަނީ އެހެން. ”

ސަލީމު އިތުރަށް ވިދާޅުވީ އޭނާއަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި މީހެއްކަން ބ. އަތޮޅު ރައްޔިތުން ހެކިވާނެކަމުގައެވެ. އަދި ޕީޕީއެމްގެ ވެރިކަން ދިފާއުކުރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާނޭކަމުގައެވެ.

” ޕީޕީއެމް އުފެއްދުމަށް މަސައްކަތްކުރި މީހުންގެ ލިސްޓްގެ ފުރަތަމަ ވިހީގެ ތެރޭގައި އަޅުގަނޑު ހިމެނޭނެ. އެކަމަށް  ފަޚްރުވެރިވަން. ހަމައެއާއެކު  ޕީޕީއެމްގެ  މޮޓޯއަކީ “އެންމެ  ފުރަތަމަ ގައުމު” ކަމަށް ވާތީއާވެސް އެކު ކުރާ ކޮންމެ ކަމެއްގައިވެސް އިސްކުރަންޖެހޭނީ ގައުމު.  އެހެންވީމާ ސަރުކާރުން ހުށަހަޅާ ބިލެއް ނުވަތަ އެހެން ފަރާތަކުން ހުށަހަޅާ ބިލެއްކަމުގައި ވިޔަސް އެކަމުގައި ގައުމަށާއި ރައްޔިތުންނަށް ގެއްލުމެއްވާނެ ބިލްތަކަށް ވޯޓު ދިނުމަކީ ދާއިރާގެ ރައްޔިތުންނަށް ވެވޭ ބޭ އިންސާފެއްކަމުގައި އަޅުގަނޑު ދެކެނީ. ” އެމްޕީ ސަލީމް ވިދާޅުވިއެވެ.

ސަލީމުގެ މި ނިންމެވުން ތަރައްގީއަށް ފެންބޮވައިގެންފައި ތިބި އޭދަފުށިގެ ރައްޔިތުން ބަލައިގަތީ ކިހާވަރަކަށް ކޮން ގޮތަކަށްބާއެވެ؟

އޭދަފުށީގެ އިސް ރަށްވެއްސަކު ބުނަނީ މިހެންނެވެ. ” ސަލީމުއަކީ އޭދަފުށީގެ ރައްޔިތުންގެ ބެލެނިވެރިޔާ. އޭނާއަކީ ހޭދަކުރެއްވުމުގައި މިސާލެއް. އަހަރެމެން ފަޚްރުވެރިވާ ދަރިއެއް. އެއާއެކުވެސް އޭނާ ސަރުކާރާ ދެކޮޅަށް ތެދުވުމަކީ ބަލައިގަންނަން ތަންކޮޅެއް އުދަނގޫވާކަމެއް. ގަބޫލުކުރެވެނީ އެއީ ތަރައްގީއާ ދެކޮޅަށް ކުރެއްވި ކަމެއްގެ ގޮތުގައި .”

އެހެން ބޭފުޅަކު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި މި ސަރުކާރުން އޭދަފުށްޓަށް ތަރައްގީ އެބަގެނެސްދޭކަމުގައެވެ. އެކަމަކު ތަރައްގީގެ ސްޕީޑް އަވަސްވެގެން ދަނީ ދާއިރާގެ މެންބަރާ ސަރުކާރާ ހުރި ގާތް ގުޅުން ސަބަބުންކަމުގައެވެ. ސަލީމު ތަންކޮޅެއްވެސް ދުރަށް ޖެހިލައިފިނަމަ ތަރައްގީވެސް އެ ޖެހިލެވެނީ ތަންކޮޅެއް ފަހަތަށެވެ. އެހެންވީމާ ސަލީމު ހުންނަވަންޖެހޭނީ ރައްޔިތުންނާއެކު ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ޕީޕީއެމް، އޭދަފުށީގެ އިސް މެންބަރަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ ސަލީމްގެ ނިންމެވުމަށް މަރުހަބާ ކިޔާ ކަމުގައެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބައެއް ބިލްތަކަކީ ރައްޔިތުންނަށް އެކަމުގެ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ހުރި ބިލްތަކެއް ކަމަށް ވާއިރު އެކަމަށް ފާޅުގައި ދެކޮޅު ހައްދަވަން ކެރުމަކީ ސަލީމަށް ސެލިއުޓް ނަގަން ޖެހޭ ކަމެއް ކަމުގައެވެ. މިސާލަކަށް އޭނާ ނެންގެވީ ބިދޭސީންނަށް ބިން މިލްކު ކުރެވޭގޮތަށް ފާސްކޮށްފައިވާ ގާނޫނާ އަބުރާ ބެހުމުގެ ގާނޫނެވެ. އެ ދެބިލާ ދެކޮޅަށް ވާހަކަ ދެއްކެވުމަކީ އޭނާ މަޖިލީހަށް އިންތިޚާބު ކޮށްފައި ތިބި ރައްޔިތުންގެ ވިންދާ އެއްގޮތަށް މަޖިލީހުގެ ތަޅުމުގައި ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭދަފުށީގެ އެމްޑީޕީގެ ސަޕޯޓަރެއްކަމުގައިވާ އަހްމަދު ނާސިރު ވިދާޅުވީ ސަލީމްގެ ނިންމެވުން ވަރަށް ބަރާބަރުކަމުގައެވެ. އެއީ ވަރަށް އިންސާފުވެރި ނިންމެވުމެއްކަމަށާ އެކަމުގައި ސަލީމް އިސްކޮށްފައިވަނީ ގައުމީ މަސްލަހަތު ކަމަށް ވާތީވެ މަރުހަބާ ކިޔާ ކަމުގައެވެ.

ހަގީގަތަކީ އޭދަފުށީގެ ރައްޔިތުންގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ އޭދަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ނިންމެވުމާމެދު ހިތާމަ ކުރެއެވެ. ޒުވާނުންނާއި މުސްކުޅިންނާއި ޚާއްސަކޮށް އޭނާގެ އެންމެ އަރިސް “މުންޑު ކޯލިޝަން “ގެ ގިނަ ބަޔަކުވެސް މި ނިންމެވުން އަނބުރާ ގެނައުމަށް އިލްތިމާސް ކުރެއެވެ. އޭނާ އަށާ ދާއިރާގެ ކުރިއެރުމަށް ލިބިދާނެ ގެއްލުމަކަށް ޓަކައެވެ.

ސަލީމު ވިދާޅުވީ ރައްޔިތުންގެ އިހްސާސްތައް އެނގިވަޑައިގަންނަ ވާކަމަށާއި ސިޔާސީ މަސްރަހަކީ އަބަދުވެސް އެނބުރެމުން ބަދަލުވަމުން ފުރޮޅެމުން ދާ ތަނެއްކަމުން އަދިވެސް ކިތަންމެ ބަދަލުތަކެއް އަންނާނޭ ކަމުގައެވެ. ދާއިރާގެ ތަރައްގީ އަށްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށާއި އަންނަ އަހަރުވެސް އަތޮޅާއި ދާއިރާގެ ރަށްތަކުގައި އިތުރު މަޝްރޫއުތަކެއް ހިނގާނޭ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ސަލީމު އެވިދާޅުވި ބަދަލުތަކާއެކު އޭނާވެސް ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ބަދަލުވުމަކީ ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމެވެ. ބަދަލުކުރައްވާނެކަމަށް ބަލަމާ ހިނގާށެވެ!

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top