ކަލޮން ސެލޫން އާއެކު ނަޝީތުގެ ހުވަފެންތަކުގައި ކުލަޖައްސައިފި

viber_image_2022-12-07_20-00-57-225.jpg

ކަލޮން ސެލޫން

(ގައްޔޫމް ނަސީރު)  އަމިއްލަ ރަށް، އޭދަފުށީގައި ސެލޫން އެއް ހުޅުވުމަކީ ނަޝީތު ޔޫސުފް ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެކެވެ.  އެހުވަފެނުގައި ކުލަޖެއްސުމަށް ގިނަ މަސައްކަތް ތަކެއް ކުރުމަށް ފަހު މިއަދަކީ އެހުވަަފެނުގައި ކުލަޖެހުނު ދުވަހެވެ. އެންމެ ފަހުގެ އާލާތްތަކާއި ޕްރޮފެޝަނަލް، ތަޖްރިބާ ހުރި އަންހެން ޓެކްނީޝަނަކާއި އެކު އިއްޔެ ހަވީރު ޒުވާން ނަޝީތުގެ ”ކަލޮން ސެލޫން“ ހުޅުވައިފި އެވެ. އެކަމަކު އަބަދު ހިނިތުންވެލައިގެން ހުންނަ ނަޝީތު އެއް ނުފެނެ އެވެ. އެ މަންޒަތުތައް އޭނާ ބަލަން ޖެހުނީ ސްރީލަންކާގައި ހުރެގެން ލައިވް ވީޑިއޯއިންނެވެ. އޭނާ ފުރިހަމަ ކުރަމުން ގެންދާ ޕައިލޮޓް ކޯސް ނިމުމުގެ ފަހު މަރުހަލާ ކަމަށް ވާތީ ނާދެވުނީ އެވެ. ސެލޫން ހުޅުވައިދެއްވީ އޭނާއަށް މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި، ލޮބުވެތި މަންމަ އަދި އޭދަފުށީ ކައުންސިލުގެ ވޭތުވެދިޔަ ދައުރުގެ އެންމެ ހަރަކާތްތެރި އެއް މެންބަރު ހައްވާ ސަމީހާ އާއި އޭދަފުށީގައި ސެލޫން އެއްގެ މުހިއްމުކަމުގެ ވާހަކަ، އެކި މުނާސަބަތުތަކުގައި ވަރަށް ބާރަށް ދައްކަމުން އައި އޭދަފުށީ މީހަކާ އިދެގެން އުޅޭ ފިލިޕީންސަށް އުފަން ރަހުމާ (ރާނީ) އެވެ.

ކިހިނެއް ފެށުނު ކަމެއް؟ 

އިއްޔެ އާއި މިއަދު ވަރަށް ތަފާތެވެ. މިއަދަކީ ޕާޓީތަކާއި އެކިއެކި އޮކޭޝަން ތަކަށް މޭކަޕާ ނުލައި ދިއުން އައިބު ކަމަށް ދެކޭ ޒަމާނެވެ. ވަށައިގެން ހުރި މުއްސަނދި ރިސޯޓު ތަކުގައި ވަޒީފާ އަދާކުރާ އަންހެން ކުދިން ސަތޭކައިން ގުނާލެވޭނެ އެވެ. އޭދަފުއްޓާއި އަތޮޅު ތެރެއިންވެސް މިޚިދުމަތް ބޭނުންވާ އެތައް ބަޔަކު ތިބި އިރު އޭދަފުށީގައި މި ޚިދުމަތް ލިބޭނެ ތަނެއް ނެތުމަކީ އޭދަފުށީގެ އުނި އަދި ފަޅު ކަމެކެވެ. އެތައް ބަޔަކު އެދިއެދި ތިބި ކަމެކެވެ.

”ބޭނުންވީ އާ ޚިދުމަތެއް ތައާރަފު ކުރަން. އޭދަފުށީގައި ހުރިހާ ވައްތަރެއްގެ ވިޔަފާރި ކުރިއަށް އެބަދޭ. ކޭކެ އެޅުން، އޮންލައިން ކްލޯތު ޝޮޕިންގ، ކާޕެންޓްރީ، ކްރިއޭޓިވް އާޓްސް، ގާޑިޔާ ވިޔަފާރި، މިހެން ގޮސް ހުރިހާ ކަމެއް. އެކަމަކު ސެލޫން އެއް ނެތް. އެއީ އެތައް ބަޔަކު ބޭނުން ވާކަމެއް. އަތޮޅު ތެރޭގައިވެސް ދުވަހަކުވެސް އަންހެނުންނަށް ޚާއްސަ ސެލޫނެއް ހުންނަ ވާހަކައެއް ނީވޭ. ފިރިހެނުންގެ ސެލޫނަކަށް ދިޔަސް އެތަނުގެ މީހާ ބުނާނެ އަންހެނުން ބައިވަރު އާދެޔޭ ބޯކޮށަން.“ ނަޝީތު ބުންޏެވެ.

މިއީ އެހާ ފަސޭހަ ކަމެއް ނޫންކަމަށް ކުރިން ހީކުރެވުނު ނަމަވެސް ބޭނުންވީ ކިތަންމެ ބުރައެއް އުފުލައިގެން ވިޔަސް ނަތީޖާ އާއި ހަމައަށް އަންނާށެވެ.

”ފުދޭ ވަރަކަށް އުނގަދޫވީ އަސްލު ފުރަތަމަ ކޮޅު. އެކަމަކު ފަހުން އަމިއްލަ އަށް ރިސާޗް ހަދައި މާލޭގައި ސެލޫން ހިންގާ މީހުންނާއި ވާހަކަ ދައްކައިގެން އެމީހުންގެ އެހީ ވަރަށް ބޮޑަށް ލިބުނު. އަނެއް ކޮޅުން ޕައިލޮޓް ޓްރެއިނިންގ އާއި އެކު، މިހާރު ޑިގްރީވެސް ހަދަމުން މިދަނީ ބިޒިނަސް އެޑްމިނިސްޓްރޭޝަން އިން. އެއިން ވެސް ވަރަށް ބޮޑަށް އެހީ ލިބުނު އަމިއްލަ އަށް ފަށައިގަންނަން.“

މިއީ ބ.އަތޮޅުގައި ހުޅުވި ފުރަތަމަ ސެލޫން

އެކަމާ ނަޝީތު ހުރީ ފަހުރުވެރިވެއެވެ. އަންހެނުންނަށް ހާއްސަކޮށްގެން ބ.އަތޮޅުގައި ހުޅުވި ފުރަތަމަ ސެލޫންގެ ފަޚުރާއި އެކު އަންހެނުންނަށް ޚިދުމަތެއް ކޮށްދެވުނީތީވެ ނިކަން އުފާވެސް ވެފަ އެވެ.

”އަސްލު ވަރަށް ބޮޑު ފަޚުރެއް ކަން ނޭނގެ މިއީ. މި އަތޮޅުގައިވެސް އެންމެ ފުރަތަމަ އަންހެން ސެލޫނެއް ހުޅުވުން.  އެވެސް އުމުރުން 21 އަހަރުގަ. އެހެންވީމާ އެކަމަށް އަހަރެން ފަހުރު ވެރިވޭ. އުންމީދު ކުރަނީ މިކަން ވީހާވެސް ކާމިޔާބާއެކު ދާނެކަމަށް.“

އޭނާ ބުނީ ސެލޫން ގެ ޚިދުމަތް ބޮޑަށް އަމާޒު ކުރަނީ ރިސޯޓުތަކަށާއި އަތޮޅުގެ އަންހެނުންނަށް ކަމުގައެވެ.

މިތަނުން ލިބެނީ ކޮން ޚިދުމަތްތަކެއް؟ 

އިވްނިންގ އަދި ބްރައިޑަލް އަދި މިނޫން އޮކޭޝަން ތަކަށް އެންމެ ފަހުގެ ޓްރެންޑްސް އަށް ބޯކޮށުމާއި ހެޔާ ސްޓައިލް އާއި ވެކްސް ކުރުމާއި ބޮލުގައި ކުލަޖައްސައިދިނުމާއި ހެޔާ ޓްރީޓްމެންޓްސް އާއި މިހެން ގޮސް ސެލޫން އަކުން ލިބެން ހުންނަ ގިނަ ޚިދުމަތްތަކެއް މި ތަނުން ލިބެން ހުރެ އެވެ.

މި ޚިދުމަތް ދޭނީ މި ފަންނުގައި މަސައްކަތް ކުރާތާ 3 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖްރިބާ ހުރި އެންވީކިޔޫ ލެވެލް 4 ގެ ސެޓްފިކެޓް އޮތް ސްރީލަންކާގެ ބިއުޓީޝަން އެކެވެ

އަމާޒު

ކަލޮން ސެލޫން އާމެދު ނަޝީތުގެ އުއްމީދު ތައް ހުރީ ވަރަށް އުގައެވެ. އޭނާގެ އަމާޒަކީ އެންމެ ފަހުގެ ޓްރެންޑްސް އާއި ސްޓައިލް އަށް ފޮލޯ ކޮށްގެން މި ތަން ކުރިއަށް ގެންދިއުން ކަމަށް ބުންޏެވެ. ”ކަލޮން ސެލޫން އަކީ ޚިދުމަތުގެ ގޮތުން އަތޮޅުގައި ނަންހިނގާ ތަނަކަށް ވުން ބޭނުންވަނީ. މި ވިޔަފާރި ސަކްސަސްފުލް ވާން ބޭނުމީ.“

ނަޝީތު ހުރީ މި ވިޔަފާރީގެ ކާމިޔާބާއެކު ކުރިމަގުގައި ދެ ޖިންސުގެ މީހުންނަށް ޚިދުމަތް ދޭ އިތުރު ސެލޫން އެއްގެ ޚިދުމަތް ފޯރުކޮށްދޭ ހިތުންނެވެ. ސްކިން ކްލިނިކަކާ ވެސް އެކުގައެވެ. އެކަމަކު އެޚިޔާލުގަި އަމަލީ ސިފަ އަންނާނީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތާއި އަޅައި ކިޔޭވަރުގެ އަގެއްގައި ޚިދުމަތް ދެވޭކަމަށް ވާނަމަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top