ގްރޭޑު 10 ގެ ބަދަލުގައި ސްކޫލު ތައުލީމު ނިންމާ މަރުހަލާ ގްރޭޑު 11، 12 އަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
އޯލެވެލް ނިންމާ ދަރިވަރުންނަށް އެވޯޑު ދިނުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ، އެގޮތަށް ކަނޑައެޅުމަކީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމުގައެވެ.
”ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، އޭ ލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި، އިރާދަކުރެއްވިއްޔާމުން މި ފަސް އަހަރު ނިމިގެންދާއިރު، ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް ބޮޑު ކަމެއް ކަމުގައި ފާހަގަކުރަން، މަނިކުފާނު (ރައީސުލްޖުމްހޫރިއްޔާ) ގެ ލަފާ ފުޅާއި އިރުޝާދާއި އެކުގައި އިރާދަކުރެއްވިއްޔާ އެކަން ހާސިލް ވެގެން ދާނެ.” ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ، އޭލެވެލް މަރުހަލާގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔަވާ ދަރިވަރުންގެ އަދަދު ގިނަ ކުރުމަށްޓަކައި 23 ސްކޫލެއްގައި މިދިޔަ އަހަރު ޕައިލެޓް ޕްރޮގްރާމެއް ފެށިކަމަށެވެ.
އެ ޕްރޮގްރާމުން ސަރުކާރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ 77 އިންސައްތަ އިތުރުވެގެން ދިޔަ ކަމަށާއި އަދި ސަރުކާރާއި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އެއްކޮށްލުމުން، އޭލެވެލް ކިޔަވާ ދަރިވަރުން މުޅި ރާއްޖޭގައި 38 އިންސައްތަ އިތުރުވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި އޮންނަނީ ގުރޭޑް 10 ނިމުމުން އެއީ ސްކޫލް ތައުލީމު ނިމުނީ ކަމަށް ބަލާ ގޮތަށެވެ.





