އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސި އިންތިޚާބުގައި ވޯޓުލާއިރު އިލްމުވެރިންގެ ތާއީދު އޮތް ބޭފުޅެއް ބެލުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ގުޅުމުން، އިލްމުވެރިންގެ މެދުގައި ނެގި ޚިޔާލް ހޯދުމުގެ ވޯޓުން ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ސާފު އަޣުލަބިއްޔަތު ހޯއްދަވައިފި އެވެ.
ރޭ ނެގި މިވޯޓުގައި އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ އަދަލާތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުންވެސް ބައިވެރިވިއެވެ.
މިވޯޓުގެ 82 އިންސައްތަ ޑރ.މުއިއްޒަު ހޯއްދަވާފައިވާއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 4 އިންސައްތަ ވޯޓެވެ.
ނުވަ އިލްމުވެރިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރެއްވި އިރު ފަސް އިލްމުވެރިން ތާއީދު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނަށް އެއް އިލްމުވެރިއަކު ތާއީދު ކުރެއްވިއެވެ. އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަސަން ޒަމީލަށް އެންމެ އިލްމުވެރިއެއްވެސް ތާއީދު ކުރައްވާފައެއް ނުވެއެވެ.
ގައުމީ ޔުނިވާސީޓީގެ އެސިސްޓެންޓު ޕްރޮފެސަރ އަދި އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ރާއްޖޭގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ އޮންނަ 356 މީހުން ތިބި އިރު އޭގެ ތެރެއިން 87 މީހަކު މުއިއްޒަށް ތާއިދު ކުރުމަކީ އެއީ މެޖޯރިޓީތޯ ސުވާލު ކުރައްވާފައެވެ.
އިލްމުވެރިންގެ ގުޅުމުން މީގެ ކުރީން ވަނީ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިސްލާމް ދީން ހިމާޔަތްކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށްވެސް އެ ގުޅުމުން ބުނެއެވެ.