ޕްރިމިއަރ ލީގު ކުޅުމަށް ސައްޓު މިލަންދޫ ޓީމާ ގުޅިއްޖެ

19748654_1802989399717881_6762380776425061703_n.png

އޭދަފުށީގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެޓޭކިންގް މިޑްފީލްޑަރ އިޝާން އިބްރާހީމް (ސައްޓު) ށ. މިލަންދޫ ފުޓްބޯޅަ ޓީމަށް ކުޅުމަށް އެއްބަސްވެއްޖެއެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމުގެ ތެރޭ ހިމެނި ޕްރިމިއާ ލީގުން ފުރުސަތު ހޯދާފައިވާ މިލަންދޫއަށް ސައްޓު ކުޅެން އެއްބަސްވެފައިވަނީ މިއަހަރުގެ ޕްރިމިއަރ ލީގުގައެވެ. ސައްޓުއަކީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އޭދަފުށިން ކާމިޔާބުކުރިއިރު އެޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ.

ޕްރިމިއަރ ލީގަށް ޓީމް ވަރުގަދަ ކުރަމުންދާ މިލަންދޫން ސައްޓުގެ އިތުރުން ވިކްޓަރީގެ ބެންޗުގައި މި ސީޒަން ހޭދަކުރި އިމްރާނުގެ އިތުރުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އާދަމް އިމްރާން (އިންމަ) އާއި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޒެފްރޯލުގެ އިބްރާހިމް ޝިޔާމް (ބިއްލަ) ވެސް ގެނެސްފަ އެވެ.

ޕްރިމިއަރ ލީގުގައި ސައްޓު މިލަންދޫ ޓީމަށް ކުޅެން ނިންމިއިރު ފުރަތަމަ ޑިވިޜަންގެ މާލޭ ލީގެއްގައި އޭނާ ކުޅޭ މިއީ ފުރަތަމަ ފަހަރުކަމަށް ވާނެއެވެ. އޭނާއަށް މީގެ ކުރިން ފުރަތަމަ ޑިވިޜަންގެ ބައެއް ޓީމުތަކުން ހުށައެޅުން ލިބުނު ނަމަވެސް އެފުރުސަތުތައް ވަނީ ދޫކޮށްލާފައެވެ. ސައްޓުގެ އިތުރުން އޭނާގެ ބޭބެ އަބްދުލްމަޖީދު އިބްރާހީމް (ކެޕްޓަން މަޖިއްޓޭ) އަކީވެސް ފުރަތަމަ ޑިވިޜަންގެ ޓީމްތަކުން ރަނގަޅު އޮފާތައް ލިބި ދޫކޮށްލި ކުޅުންތެރިއެކެވެ.

މިއަހަރުގެ ޕްރިމިއަރ ލީގުގައި ވާދަކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމާއި މާލޭ ލީގުގެ ގަދަ ހަތަރު ޓީމެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަކީ ގދ.ތިނަދޫ، އއ.މާޅޮސް، ދ.ކުޑަހުވަދޫގެ އިތުރުން ށ.މިލަންދޫއެވެ. މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކީ މާޒިޔާ، ނިއުރޭޑިއަންޓް، ޓީސީ އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top