މުޅި ބ.އަތޮޅަށް ހުޅުވާލައިގެން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ”ދޮންފަނު އިންވިޓޭޝަން ކަޕް ‘ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުގެ ފަރާތުން “އޭދަފުށި ޓީމް” ބައިވެރި ވެއްޖެއެވެ.
‘ދޮންފަނު ޒުވާނުންގެ ރޫހު’ ޖަމިއްޔާ އިން ބާއްވަމުން އަންނަ މި މުބާރާތަށް ކޮންމެ އަހަރަކުވެސް ޓީމް ނަގަނީ އޭދަފުށީ ކައުންސިލުގެ ބެލެނިވެރިކަމުގެ ދަށުގައި އޮންނަ “ކްލަބު އޭދަފުށި”ންނެވެ. ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އޭދަފުށިން މުބާރާތުގައި ބައިވެރިވުމުގެ ޝައުގު ވެރިކަން ފާޅުކޮށްފައި ނުވާތީ އޭދަފުށީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ފުޓުބޯޅަ ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ކްލަބް އޭދަފުށީގެ ރައީސް އަދި އޭދަފުށީ ކައުންސިލްގެ ރައީސް، ތޮލާލު އަބްދުއްރަހުމާން ވިދާޅުވީ މާލޭގައި މިމަހު 21 ގަ އޮންނަ ސެކަންޑްޑިވިޜަން ބެޓްމިންޓަން މުބާރާތާއި އަންނަ މަހު 21 ގަ އޮންނަ ބެޓްމިންޓަން އަތޮޅު ލީގް އާއި މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާތީވެ ފައިސާގެ ދަތިކަމެއް ހުރުމުން ދޮންފަނު އިންވިޓޭޝަން ކަޕްގައި ބައިވެރިވެވެން ނެތީކަމުގަ އެވެ.
ކްލަބް އޭދަފުށިން ދޮންފަނު އިންވިޓޭޝަން ކަޕް ގައި ބައިވެރި ނުވާން ނިންމުމުން އޭދަފުށީގެ ފުޓްބޯޅަ ކުޅުންތެރިން ވަނީ މި މުބާރާތުގައި ބައިވެރިވުމަށް އެދި ރަށުގެ އެކި ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކޮށް މި މުބާރާތުގައި ބައިވެރިވެވޭނެ މަގެއް ހޯދުމަށް މަޝްވަރާ ކޮށްފައެވެ. އެގޮތުން ވެލާ ސްޕޯޓްސް ކްލަބާ ދެކެވުނު ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން އެކްލަބުން ވަނީ މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑި ހަމަވާން ކުޑަތަންވެފައި އޮއްވާ އޭދަފުށި ޓީމުގެ ނަމުގައި ބައިވެރިވެފަ އެވެ.
“ކުޅުންތެރިން އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު ތިބީ މިކްސް ފީލިންގ އެއްގަ. ބައެއް ކުދިން ތިބީ ވަރަށް ދެރަ ވެފަ. އަނެެއްބައި ކުދިން ތިބީ ވަރަށް ރުޅި ގަދަވެފަ. އެ ކުދިން ތިބީ ވަދު އަޅަން ނުކުމެ އުޅޭ ދޯންޏަކުން ކަމަށް ވިޔަސް މުބާރާތް ކުޅެން ދޮންފަނަށް ދާގޮތަށް. އެކުދިން އެހާ ބޮޑަށް ބޭނުންވެފަ ތިބުމުން ކްލަބްގެ ބޯޑުން ނިންމީ މުބާރާތުގަ ބައިވެރިވާން.” ވެލާ ސްޕޯޓްސް ކްލަބުގެ ރައީސް މުހަންމަދު ވިސާން ބުންޏެވެ.
އޭނާ ބުނީ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތަކީ އަތޮޅު ފެންވަރުގައި ބާއްވަމުން އަންނަ އަތޮޅުގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށް ވެފައި އަތޮޅުގެ ގިނަ ރަށްރަށުން ބައިވެރިވާ މުބާރާތަކަށްވާތީ މިކަމުގައި އޭދަފުށީގެ ބައިވެރިނުވުމަކީ ޒުވާނުންނަށް ރައްދުވާ ހުތުރު ނަމެއް ކަމުގަ އެވެ.
އެހެންނަމަވެސް މިއީ އޭދަފުށި ތަމްސީލު ކުރާ ކަމަކަށް ވެފައި ހަރަދުތަކެއްވެސް ހިނގާނެ ކަމަކަށް ވާތީ ސްޕޮންސަރޝިޕްތަކާ ހެޔޮ އެދޭފަރާތްތަކުގެ އެހީއަށް ވާނީ ހުޅުވާލެވިފައެވެ. އެގޮތުން މިކަމާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9973066، 9993464 އަށް ގުޅުއްވުމަށް އޭނާ އެދެއެވެ.
މިފަހަރު މިމުބާރަތުގައި 6 ޓީމް ވާދަ ކުރެއެވެ. އެއީ މުބާރަތް ބާއްވާ ރަށް، ދޮންފަނާއި ކެންދޫ. ކިހާދޫ. މާޅޮސް ،ގޮއިދޫ އަދި މުބާރާތުގެ އެންމެ ފަހުގެ ޗެންމްޕިއަން އޭދަފުއްޓެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ..