މިއަދު އިހުސާސްކުރެވޭ ހޫނުމިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މަތިވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
އިހުސާސްކުރެވޭ ހޫނުމިން މިއަދު ހުރީ 35 ޑިގްރީ ސެލްސިއަސް ގައެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހާއި އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވެފައި އިހުސާސްކުރެވޭ ހޫނު މިންވެސް މައްޗަށް ދެއެވެ.
މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފިނިހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށާއި، އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޫނުމިން ތަފާތުވިކަމުގައި ވިޔަސް، ހުރިހާ ސަރަހައްދަކަށް ވެސް ހޫނުމިން މަތިވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މިއަދުގެ ހޫނުމިނަށް ބަލާއިރު، މާލޭގެ ހޫނުމިން އުޅެނީ 32 ޑިގްރީސް ސެލްސިއަސްގައެވެ. އުތުރުން ހަނިމާދޫގައި 29 ޑިގްރީސް ސެލްސިއަސްގައި ހޫނުމިން ހުރިއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ. މެދު ދެކުނަށް ބަލާލާއިރު، ލ. ކައްދޫގެ ހޫނުމިން އުޅެނީ 30 ޑިގްރީސް ސެލްސިއަސްގައެވެ.
އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާން ފަށާފައިވާއިރު، މި ދުވަސްވަރަކީ ރޯދަ މަހަށްވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.








