ގާފަރު ބަލިކޮށް އޭދަފުށި ފައިނަލަށް

img-1787.jpeg

ކ. ގާފަރު ބަލިކޮށް އޭދަފުށި ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލްގެ ދެވަނަ ޖާގަ ކަަަށަވަރުކޮށްފި އެވެ.

ރޭ ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އޭދަފުށިން ގާފަރު ޕެނަލްޓީގައި ބަލިކުރީ 6-5 އިންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 2-2 އިން ފުރިހަމަ ވަގުތު އެއްވަރުވެގެންނެވެ.

ރޭގެ މި މެޗަކީ ގާފަރާއި އޭދަފުށީގެ ކުރިމަތިލުން އާދަޔާހިލާފަށް ފޯރިގަދަކޮށް ، ހަމަލާތައްވެސް ގިނަ މެޗެކެވެ. ދެޓީމުގެ ގޯލްކީޕަރުންވެސް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ފުރިހަމަ ފުޓްސަލް މެޗެކެވެ.

ފުރަތަމަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ގާފަރު ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. އޭދަފުށި ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ހިފައިން ގޮސް ޕެނަލްޓީ އޭރިއާގެ އަރިމަތިން ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ގާފަރު ޓީމަށް ކާމިޔާބުކޮށްދިނީ އަލީ މާއިސް (މައްޓު) އެވެ.

ގާފަރުން ގޯލެއް ކާމިޔާބު ކުރިފަހުން ވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. މިގޮތުން އޭދަފުށި ޓީމުގެ އަލީ ފާސިރު (ސެންޓޭ) އަދި ހަމަ އެ ޓީމުގެ ހައިސަމް ހަސަން އަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އަދި މީގެ އިތުރުން ގާފަރު ޓީމަށް ވެސް ލީޑު ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ދެޓީމުގެ ކީޕަރުންގެ ތަފާތު ފެނުނު އިރު، ގާފަރުގެ ފައްޔާޒް ފަޔާޒް (ފައިއްޓެ) ވަނީ ފުލުފުލުގައި ރަނގަޅު ސޭވްތައް ކޮށްފައެވެ. މުހައްމަދު ފާސިރާއި ސެންޓޭގެ އިތުރުން ހައިޝަމް ހަސަން (ބިޑި)ގެ ބޯޅަތައް ފައިއްޓެ ދިފާއުކުރި އިރު، މެޗުގައި އޭދަފުއްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ ސެންޓޭއެވެ.

މި ގޯލަށް ފަހުވެސް ވާދަވެރި ކުޅުމެއް ފެނުނު މި ހާފުގައި އޭދަފުށިން ހަ ފައުލް ކޮށްގެން ގާފަރު ޓީމަށް ދުރު ޕެނަލްޓީއެއް ވަނީ ލިބިފައެވެ. މި ޕެނަލްޓީ ގާފަރު ޓީމުގެ އިބްރާހިމް ރިމާހް (ރިމޭ) ފޮނުވާލި ނަމަވެސް އޭދަފުށި ގޯލު ކީޕަރު ވަނީ އެ ހަމަލާ ހުއްޓުވާފައެވެ.

ފަހުވަގުތު ޝަނާން ޖެހި ގޯލުން ގާފަރު މޮޅުވާން ދިޔަ ނަމަވެސް، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ ފަހު މިނެޓުގައި އޭދަފުއްޓަށް ނަތީޖާ ހަމަހަމަކޮށްދީ މެޗު ޕެނަލްޓީއަށް ގެންގޮސްދީފައެވެ. ޕެނަލްޓީއަށް ދެޓީމުންވެސް ކީޕަރު ބަދަލުކުރި އިރު، ދެ ކީޕަރުންގެވެސް ސޭވްތައް ފެނިގެން ދިޔައެވެ.

ގިނަ ޕެނަލްޓީތަކެއް ޖެހި ސެމީ މެޗުގައި 6-5 އިން މެޗު، އޭދަފުށި މެޗު ކާމިޔާބުކުރި އިރު، މިއީ އެޓީމުން ފައިނަލަށް ދިޔަ ދެވަނަ ފަހަރެވެ. ފައިނަލްގައި އޭދަފުށި ނުކުންނާނީ ގަމާ ދެކޮޅަށެވެ. މިމެޗު އޮންނާނީ މިމަހުގެ 7 ވަނަ ދުވަހު، ރެހެންދި ފުޓްސަލް ދަނޑުގައި ރޭގަނޑު 21:00 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top