ސޮބާސް ކިޗަން: ރެސްޓޯރެންޓް ތަކަށް އާ އިންގިލާބީ ފެށުމެއް

photo_2022-11-19_13-58-35.jpg

ސޮބާސް ކިޗަން؛ ބައެއް ސްޓާފުންނާއި އެކު ޚިދުމަތުގައި

(ގައްޔޫމް ނަސީރު ) އޭދަފުށީގައި ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓެއް ހިންގުމަކީ އޭދަފުށީ ނާޒް، ސޮލާހު އަބްދުއްޝަކޫރު (ސޮލާ) އާއި ބިންހިމަގޭ އަބްދުﷲ ސޮބާހުގެ ހުވަފެނެކެވެ. ކިޔަވައި ނިމިގެން ރިސޯޓު ލައިފް ޚިޔާރު ކުރީ ވެސް އެހެންކަމަށް ވެދާނެ އެވެ. ރިސޯޓު ތަކުގެ އެފްއެންބީ އާއި އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ މަތީ ލެވެލްގައި އަހަރު ތަކެއް ވަންދެން މަސައްކަތް ކުރީ މިކަމަށް ބޭނުންވާ ތަޖްރިބާ ހޯދުންކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެހުރިހާ ތަޖްރިބާ އަކަށްފަހު އޭނާގެ އަމިއްލަ ގޯތީގައި 5ބުރިއަށް އިމާރާތް ކޮށްފައިވާ ބިލްޑިންގގެ 3 ވަނަ ފްލޯގައި ފެންނަން އެހެރަ ”ސޮބާސް ކިޗަން“ އަކީ އެ އުއްމީދާއި ހުވަފެން ތަކުގެ ތައުބީރެވެ.

އޭދަފުއްޓަކީ ތަފާތު ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތް ކުރާ ރަށަކަށް ވެފައި، ރަށުގެ ވަަށައިގެން އޮތް 18 ރިސޯޓުގެ ޓޮޕް ލެވެލްގެ ބޭފުޅުންނާއި އޭދަފުއްޓަށް ޒިޔާރަތް ކުރާ ދައުލަތުގެ އިސް ވެރިންނާއި އެކަށީގެންވާ ފެންވަރުގެ ރެސްޓޯރެންޓެއް ސޮލާ ގަބޫލު ކުރާ ގޮތުގައި ނެތެވެ. އެޖޯޑު ބިޖޯޑުވެގެން ނުވަތަ ޖޯޑުޖޯޑަށާއި އާއިލާތަކަށް ވެސް ހިތްހަމަ ޖެހިލައިގެން އަރާމާއެކު އަމިއްލަ ޕްރައިވެސީގައި މީރު ކެއުމަކަށް އިންސާފު ކޮށްލަން ދާނެ ރެސްޓޯރެންޓެއް ނެތެވެ.

”ސޮބާސް ކިޗަން“ އުފަންވެގެން އައުމުގެ އަސްލަކީ މިއެވެ.

”ތަންތަން އެބަހުރި. ރީތިކޮށް އިމާރާތް ކޮށްފައި ރެސްޓޯރެންޓްތައް ވެސް ނެތީއެއް ނޫން. އެހެން ނަމަވެސް ސާވިސް އާއި ޚިދުމަތް އޮންޓައިމްގަ ނުދެވޭތީ މައްސަލަ އަކީ.“ސޮލާގެ ވާހަކަ ކުރިއަށް ގެންދެވި އެވެ.

ޒުވާން ސޮލާ ބޭނުންވީ އެ މަންޒަރު ބަދަލު ކޮށްލާށެވެ. ކުރިން ފެށިގެން ވެސް ދިވެހިންނަށް ޚިދުމަތް ދިނުމަށް ބޭނުން ކުރަމުން އައި މުސްކުޅި ކޮންސެޕްޓް ނިކަން ރަނގަޅަށް މި ޒަމާނަށް ގެންނާށެވެ. ސޮލާ ވިދާޅުވާ ގޮތުންނަމަ މުޅިން އާ ސްޓައިލަކަށް އާ ގޮތަކަށް އާ ކޮންސެޕްޓެއް ކްރިއޭޓް ކުރީއެވެ. ސޮބާ އާއި ސޮލާ ގުޅިގެން 35 މީހުންނަށް އެއް ފަހަރާ ޚިދުމަތް ދެވޭ ގޮތަށް ހުޅުވާފައިވާ ”ސޮބާސް ކިޗަން“ އަކީ އޭގެ ހަގީގަތެވެ.

”މި ކޮންސެޕްޓް ކްރިއޭޓް ކުރީ މީ ކޯއްޗެއްކަން މި ކޮމިއުނިޓީއަށް ދަސްކޮށްދޭން. މިސާލަކަށް ޓިޝޫ ޕޭޕަރު ބޭނުން ނުކުރުމާ ކެއުމުގައި ބަހައްޓަންޖެހޭ ރީތި އާދަތަކެއްް އެބަޖެހޭ ދަސްކޮށްދޭން. ރިޒޯޓް ލެވެލްގެ ސާވިސް، ސާވިސް ސްޓޭންޑަށް މިއަންނަނީ ބަދަލު ވެގެން. މި ކޮމިޔުނިޓީ އަށާއި ޚާއްސަކޮށް ވެރިންގެ ލެވެލްގައި މަސައްކަތްކުރައްވާ ސަރުކާރުގެ އޮފީސްތަކުގެ ބޭފުޅުންނަށް ފަސޭހަ ގޮތަކަށް ކެއުމުގެ އިންތިޒާމު ހަމަޖައްސާލުން ބޭނުމަކީ. އެކޮންސެޕްޓަށް ކްރިއޭޓް މިކުރީ. އޭތި ގަބޫލުކޮށްފި. ފީޑް ބެކްވެސް ވަރަށް ރަނގަޅު.“ސޮލާ ވިދާޅުވިއެވެ.

އެހެން ރެސްޓޯރެންޓު ތަކާއި ތަފާތު އެންމެ ބޮޑު އެއް ބަދަލަކީ ކެއުމުގެ ގަޑިތަކަށް ވަގުތު ކަނޑައެޅުމެވެ.

”ސްޓޭންޑަޑް ޓައިމެއް ކަނޑައެޅީ އެއީވެސް ކެއުމުގެ ރަނގަޅު އާދަތަކާ އެއްގޮތަށް މީހުން އެވެއަރ ކުރުމަށް. ހެނދުނުގެ ސައި އޮންނާނީ 8.30 އިން 10 އަށް. ލަންޗް 12އިން 3 އަށް. ޑިނަރ 7 އިން 11 އަށް. 25 މީހުންގެ ރިކްއެސްޓެއް އަތުވެއްޖެ ނަމަ ބުފޭވެސް ތައްޔާރު ކޮށްދެން. ބޭނުމަކީ އެބޭފުޅަކު ބޭނުންވާ ސާވިސް އެއް މިތަނުން ޕްރޮވައިޑް ކޮށްދިނުން.“ ސޮލާ ވިދާޅުވީ އެންމެ ބޮޑު ޓާގެޓަކީ އެއީ ކަމުގައެވެ.

ސޮބާ ކިޗަންގައި ޓީސޫޕޭޕަރު ނުގެންގުޅެއެވެ. އެއްވެސް ކެއުމަކުން ޕާޕަރު ނުލިބެ އެވެ. ބޮޑު ޓީވީއިން އަޑުގަދަކޮށް ލަވަޖެހުން ނުވަތަ މެޗުތައް ނުދައްކައެވެ. އެއްވެސް ޗެނަލް އެއް ނުދައްކަ އެވެ. އެހެން ނަމަވެސް ހިތްހަމަޖެހޭ ކަހަލަ މިއުޒިކެއް ނުވަތަ އާއިލާ އެކުގައި ތިބެގެން ބަލައިލެވޭ ލަވައެއް ހުންނާނެއެވެ.

”ރެސްޓޯރެންޓު ތަންތަނުގަ ޕާޕާރު ކާއިރު އެންމެން ޕާޕަރު ކާއަޑު އިވުން ރީއްޗެއް ނޫން. އަޅުގަނޑުމެން ބޭނުން ނުވޭ ޓިޝޫ ޕޭޕަރު ބޭނުން ކޮށްގެން މޭޒުމަތި ހަޑި ކުރާކަށް. އެހެންވެ ކޮންމެ މޭޒެއްގައިވެސް ކޮންމެ ބޭފުޅަކަށްވެސް ބަހައްޓާފަ ހުންނާނީ ހައިލެވެލް ރެސްޓޯރެންޓު ތަކުގައި ގެންގުޅޭ ރުމާ. އަޅުގަނޑުމެން ހެދި ޓްރޭނިންގ ތަކުގައި ވެސް ބުނާނެ ކާއިރު ވަރަށް ސްމޫތު ކޮށް ސައިލެންޓް ކޮށޭ މާހައުލު އޮންނަން ވާނީ.“

ސޮބާސް ކިޗަން: ޚިދުމަތް ހޯދަން އައިސްތިބި ދެ ފަތުރުވެރިން. ޚިދުމަތަށް ތައުރީފު ކުރި

އެހެންނޫނަސް ޕާޕަރުގެ ދެފަރާތުގައި ލާފައި އެހުންނަ ފުށަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށް ވެފައި ޑޮކްޓަރުން ލަފާ ދެއްވަނީ އެ ތެލުލަން ޖެހޭނީ ފުށްތައް ރަނގަޅަށް ސާފުކޮށްގެން ކަމަށް ވުމަކީވެސް ޕާޕަރާ ދުރަށް ދާންޖެހުނު ސަބަބެކެވެ.

ސޮބާސް ކިޗަން ގެ ފަރުނީޗަރާއި ކަޓްލަރީތައްވެސް ހުރީ ފައިވްސްޓާރ ފެންވަރުގައެވެ. އެއަށްވުރެ ބޮޑު ތަފާތަކީ ސޮބާއަކީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ސޮނެވާފުށި ރިސޯޓުގެ ޗީޕް ޝެފަކަށް ވުމެވެ. އިންޓަނޭޝަނަލް އެތައް އެވޯޑެއް ވެސް މި ރޮނގުން ހޯދާފައިވާ މާސްޓަރ ޝެފެކެވެ. މި ތަނުގެ ކެއުންތަކުގެ ރަހަތަކުގައި ސޮބާގެ އަތް ހޭކިފައި ހުންނާނެ އެވެ. މިތަނުގެ ރަހަތަކުގައި އޭނާގެ ތަޖްރިބާގެ މީރުކަން ހުންނާނެ އެވެ. އޭނާގެ ދެވަނަ ބަދިގެ އަކީ މިއީއެވެ. އެހެންވީމާ ތަނުގެ ރަހަތަކާއި ބެހޭ ގޮތުން ސުވާލު އުފައްދާނެ އިތުރު ޖާގައެއް ނޯންނާނެ އެވެ.

އޭގެ ނަތީޖާ ދަނީ ފެންނަމުންނެވެ. ރިސޯޓުތަކުންނާއި އަތޮޅުގެ ގެސްޓްހައުސް ހުންނަ ރަށްރަށުގައި ސްޓޭ ވެގެން ތިބޭ ގެސްޓުންވެސް ދަތުރު ހަދައިގެން މިތަނަށް އައުމަކީ ތަނުން ލިބޭ ޚިދުމަތާއި ރަހަތަކުގެ ރަނގަޅު ކަމެވެ. ހޮސްޕިޓަލަށް ދައްކަން އަންނަ ދަތުރުވެރިންނާއި އޭދަފުށީގެ އޮފީސްތަކުގެ މުވައްޒަފުން އާއްމުކޮށް މި ތަނަށް ޒިޔާރަތް ކުރުމުގެ މާނައަކީ މި ތަނުން ދެވޭ ޚިދުމަތާއި އަގާއި އެއްވަރުވުމުން ކަމަށް ސޮލާ ގަބޫލު ކުރައްވައެވެ.

ކްސްތަމަރުންގެ ފަރާތުން ލިބެމުން އަންނަ ފީޑް ބެކް އާއި ހިތްވަރުގެ ބަސްތަކުން ޒުވާން ސޮލާއާއި ސޮބާ ތިބީ މި ރޮނގުން އިތުރު ފިޔަވަޅެއް ވެސް ކުރިއަށް އަޅަން ނިންމައިގެންނެވެ. ކޮފީޝޮޕެއްގެ ގޮތުގައި އެބިލްޑިންގެ ރޫޕް ޓޮޕް ހުޅުވާލުމެވެ. އެތަން ހުޅުވާލާއިރު އެތަން ވެގެން ދާނީ ޕާޓީ ތަކަށްވެސް ކޭޓަރ ކުރެވޭ ތަނަކަށެވެ.

”އެއީ ކޮފީ ޝޮޕް. މި ބަލަނީ ވޯލްޑްކަޕް ފެށުމުން މެޗްތައް ބަލައިލެވޭ ގޮތަށް އެތަން ހުޅުވޭތޯ.“

ފަހު ސުވާލު:”ސޮބާސް ކިޗަން“ އަށް އަންނަންވީ ކީއްވެ؟

ސޮލާ ވިދާޅުވަނީ މިހެންނެވެ. ”ރަހަތަފާތު، ސާވިސް ތަފާތު، ކެއުން ތަފާތު، ފަރނީޗަރަށް ބެލިޔަސް ކަޓްލަރީ އަށް ބެލިޔަސް އަދި ޝެފުންގެ ކޮލިޓިއަށް ބެލިޔަސް. އެހެން ތަންތަނާ ހުރިހާ ކަމެއްވެސް ތަފާތު ވާނެ.“

ސޮބާ ކިޗަން އަކީ ރެސްޓޯރެންޓް ތަކަށް އައި އިންގިލާބީ ފެށުމެކެވެ. ތަފާތު މާހައުލަކާއި ތަފާތު ރަހަތަކެއް އިހުސާސް ކޮށްލަން ބޭނުންވާ ބޭފުޅުންނަށް ސޮބާސް ކިޗަން ވެގެންދާނީ ފުރަތަމަ ޗޮއިސް އަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top