އޮންލައިން މުއާމަލާތްތަކުގައި ރަސްމީ އަދި ގާނޫނީ ގޮތުން ގަބޫލުކުރެވޭ ޕޭމަންޓް ގޭޓްވޭތައް އެކަނި ބޭނުންކުރުމަށް ފުލުހުން ބާރުއަޅައެވެ. އޮންލައިން ޝޮޕިން ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގާ ސްކޭމްތަކާމެދުވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އެދިފައިވެއެވެ.
މީގެއިތުރުން ދަންނަ މީހަކު ކުއްލިއަކަށް ޒާތީ މައުލޫމާތެއް ނުވަތަ ފައިސާ ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީން ކުރުމަށް ވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.
ފުލުހުން ދީފައިވާ މައުލޫމާތުގައި، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ޝައްކުކުރެވޭ މުއާމަލާތްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް ބުނެފައިވެއެވެ. އަދި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކޮށް، ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ފުލުހުން ހަނދާންކޮށްދީފައިވެއެވެ.







