ބ. އޭދަފުށީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ފަހުން އޭދަފުށީގައި މިއަދު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 30 ރ. އަށެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީ އިގުތިސާދަށް ވަރުގަދަ ލޮޅުމެއް އަރައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
އެގޮތުން ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ މައި ކުންފުނި އެސްޓީއޯ އިން ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ތެލުގެ އަގު ބޮޑުކޮށްފައެވެ. އެސްޓީއޯ އިން ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 2.51 ރުފިޔާ ބޮޑުވެ، މިހާރު ވިއްކަނީ 16.01 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރަކުން 3.62 ރުފިޔާ ބޮޑުކޮށް، މިހާރު ވިއްކަމުންދަނީ 17.54 ރުފިޔާއަށެވެ. މިއީ ޕެޓްރޯލުން 18.6 އިންސައްތަ އަދި ޑީސަލުން 26 އިންސައްތައިގެ ބޮޑުވުމެކެވެ.
މާލެއަށް ފަހު އެންމެ ގިނަ ބަޔަކު ދިރިއުޅޭ އައްޑޫގައި ވެސް ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. މިގޮތުން، އެ ސިޓީގައި މިހާރު ފެޓްރޯލް ލީޓަރެއް ލިބެނީ 29.26 ރުފިޔާއަށް ކަމަށްވާއިރު، ޑީސަލް ލީޓަރެއް ވިއްކަނީ، 30.13 ރުފިޔާއަށެވެ.
ރާއްޖޭގައި އާންމުކޮށް ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްްއެސްއެމް) އިން ތެޔޮ ގަނެގެންނެވެ. އެހެންވެ އެ ފަރާތްތަކުން ވެސް ފައިދާ ލައިގެން ވިއްކާ އިރު، މި ވަގުތު އައްޑޫން ޕެޓްރޯލާއި ޑީސަލް ވިއްކަމުންދާ އަގާ މެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުނިން ބުނެފައި ވަނީ ރާއްޖެ އަށް ތެޔޮ ގެނަމުގައި މި ވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ.
ހަނގުރާމަ ފެށުނުތާ ހަތަރު ދުވަސްފަހުން، މި މަހުގެ ތިން ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވަނީ އެ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
އޭދަފުށީގައި ޕެޓްރޯލްގެ އަގު ބޮޑުވެފައިވާ އިރު ސަރުކާރުން އަންނަނީ އެސްޓީއޯ އަގަށް ތެޔޮ ގަންނަން ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އޭދަފުށީގައި ޕެޓްރޯލް ޝެޑެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މިހާރުވަނީ ނިމުމަކާ ހަމައިގައެވެ.






