”ދަރިން ތަރުބިއްޔަތު ކުރުމަކީ ފަސޭހަކަމެއް ނޫން“

big_cXBVHqAameGn769cuuVRBb6LG.jpg

މެޑަމް ފަޒްނާ އަހްމަދު

އުމުރުގެ އެއްވެސް މަރުހަލާއެއްގައި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި، މުޖުތަމައުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، ދަރިން ތަރުބިއްޔަތު ކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވާލައްވައިފިއެވެ.

މެޑަމް ފަޒްނާ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނ. ކެނދިކުޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން “ޕޮސިޓިވް ޕޭރެންޓިން ޕްރޮގްރާމް” އިފްތިތާހުކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ދަރީންގެ ޅައުމުރުގައްޔާއި ފުރާވަރުގައި އެ ކުދީންގެ ތަރައްގީއަށް އިތުރު ހަރުދަނާކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިދީ ބާރުވެރިކުރުވުމާއި މައިންބަފައިންގެ އަމިއްލަ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދޭނެ ގޮތްތައް އަންގައިދިނުމެވެ.

މެޑަމް ފަޒްނާގެ މެސެޖުގައި އެކަމަނާ ވަނީ ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ ހުނަރާއި ފޭޑިއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަންތައްތަކެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން އެކަމަނާ ވިދާޅުވީ ކުދީންގެ ޅަފަތަކީ އެ ކުދީންގެ ކުރިމަގުގެ ބިންގާ ކަމަށެވެ. އެހެންކަމުން ދަރީން ހެޔޮ ގޮތުގައި ބޮޑުވެ ދުނިޔޭގައި ހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދިންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރު ކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމައާއި ބައްޕައާ ދެމީހުން ނުވަތަ ކުއްޖާގެ ބެލެނިވެރިން އެކުއެކީ މަސައްކަތް ކުރުމަށް ބާރުއެޅުއްވުމަށް އެދިވަޑައިގެންނެވި އެވެ. ޚާއްސަކޮށް ކުދީން ފުރާވަރަށް އެރުމުން މައިންބަފައިންނާ ބެލެނިވެރިންގެ ޒިންމާ އަދި ވަކީން ބޮޑަށް މުހިންމުވާކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ކުދިންނަށް އަބަދުވެސް ލޯތްބާ އަޅާލުމާއެކު ރަނގަޅުގޮތްތައް ބުނެދީ ހެޔޮލަފާ ނަސޭހަތް ދިނުމަށް އެދިވަޑައިގެންނެވި އެވެ.

އެކަމަނާ ވިދާޅުވީ މުޖުތަމައުގެ އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، ދަރިން އުފާވެރިކަމާއި ރައްކާތެރިކަމާއެކު ހެދިބޮޑުވެ އެ ކުދިންގެ ގާބިލިއްޔަތުގެ އެންމެ އުސްމިންތަކަށް ވާސިލުވުމަށް އެހީތެރިވެދެވޭނެ ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top