އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނަަނީ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި9:00 އާ ދެމެދު ކަމަށާއި ކިޔެވުން މެންދުރު ފަހު 3:00 ގައި އެންމެ ލަސްވެގެން ނިންމަން ވާނެ ކަމަށެވެ.
އެލްކޭޖީ އާއި ޔޫކޭޖީ ދަރިވަރުން (1 ގަޑިއިރާ 30 މިނެޓް) ކިޔަވާދޭ އިރު ގްރޭޑް 1 އިން 6 އަށް (2 ގަޑިއިރާ 30 މިނެޓް) ކުރިޔަށް ގެންޖެހޭނެ ކަމަށާއި ގްރޭޑް 7 އިން 12 އަށް (3 ގަޑިއިރު) ކުރިޔަށް ގެންދަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ ރޯދަ މަހު ކިޔަވައިދޭ ވަގުތު މަދުކަމުން ގަޑިއެއްގެ ދިގުމިން ވާން ޖެހޭނީ 30 މިނެޓާއި 45 މިނެޓާ ދެމެދު ކަމަށާއި ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދު ކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ކުދިންނަށް ދީނީ މައުލޫމާތު ދިނުމާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސްކޫލުތަކުގައި އެއްވެސް ހަަރަކާތެއް ނުހިންގުމަށާއި ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00 އާއި 10:30އާ ދެމެދު ރޭވުމަށް ވެސް މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.
މީގެ އިތުރުން ޓީޗަރުންގެ މަސައްކަތުގެ ގަޑި 4 ގަޑިއިރަށްވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށް ގެންދާ ވަގުތުތަކުގައި އިދާރީ އޮފީހުގެ މަސައްކަތްތައް މެދު ނުކެނޑޭނެހެން އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުމަށް އެ މިނިސްޓްރީގެ ސާކިއުލާގައި އިލްތިމާސްކޮށްފައި ވެއެވެ.