ރާއްޖެއަށް ގޭސް އެތެރެކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭހުން އާންމުކޮށް ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފިއެވެ.
މޯލްޑިވް ގޭސްއިން މި ބަދަލު ގެނެސްފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭސް ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގެ އަސަރު އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކަށް ވެސް ވަނީ ފޯރާފައެވެ.
މޯލްޑިވް ގޭހުން ގެނައި މި ބަދަލާއެކު، ކުރިން އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި، މިހާރު ވިއްކަމުން ދަނީ އޭގެ ދެބައިކުޅަ އެއްބައި ކަމަށްވާ ފަސް ކިލޯގެ ގޭހެވެ. އެހެންކަމުން، މިހާރު 10 ކިލޯގެ ފުޅިއެއް ކަސްޓަމަރުންނަށް ލިބޭނީ އޭގެ އެތެރެއަށް ފަސް ކިލޯގެ ގޭސް އަޅައިގެންނެވެ.
މީޑިއާއަކަށް މައުލޫމާތު ދެމުން މޯލްޑިވް ގޭހުގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ލިބެން ހުރީ ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް 100 ރުފިޔާއަށް ކަމަށެވެ. މިއީ ގޭހުގެ ޝޯޓޭޖެއް އުޅޭތީ މިވަގުތު ލިބެން ހުރިވަރު ކަމަށް އެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ މޯލްޑިވް ގޭސްއާއި ވިލާ ގޭސްއިން މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކާފައިވެއެވެ.
މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފައި ވާއިރު، ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ދެއްވާފަ އެވެ.








