ދުންފަތް ބޭނުން ނުކުރާ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާމެއް ނުވަތަ އިނާޔަތެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެ އެވެ.
އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ކަރުދާހެއް ތައްޔާރު ކުރަން ކަމާބެހޭ މިނިސްޓްރީތަކަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
ދިވެހިން ދުންފަތާ ދުރުކޮށް ދުޅަހެޔޮ މުޖުތަމަަކަށް ހެދުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވޭޕް މަނާކޮށްފައިވާ އިރު، ސިނގިރެޓާއި ދުންފަތާ ގުޅުން ހުރި އެހެން ބާވަތްތަކުން ނަގާ ޑިއުޓީ ވެސް ބޮޑުކޮށްފައިވެ އެވެ.
މީގެ އިތުރުން ދުންފަތާ ދުރު ޒުވާން ޖީލަކަށް މަގުފަހި ކުރުމުގެ ގޮތުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތާ ގުޅޭ ތަކެތު ވިއްކުން ވެސް ވަނީ މަނާ ކޮށްފައެވެ.
ރާއްޖޭގައި ދުންފަތާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން، ރައީސަށް ހާއްސަ އެވޯޑެއް ވެސް ދާދި ފަހުން ވަނީ އަރުވައިފަ އެވެ.





