ކޮވިޑް އާއެކު އަހަރެން: ”ރޯޔަލް ޝަރީ“ގެ ތަޖުރިބާ

IMG-db985d2e0d5c00a80c0af93642ae52d5-V.jpg

ޝަރީފް 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން ރޯޔަލް ރިސޯޓް ބަންދުކުރުމާއެކު އެންމެފަހުން ފުރި ފަތުރުވެރިންނަށް އަލްވަދާއުކިރުމުގެ ތެރެއިން / ފޮޓޯ: ޝަރީފް

ގައްޔޫމް ނަސީރު

ރަމަޟާން މަހަށް ހާއްސަކޮށް އަޅުގަނޑުމެން ގެނެސް ދެމުން ދާ ”ކޮވިޑްއާއެކު އަހަރެން“ މި ސިލްސިލާގެ ދެވަނަ އިންޓަވިއު މި ހާއްސަކުރީ ބ.އަތޮޅުގައި އޮންނަ ރޯޔަލް އައިލެންޑް ރިސޯޓުގައި ރޯޔަލް ކޮވިޑް ފެސިލިޓީ ހިންގަމުން އައިއިރު ރިސޯޓްގެ ފަރާތުން ޖީއެމްއާއެކު އޮޕަރޭޝަން އިންޗާޖެއްގެ ގޮތުގައި ހުންނެވި ބ. ތުޅާދޫ މުހައްމަދު ޝަރީފެވެ. ޝަރީފް މިވަގުތު ހުންނެވީ ޕެރަޑައިސް އައިލެންޑް ރިސޯޓްގެ އެގްޒެކެޓިވް ހައުސް ކީޕަރެއްގެ ވަޒީފާގައެވެ. އެހެން ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ ރޯޔަލް އައިލެންޑް ރިސޯޓް، ކޮވިޑްގެ ފެސިލިޓީއަކަށް ބަދަލުކުރުމުގެ ފަހުން ނުވަތަ 2020 ވަނަ އަހަރާއި 2021 ގައި ޝަރީފް އޭނާވަނީ އާއިލާއާ ދުރުގައިގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ. ފެސިލިޓީއަށް ގެނެވުނު ބަލިމީހުންނާއި، ސިއްހީ އެހީތެރިންގެ އިހްސާސްތައް އެންމެގާތުން އަޑުއެއްސެވި އެއްބޭފުޅަކީ ޝަރީފެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި 26 އަހަރު ހޭދަކުރައްވައި، ރޯޔަލް އައިލެންޑް ރިސޯޓްގެ މަތީ މަގާމުތަކެއް  އަދާކުރައްވާފައިވާ ޝަރީފަކީ ބ.އަތޮޅުގެ ވަރަށްގިނަ ބަޔަކު ދަންނަ ރައްޔިތުންނާ ގާތްގުޅެމެއް ބާއްވަވާ އަތޮޅުގެ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިޖްތިމާއީ ދާއިރާގައިވެސް ޝަރީފަކީ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ޝަރީފް އިސްވެ ހުންނަވައިގެން ރޯޔަލް ރިސޯޓްގައި މަސައްކަތްކުރި ތުޅާދޫގެ ޒުވާނުން ކޮޅަކާ އެކު ކުރެއްވި މަސައްކަތުން 2008 ވަނަ އަހަރު ތުޅާދޫގައި ތިބި ތެލެސީމިއާ ދެ ކުއްޖަކަށް 98000ރގެ ފަންޑެއް ހޯދައިދެއްވި އެވެ. ކުޅިވަރު ކުރިއެރުވުމުގެ ދާއިރާގައިވެސް ރޯޔަލް ރިސޯޓްގެ ޓީމްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކޮށްލެވެއެވެ.

ކޮވިޑް އާއެކު ރާއްޖޭގެ ޓޫރިޒަމަށް މިހާބޮޑު އިންގިލާބީ ބަދަލެއް އަތުވެދާނެކަމަށް ހީކުރެވިންތޯ؟

އަޅުގަނޑު ކީއްކުރަންތޯ، އަޅުގަނޑާ ބައްދަލެއް ނުވޭ ހަމަ އެއްވެސް ބޭފުޅަކު އެކަހަލަ މާހައުލެއް ފެނިދާނެ ކަމަށް ވިސްނި، ހިޔާލަށް ފިކުރަށް ގެނައި އެއްވެސް ބޭފުޅަކާ.

ކޮވިޑްގެ ފުރަތަމަ ރާޅާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިގެން ދިޔައީ. ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، ނޯޕޭލީވްގައި ރަށަށް ދާންޖެހުނީ. ޝަރީފަކީވެސް އެކަންކަން ވަރަށް ގާތުން ފެނި އިހްސާސް ކުރެއްވި ބޭފުޅެއް؟ ކޮބައިތޯ ތަޖުރިބާއަކީ؟

އަސްލު ބުނެދޭންވެސް ނޭނގޭ. އެކަމަކު އިހްސާސްތަކެއް އައިމާ ބުނެދޭންވެސް ވާނެތާ ދެއްތޯ. އެއްކަމަކަށް ދިމާވީ އަޅުގަނޑުމެންނަށް އޭރު ލިބެމުން އައި (ކޮވިޑްގެ ކުރިން) މުސާރައަކީ މާބޮޑު ސޭވިންގް އެއް ކުރެވޭ މިންވަރެއް ނޫން. އެހެން ހުއްޓާ ކުއްލިއަކަށް ލިބެމުން އައި އެއްޗެއް ހުއްޓުނީ ފާޑަކަށް. އަޅުގަނޑުވެސް އުޅުނީ މާލޭގަ އަނބިދަރިން ގޮވައިގެން. އެހެންވީމާ، މާލޭގަ އުޅޭ ބަޔަކަށް ދެން ކަންތައްތައް ވާނެގޮތް އިހްސާސް ކޮށްލީމާ އެނގޭނެ ކިހިނެއްތޯ ވާނީ. އިނގޭތޯ. ހަމަ ތާށިވެ، ވަރަށް އުނދަގޫވާ ހިސާބަށް ބައެއްފަހަރު ހީވޭ ދިޔަހެން ވިސްނާ ވިސްނާ ސަވައިވަލް އަކަށް. އެވިސްނުމުގައި ދިރިއުޅުމުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށް.

މާލޭގަ ކުއްޔަށް ދިރިއުޅެމުން ދިޔަ ގިނަ އާއިލާތަކެއް ހާލުގައި ޖެހި، އަނބުރާ ރަށަށް ބަދަލުވި. ޝަރީފްގެ އާއިލާ ތުޅާދުއަށް ދިރިއުޅުން ބަދަލުކުރުމާމެދު އޭރު ވިސްނެވިންތޯ؟

ކުރުކޮށް ބުނަންޏާ އެއީ ބުނެދޭންވެސް ނޭނގޭފަދަ ހިތްދަތި އިހްސާސްތަކެއް. އެހިސާބުން ފެށިގެން ވިސްނަމުން ދިޔައީ ސަވައިވަލްއަށް. އަނބިދަރިން ދުނިޔޭގަ ތިބުމަށްޓަކައި ކޮންކަމެއްތޯ ކުރާނީ، ކިހިނެއްތޯ ހަދާނީ. ފުރަތަމަ ޕްލޭން އަކަށް ހެދީ އާއިލާ މާލެއިން އަނބުރާ ރަށަށް އައުން. އެގޮތަށް ހަމަ ތައްޔާރުވީ ހުރިހާ ކަމެއް. އެކަމަކު އެހެން ހުއްޓާ އަޅުގަނޑަށް ލިބުނީ ވަރަށް އުފާވެރި ހަބަރެއް. އަޅުގަނޑު ދިރިއުޅޭ ގޭގެ އެޕާޓްމަންޓް އޯނަރު ގުޅާފަބުނީ ޝަރީފު އޭ، ޝަރީފު ނުޖެހޭނޭ އެއްޗެއް ދޭކަށް. ދެންޏާ ދޭށޭ ލިބުނު އެއްޗެއް. އެހިސާބުން މާލޭގަ މަޑުކުރީ. އަޅުގަނޑު ގޭގެ ވެރިމީހާއަށް މިފުރުސަތުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަން އަޅުގަނޑަށް ދެއްވި އެހީތެރިކަމަށްޓަކައި.

ކޮވިޑްގެ އެންމެ ބިޔަ ރާޅުތައް ނަގާ ބޯމަތިވި އިރު ، ރޯޔަލް އައިލެންޑް ރިސޯޓް ކަރަންޓީން ފެސިލިޓީގެ އޮޕަރޭޝަންގެ އިސްބޭފުޅަކަށް ޝަރީފް ހުންނެވީ. ރޯޔަލް އަކީ ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގެ ތެރެއިންވެސް ވަރަށްބޮޑަށް ފާހަގަކޮށްލެވުނު ފެސިލިޓީއެއް. އޭރު ފެސިލިޓީގެ ހާލަތު ކިހިނެއްތޯ ސިފަކުރެވެނީ؟

ކޮންމެ ދުވަހަކީވެސް ކޮންމެވެސް ބަޔަކު ދާ ދުވަހެއް، ކޮންމެވެސް ބަޔަކު އަންނަދުވަހެއް. އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް މަސައްކަތް ފަށަނީ އެމްއެންޑީއެފާ، ޕޮލިހާ، ޓޫރިޒަމް މިނިސްޓްރީ ބޭފުޅުންނާއެކު ބައްދަލު ކުރެވިގެން. ވަރަށް ރަނގަޅަށް އިންތިޒާމްތައް ހަމަޖައްސަމުން ގެންދިޔައީ. އަޅުގަނޑުމެންގެ ކަމަކީ ރޫމްތައް ސާފުކުރުމާ، ޑިސްއިންފެކްޓް ކުރުމާ، ތައްޔާރުކުރުން. އަދި ހަމައެއާއެކު ކެއިން ބުއިމުގެ ކަންކަން ބަރާބަރަށް ހަމަޖެއްސުން. އެމްއެންޑީއެފް ސީދާ އޮޕަރޭޝަން ހިންގަމުން އައީ. ޓްރާންސްޕޯޓުގެ ހުރިހާކަމެއްވެސް އެބޭފުޅުން ބެލެހެއްޓެވީ. ބަލިމީހުންގެ ކަންކަން ބަރާބަރަށް މޮނިޓާ ކުރެވެމުން ބަލަހައްޓަމުން ގެންދިޔައީ އަތޮޅު ހޮސްޕިޓަލުން ސިދުގީމެން، ޑރ ސޯލިހުމެން. އަޅުގަނޑުމެން ވަރަށް ސްމޫތުކޮށް ފެސިލިޓީގެ ކަންކަން މެނޭޖްކުރިން. އެކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ތައުރީފުވެސް ކުރެއްވި.ދެން އަޅުގަނޑު ވަރަށް ފާހަގަކޮށްލަން 2020 ރަމަޟާންމަސް ތެރޭގައި އަތޮޅުގެ ރަށްރަށުން އާންމު ރައްޔިތުން އަޅުގަނޑުމެންނަށް ފަރިވަޅާ، ރޯދަވިއްލުން ފަދަ ކެއުންތައް ވަރަށްގިނަ އަދަދަކަށް ފޮނުއްވި. ހާއްސަކޮށް އޭދަފުށި ފާހަގަކޮށްލަން. ހަތަރު އާއިލާއަކުން ހަތަރު ދުވަހު ފަރިވަޅު ފޮނުއްވި. ވަރަށް ބޮޑު ހިތްވަރެއް އަޅުގަނޑުމެންނަށް ދެއްވި އަތޮޅު ރައްޔިތުން.

ޝަރީފްވާނެ ގިނަ އަދަދަކަށް ބަލި މީހުންނާ ދިމާވި ބޭފުޅަކަށް. ހަނދާނުން ފޮހެލަން ދަތި ހަދިސާއެއް އެބައޮތްތޯ؟

އާދެ. ހަމަ ބައިވަރު ބޭފުޅުންގެ އިހްސާސްތައ އެބަހުރި. އަސަރު ކޮށްލާ ކަހަލަ ވަގުތުތައް އޭރު ދިމާވި އެކަމަކު މިހާރު ޖެހިލުމެއް ނުވޭ. އެއްފަހަރަކު ކޮވިޑްޖެހިފަ ހުރި ބަލި ކުއްޖަކު. ވަރަށް ބަލިކުއްޖެއް 18 ވަރަކަށް އަހަރުގެ އަންހެން ކުއްޖެއް. އޭނަ ބޭނުންވީ ވަގުތުން މާލެދާން. ގެނެވުނީމާ ވެސް މިތާކު ނޯވެވޭނޭ ނޭވާ ހާސްވަނީއޭ. އެއީ ރެއެއްގެ ދަންވަރު. އޭރު ފެސިލިޓީގަ ވެސް ޑޮކްޓަރުން ތިއްބެވި. ޕްލަސް އޭދަފުށީ ކޮޅުން ވެސް ވަގުތުން ޑޮކްޓަރުން އަންނަމުން ދިޔައީ. ދެން އެންމެފަހުން އޭނަ އޭދަފުއްޓަށް ގެންދިޔައީ. ދެން ވަރަށް އުނދަގޫ ކަމަކަށް ވަނީ ބަލިމީހަކު ގެންދަން ޖެހުނަސް އޭރުގަ. ވަރަށް ގައިދުރު ކުރުންތަކާ، ވަރަށް ގިނަ ޕްރޮޓޮކޯލްތަކާ މިކަންތައް ހުރޭ. ދެން އޭދަފުށީގައި ބާއްވާފަ އަނެއްދުވަހު އެއާޓެކްސީގަ މާލެފޮނުވާލީ. ދެން އެވަގުތު ކަންތައް ދިމާވިގޮތުން ވަރަށް ކަންބޮޑުވި. އެއީ އެހާބޮޑަށް ބަލިވެއްޖިއްޔާ މަރުވެދާނެ ކަމުގެ އިހްސާސް އޮވޭ. ފަހުން އަލްހަމްދުﷲ ރަނގަޅު ދެ ދުވަސް ފަހުން އޭނަ ދެން ފެސިލިޓީ އަށް ގެނައީ. ދެތިން ދުވަހު އައިސީޔޫގައި ބާއްވާފަ އިންހެލޭޝަން ދިންކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނީ. ފަހުން ދެން އަޅުގަނޑަށް ހަބަރުލިބުނީ އޭނަ އެހާ ބަލިވީ އެހެން ބައްޔެއް ހުރުމުގެ ސަބަބުންކަން.

ކޮވިޑްތެރޭގައި ހަމަގައިމުވެސް އެންމެ ގިނަ ދުވަހު އާއިލާއާ ދުރުގައި އުޅުނު މަދު މީހުންގެ ތެރޭގައި ޝަރީފް ހިމެނޭނެކަން ނޭގެ؟ ކިހާދުވަހެއް ދިޔަތޯ އައިލާއާ ދުރުގަ؟ ކޮންކަހަލަ ތަޖުރިބާއެއްތޯ ކުރެވުނީ؟

ހަތް މަސްދުވަސް ވަންދެން އެއްގޮތަކަށްވެސް އާއިލާ ނުފެނި އާއިލާ އާ ދުރުގަ ފެސިލިޓީގައި އުޅެން ޖެހުނީ. އޭރު މާލޭގެ ހާލަތު ވަރަށް ދަށް. އަޅުގަނޑުމެން އާއިލާތަކުގެ ހާލަތު ވަރަށް ދަށް އަސްލުގަ އޭރު. ދެން އޭރުގަ މަންމަވެސް އަންހެނުންވެސް ބުނާނެ ވަރަށް ބަލައިގެން އުޅޭށޭ. ހަގީގަތުގައި އަސާސީ ބޭނުންތައް އެއަށްވުރެވެސް ދަށު ދަރަޖައިގައި ކަންކަން ހުރީ. މިސާލަކަށް ކާނެ އެއްޗެއް ނެތަސް މާބޮޑުކަމަކަށް މަންމަވެސް އަންހެނުންވެސް ނުހަދައޭ ވާހަކައަކީ. މާލޭގަ ކާފިއު ހިންގާފަ އޮތީ. ވަކި ވަގުތެއްގައި އެއްޗެތި ލިބެނީ މި. އަޅުގަނޑު މިހުރީ ރޯޔަލް ފެސިލިޓީގަ. އެހެން ނަމަވެސް އެއްވެސް މީހަކު އެ ދަތިކަމުގެ އިހްސާސް ހިއްސާ ނުކުރޭ އިނގޭތޯ. ތިމަންނަމެން މިތިބެނީ ކައިގެންނޭ. ﷲ އިރާދަކުރެއްވިއްޔާ ރަނގަޅަށޭ ކަންތައްތައްހުރީ. އެކަމަކު ޝަރީއޭ ބަލައިގެން އުޅެއްޗޭ. އެމީހުންނާ ކައިރިނުވައްޗޭ. މާސްކު ނާޅާ ނޫޅެއްޗޭ. ހަތްމަސްފަހުން މާލެގޮސް އާއިލާއާ ބައްދަލުވީ. އެމީހުންގެ ޝަކުވާއެއް އަސްލުނެތް. އެމީހުންނަށް އެނގޭ ޝަރީ އުޅުނީ ރޯޔަލް ފެސިލިޓީ ހިންގުމުގައިކަން.

ފަތުރުވެރިކަމަށް މިއައި ލޮޅުމާއެކު، އެއްވެސް ވަރަކަށް ހިޔާލު ކުރެވުނުތޯ މިދާއިރާ ދޫކޮށް އެހެން މަސައްކަތެއް ފެށުމާމެދު؟

ހަގީގަތުގައިވެސް ތިޔަ އިހްސާސްތައް އައި. އެގޮތުންގޮސް 2021 ކުރީކޮޅުގައި އަމިއްލަ ކުޑަކުޑަކަމެއް ފަށަންވެސް ފެށިން. އެހެންނޫނަސް އަޅުގަނޑު މިދާއިރާއިން ރިޓަޔާ ކުރަން ވެސް ވިސްނަމުންއައީ. އެހެންވީމާ އޭގެ ކުރިން އިހްސާސް ތައް އައިސްފިޔޭ މިހެން ދިމާވީމާ. އެކަމަކު އެއީ އެހާ ފަސޭހަކަމަކަށް ނުވޭ. ކޮންމެ ކަމެއް ފަށަން ފައިނޭންސް ވެސް ބޭނުން ވާނެ. ކޮވިޑް ތެރޭގައި ކިތަންމެ ކުޑަ ސޭވިން އެއް އިނަސް އެސޭވިން އެއް އިނީ އެއްކޮށް ގޮއްސަ.

ފަތުރުވެރިކަމުގެ ދާއިރާ ރިކަވަރީ ކިހިނެއްތޯ ފެންނަނީ؟

އަޅުގަނޑު ގަބޫލުކުރާގޮތުގަ މިހާރު މިހިރީ ރިކަވާ ވެފަ. އެކަމަކު އެ ޑައުން ފޯލުން އަދި އަރައެއްނުގަނޭވޭނެ އެއްވެސް ބަޔަކަށް. ރިކަވާ އެއްގޮތަކަށް މާނަކުރެވިދާނެ ގެއްލުނު އެތި އަބުރާ ލިބިއްޖެ ހެއްޔޭ؟ އެއެއް ނުލިބެ އިނގޭތޯ. އެހެން ނަމަވެސް މިހާރު ރިކަވަރީ ރަނގަޅޭ. ސްޓޭޓަސް ރަނގަޅޭ. އޭގެފަހުން މިއައި އިންޕެކްޓަކީ ރަޝިއާ ޔޫކްރޭން ހަނގުރާމަ. ކޮވިޑްގެ ހިޔަންޏެއް މިހާރު ނެތް އޮޕަރޭޝްނަގައި. އެކަމަކު ޕޮޒިޓިވް ކޭސް އެބައުޅޭ.

މި ތަޖުރިބާއިން އާންމު ރައްޔިތުންނަށް ޝަރީފް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ؟

ބުނެލަން ބޭނުންވަނީ ކަމެއް ދިމާވެދާނެއޭ ހަމަ ނޭނގިހުއްޓާވެސް. 2004ގެ ސުނާމީވެސް އައީ އެގޮތަށް. ސުނާމީއާ ހިލާފަށް ކޮވިޑް އައީ އަންނަމުން އަންނަމުން އެނގެމުން އެނގެމުން. އެކަމަކު އިންޕެކްޓަކީ ހިތަށްވެސް ނުގެނެވޭވަރުގެ އެއްޗެއް. އެކަމަކުވެސް ބުނަން ބޭނުންވާ ވާހަކައަކީ ދުނިޔޭގައި އުޅޭއިރު ކަންކަމާވެސް ދިމާވާނެއޭ. އެއީ ތަގުދީރުކަން އެނގިގެން އެއީ ﷲގެ ކުޅަދުންވަންތަކަން ދަނެގެން ދުނިޔޭގައި އުޅެން ދަސްކޮށްފިއްޔާ އެއްވެސް ކަމަކީ އޭނަ މާޔޫސްވެ ގޮތްހުސްވާންޖެހޭ ކަމެއްނޫނޭ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top