އޭދަފުށީގެ ކަނޑުކުކުޅު، އޭދަފުށީގެ ބްރޭންޑެއް

20160914_160714.jpg

(އެޑިޓަރުގެ ނޯޓު . މިއީ އޭދަފުށީ ވޮއިސްގެ ކިއުންތެރިއަކު މި ނޫހުގައި ޝާއިއުކޮށްދިނުމަށް އެދި ފޮނުވާފައިވާ ލިއުމެކެވެ. )

ކަނޑުކުކުޅަކީ ދިވެހިންގެ ދިވެހި ވަންތަކަން ދައްކުވައިދޭ މީރު ރިހައެކެވެ. ޚާއްސަކޮށް އީދުދުވަހުގެ އިތުރުން ބޮޑެތި މުނާސަބަތުތަކާ ގުޅިގެން ތައްޔާރުކުރެވޭ ކެއުންތަކުގައި އެއާނުލާ ފުރިހަމަ ކަމެއް ނާންނާނެކަމުގައި ގަބޫލުކުރެވޭ ޚާއްސަ ގަދަރެއް ދެވިފައިވާ ރިހައެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑުކުކުޅު ހަދައިއުޅެނީ އެކި ގޮތަށެވެ. ކިތަންމެ ގިނަ ރަށްރަށެއްގައި ކަނޑުކުކުޅު ނުވަތަ ކަނޑުކުކުޅުރިހަ ހަދައި އުޅުނުކަމުގައި ވިޔަސް އެންމެންވެސް އިއްތިފާގުވާ ކަމެއް އޮވެއެވެ. އެއީ އޭދަފުށީގެ ކަނޑުކުކުޅު ތަފާތުވާނެ ކަމުގެ ވާހަކައެވެ. ތަފާތުވަނީ އޭގެ ރަހައެވެ. ތަފާތުވަނީ ނުބައި ނުވެ ހުންނަ މުއްދަތެވެ. ކަނޑުކުކުޅު ހަދާ ދުވަހަށް ވުރެ ޖެހިގެން އަންނަ ދުވަހު އޭގެ ރަހަ އެއަށްވުރެ މީރު ވުމެވެ. މިހެން ގޮސް އީދު ނިމޭއިރުވެސް އޭގެ ރަހައަށް ބަދަލެއް ނައިސް ހުންނަކަމީ އެންމެ ބޮޑު ތަފާތެވެ.

ކަނޑުކުކުޅާ އެންމެ ގުޅޭ އެއްޗަކީ ދިރިފިޔާ ބަތްކަމުގައި ގަބޫލުކުރެވިފައި އޮތަސް މިއަދު އެކަން  މަޑުމަޑުން އުވިގެން ދާންފަށައިފިއެވެ. ޒަމާނަށްއައި ހެޔޮބަދަލާއެކު ރާއްޖޭގެ ބަދިގެތަކަށް އަވައްޓެރި ގައުމުތަކުގެ ރަހަތައް އަތްގަދަކޮށްލުމުގެ ސަބަބުން މިއަދު ދިރިފިޔާބަތަށް އޮތްޖާގަ ފުރަނީ އަވައްޓެރި ގައުމަކުން އިމްޕޯޓްކޮށްފައިވާ ދިވެހި ރަހަތަކާ ނުގުޅޭ ދިވެހީންނާ ކުރިން ބީރައްޓެހި އެހެންނަމަވެސް ވަގުތާއިި ހާލަތުގެ ގޮތުން ރައްޓެހިންނަށް ވެފައިވާ ދިވެހިންގެ ލެއާނުގުޅޭ އާ ރަހަތަކެކެވެ.

ދިރިފިޔާ ބަތް އުވިގެން ދިޔަ ފަދައިން އޭދަފުށީގެ މަޝްހޫރު ކަނޑުކުކުޅުވެސް އުވިދާން ކައިރިވެއްޖެކަމުގެ ރަތް ސިގްނަލް ފެންނަން ފަށައިފިއެވެ. އޭގެ މީރުރަހައާއެކު ކަނޑުކުކުޅު ހަދަން ދަންނަ މީހުންވެސް މަދު ވެއްޖެއެވެ. މިއަދުގެ ހަގީގަތަކީ މީރުކޮށް ކަޑުކުކުޅު ހަދަން ބޭނުންނަމަ  އެންމެ ފުރަތަމަވެސް ހޯދަންޖެހެނީ މާމަމެންގެ އުމުރު މީހެކެވެ. ވަަޒަންތަކާއި މިންތައް ހަމަކޮށް ހަވާދުނަގަން މިޒަމާނުގެ ކުދިންނަށް ނޭނގޭތީއެވެ. އެނގުނަސް މާމަމެން ހަދާފައި ހުންނަ ކަނޑުކުކުޅުގައި ލާ ރަހައާއި އެއްގޮތްކަމަށް ގަބޫލު ނުކުރެވޭތީއެވެ.

އެހެންނަމަވެސް މާމަމެންގެ ފަރާތުން ވާރުތަވެގެން މަންމަގެ ރެސިޕީއާ އެއްގޮތަށް ކަނޑުކުކުޅު ތައްޔާރު ކުރާމީހުން ކޮންމެވެސް ވަރަކަށް އުޅެއެވެ. ހަގީގީ ރަހަ އޭގައި ނުލުމަކީ އެހެން ކަމެކެވެ.

“މުސްކުޅި ކަނޑުކުކުޅު” ގައި ލާ މީރުރަހަ މިހާރު ގެއްލެންވީ ކީއްވެގެން ހެއްޔެވެ؟

” އެރަހައެއް ދެން ނުލާނެ. ކަނޑުކުކުޅު ހަދަން ބޭނުންކުރި ތަކެތީގެ ބަދަލުގައި މިހާރު ބޭނުންކުރާ ތަކެތި ތަފާތުވުމާ ތައްޔާރުކުރާގޮތްވެސް ތަފާތު ކަމުން.” އޭދަފުށީގައި ކަނޑުކުކުޅުރިހަ ތައްޔާރުކުރުމަށް މަޝްހޫރު އަންހެނަކު ބުންޏެވެ. ތަފްސީލު ދެމުން އޭނާ ބުނީ  ތާޒާ ރަންދި މަހުގެ ބަދަލުގައި ފިނިކޮށްފައިހުންނަ މަސް ބޭނުންކުރުމާ ދިވެހި ލުނބޯގެ ބަދަލުގައި ބިދޭސީ ލުބޯ އާއި ބޭނުންކުރާ ހަވާދުވެސް ކުރީގައި ހުންނަ މީރުވަހާއި ރަހަ ބަދަލުވެއްޖެ ކަމުގައެވެ. އަދި ފުނޑައިގެން ހަވާދުގަނޑު ހެދުމުގެ ބަދަލުގައި ފަސޭހަގޮތް ފަސޭހަކަމުގައި ބަލައިގެން މިކްސްޗަރަކުން ހިމުންކޮށްގެން ހަވާދު ހެދުމުން އޭގެ އަސްލުރަހަ ގެއްލޭނެކަމުގައެވެ.

މާލޭގައި ދިރިއުޅޭ  މެދުއުމުރުގެ އޭދަފުށީ އަންހެނަކު ނަން ނުޖެހުމަށް އެދި ބުނީ ހުރިހާ އެއްޗެއް ހަމަކޮށްގެން މަންމަމެން ދަސްކޮށްދީފައި ހުރި ގޮތަށް މާލޭގައި ކަނޑުކުކުޅުރިހަ ތައްޔާރު ކުރަން އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް އަސްލު ރަހަ ނުގެނެވުނު ކަމުގައެވެ. އެހެންނަމަވެސް އޭދަފުށިގައި ތައްޔާރުކުރާނަމަ އަސްލު ރަހަ ލާކަމުގައެވެ. އެހެންވީމާ ގަބޫލުކުރެވެނީ އޭދަފުށީގެ ކަނޑުކުކުޅަކީ އޭދަފުށީގެ ލޭފެނާ ގުޅިފައިވާ އެއްޗެއްކަމުގައެވެ. ރަށުން ބޭރުގައި ތައްޔާރުކޮށްގެން އެރަހަ ނުލަނީ އެހެންވެގެންނެވެ.

.އޭނާ އިތުރަށް ވާހަކަ ދައްކަމުން ބުނީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މި މީރު ރަހަ އޭދަފުށިން ގެއްލިގެން ދިއުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެކަމުގައެވެ. ޒުވާންކުދިން އިސްނަގައިގެން މިކަން ދަސްކުރަންޖެހިފައިވާކަމުގައެވެ.  ކަނޑުކުކުޅަށް ޒުވާންކަން އައިސް އޭދަފުށީ ޒުވާން އަންހެނުންގެ އަތްތައް ކަނޑުކުކުޅަށް ފަރިތަ ވާން ވެއެްޖެކަމުއެވެ. ބޭރުން ގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން އުޅުމުގެ ބަދަލުގައި މަށް ދިވެހި ރަހަތަކުން ސުފުރާމަތި ފަޅު ފިލުވާލުމަށްވުރެ ވަކިން ބޮޑު ފަޚްރެއް ދިވެއްސަކަށް ނޯންނާނެ ކަމުގައެވެ.

އޭދަފުށީގެ ކަނޑުކުކުޅަކީ ސަތޭކައިންސައްތަ އޭދަފުށީގެ އުފެއްދުމެކެވެ. ތަފާތު މީރުރަހައެއް އެކުލެވޭ އޭދަފުށްޓަށް ޚާއްސަ ރަހައެކެވެ. ތިންހަތަރު ދުވަސްވވެގެން ދާއިރުވެސް މީރުކަމަށް ބަދަލެއްނައިސް ހުންނަ އާދަޔާ ޚިލާފު މީރު ރަހައެކެވެ. އޭގައި ވަނީ އޭދަފުށީ އަންހެނުންގެ އަތްތަކުގެ ޖާދޫ ކިތަންމެހައިވެސް ރަނގަޅަކަށް ދައްކާފައެވެ. އޭގެ މީރުކަމުގެ ވާހަކަ ޒަމާނުންސުރެ އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ އެހެން ވީމައެވެ. އެހެންކަމުން އޭދަފުށީ ކަނޑުކުކުޅަކީ އޭދަފުށްޓަށް ޚާއްސަ އޭދަފުށީގެ ބްރޭންޑެކޭ ނުބުނެވެންވީ ކީއްވެގެން ހެއްޔެވެ؟

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top