ބ.އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އޭދަފުށީގައި ބޭއްވި ކަސަބު ވިޔަން ދަސްކޮށްދޭ ކޯސް ނިންމާލައިފި އެވެ.
މިކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ އޭދަފުށީ މަލްޓިޕާޕަސް ހޯލްގައެވެ.
19 އަންހެނުން ބައިވެރި ވި މި ކޯހުގައި ކިޔަވައިދެއްވީ މިކަމުގެ ތަޖްރިބާ އާއި އިލްމުހުރި ގދ. މަޑަވެލީގައި ކަސަބުވިޔުމުގެ ވިޔަފާރި ކުރާ ކަނބަލެކެވެ.
އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ޒީމާ އިބްރާހީމް ވިދާޅުވި ގޮތުގައި ކަސަބު ބޯވަޅު ގެތުންފަދަ ގަދީމީ މަސައްކަތެއް ދަސްކުރުމުގެ ޝައުގުވެރިކަން ހުރި 19 ކަނބަލުން އުފެއްދުމަކީ ކޮމެޓީއަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި މި އަގުބޮޑު މަސައްކަތުގައި ކުރިއަށް ދިއުމަށް ކޯހުގެ ބައިވެރިންގެ ފަރާތުން އޭނާ އެދިވަޑައިގެންނެވި އެވެ.
ދިވެހި އަންހެނުންގެ ލިބާސް ޒީނަތްތެރި ކުރުމަށް ބޭނުންކުރެވުނު ގަދީމީ މަސައްކަތްތެރި ކަމެއްކަމުގައިވާ ކަސަބު ބޯވަޅު ގެތުމަކީ ދިވެހި އަންހެނުންގެ އަމިއްލަ އުފެއްދުމެކެވެ.
ކަސަބު ވިޔުމުގެ ބޭސިކް ކޯސް ކުރިއަށް ދިޔައީ އޮކްޓޫބަރު 20 އިން ނޮވެމްބަރު 6 ގެ ނިޔަލަށެވެ.