ސަޕޯޓަރުންގެ ލޯތްބާއި، ތާއީދުފެނި ފާތުންގެ ލޮލުން ހިފެހެއްޓުމެއްނެތް ކަރުނަ

l_169385038032Nsmg.jpeg

ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ފުރަތަމަ ފަހަރަށް އެކަމަނާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، ރޭ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ވަޑައިގަތުމުން އެކަމަނާއަށް އޮތް ލޯތްބާއި ތާއީދު ފެނި ފުން އަސަރެއް ކޮށްފި އެވެ. އެކަމުގެ ސަބަބުން މެޑަމް ފާތުންގެ ލޮލުން ކަރުނަހިލި އިތުރަށް އެ ވަގުތު ސަޕޯޓަރުންނާ ސަލާމް ނުކުރައްވާ އިށީންނެވިއެވެ. އަދި ޓިޝޫ އަކުން ކަރުތައް ފުހެމުން ދިޔައިރު އަރިސް ބައެއް ކަނބަލުން ވަނީ އެކަމަނާއަށް ހިތްވަރު ދެއްވާފައެެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ހަރަކާތްތެރިކޮށް ފެނިވަޑައިގަތް މެޑަމް ފާތުން ގިނަ ދުވަސްތަކަކަށް ފަހު މިރޭ އިދިކޮޅު ‘ރައްޔިތުންގެ ޖަގަހަ’ އަށް ވަޑައިގެންނެވީ އެކަމަނާ އުޅުއްވާ ހ. ދޫވެހިން ނުކުމެ ހިންގަވާފައެވެ.

ކާނިވާ ސަރަހައްދުގައި ހުންނަ އެ ޖަގަހަށް އެކަމަނާ ވަޑައިގަތް އިރު ވެސް މަގުމަތީގައި ކޮންމެވެސް ވަރަކަށް އިދިކޮޅު ސަޕޯޓަރުން ތިއްބެވެ. އެ ވަގުތު ވާރޭ ވެހެން ފެށުމާއެކު މެޑަމް ފާތުން ވެސް ސީދާ ވަޑައިގަތީ ޖަގަހައަށެވެ.

ސަލާމް ކުރައްވަމުން މެޑަމް ފާތުން ޖަގަހައަށް ވަތް އިރު އެކަމަނާގެ އަގު ވަޒަންކޮށް ހަދާފައިވާ ލަވަ ވެސް ޖަހާފައި ހުއްޓެވެ.

މެޑަމް ފާތުން ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަކީ ވަރަށް އުފާވެރި ވަގުތުކޮޅެއް ނަމަވެސް މިއީ އުފާފާޅުކުރަން އެހާ ފަސޭހަ ވަގުތެއް ނޫން ކަމަށް އިދިކޮޅު ކެންޑިޑޭޓްގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވިއެވެ.

“ޚާއްސަ ގޮތެއްގައި ރައީސް ޔާމީންގެ އާއިލާއަށް މެޑަމް ފާތުންނަށް މިއީ އެހާ ފަސޭހަ ވަގުތެއް ނޫން,” އެއްވެފައި ތިބި ސަޕޯޓަރުންނާ މުޚާތަބުކޮށް ސެންބެ ވިދާޅުވިއެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި މެޑަމް ފާތުން ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމުން އާދަމް ޝަރީފް ވަނީ އެކަމަނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

އާދަމް ޝަރީފު ވިދާޅުވީ ފާތުން ކެމްޕޭނުގައި މިރޭ ބައިވެރިވެވަޑައިގެންނެވީ އާލަސްކަންފުޅާ އުޅުއްވަމުން ކަމަށެވެ. އަދި މިރޭ އެ ޖަގަހައިން ފެނިގެންދާ މަންޒަރަކީ ކުރިއަށް އޮތް އިންތިހާބުގައި އެންމެ ބޮޑު ކުލައެއް ޖައްސާނެ މަންޒަރު ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމު ޝަރީފު ވިދާޅުވީ މުއިއްޒުގެ ވެރިކަމުގައި އެންމެ ފުރަތަމަ ވެސް ކުރައްވާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށާއި ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތުގައި ޕީޕީއެމް/ޕީއެސްނީ ވަރުބަލި ނުވާނެ ކަމަށެވެ.

މުއިއްޒުގެ ކެމްޕޭނަށް ފާތުން ނުކުމެ ވަޑައިގެންނެވި އިރު މުއިއްޒާ މެދު ރައީސް ޔާމީން ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށް ވާހަކަތައް ދަނީ ފެތުރެމުންނެވެ.

ބައްދަލުވުން ނިންމާލުމަށްފަހު މެޑަމް ފާތުން ވަނީ އިދިކޮޅު ސަޕޯޓަރުންނާ އެކު ގްރޫޕް ފޯޓެއް ނަންގަވައި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ އަށް ތާއީދުއޮތްކަން ދައްކުވައިދީ އަތްޕުޅުން ހަތަރެއް ދައްކަވާލައްވާފައެވެ.

އެއަށްފަހު އެކަމަނާ ހިންގަވާފައި ގެކޮޅަށް ވަޑައިގަތްއިރު އިދިކޮޅު ސަޕޯޓަރުން ވަނީ ކާނިވާ ސަރަހައްދުން ފެށިގެން ހ. ދޫވެއްސާ ހަމައަށް ދިގި ކިޔުއެއް ދަމާލާފައެވެ. ފޮޓޯ ނަންގަވައި ސަޕޯޓަރުންނާ ސަލާމް ކުރައްވުމުގައި ގަޑިއެއްހާއިރު އެކަމަނާ ހޭދަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top