ބ.ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ
ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހިންގި 45.1 މިލިއަން ރުފިޔާގެ މި މަޝްރޫއު ފުރިހަމަކޮށް ނިންމާލާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށިލުމާއި، 214 މީޓަރު އެއްގަމު ތޮށިލުމާއި 317 މީޓަރުގެ ރިވެޓްްމެންޓް ޖެހުމާއި، ބަނދަރު ސަރަހައްދުގައި 908 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ފުރިހަމަ ކޮށްފައެވެ.
އަދި ބަނދަރާއި ރަށާ ގުޅާލުމަށް 812 އަކަމީޓަރުގެ ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި ސެޓްލްމެންޓް ޓޭންކް ހެދުމުގެ މަސައްކަތްވެސް ފުރިހަމަ ކުރިއެވެ.
މިމަޝްރޫއު ހިންގުމަށް އެމްޓީސީސީން ފެހެންދޫގައި ހޭދުކުރި މުއްދަތުގައި އެރަށަށް ބޭނުންވެފައިވާ ގިނަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެރަށު ދޯނި އެހެލާ ސަރަހައްދު ފުންކޮށްފިނުމާއި، ވިއްސާރަވެ، ފެންހެދޭ ސަރަހައްދުތަކަށް ވެލިއަޅައި އެއްވަރު ކޮށްދީފައި ވާނޭކަމަށް އެކުންފުނިން ބުނެއެވެ.
އިތުރަށް ފެހެންދޫ ރައްޔިތުން މޫދަށް އެރޭ ސަރަހައްދު ވެލިއަޅައި ސްލޯޕެއް ގާއިމުކޮށްދިނުމާއި، ހިއްކާފައިވާ ސަރަހައްދުގައި ރުއް އިންދުމާއި ކުނި މެނޭޖްކުރާ ސަހަރައްދު ސާފުކޮށްދީފައި ވެއެވެ.