ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މާޗް މަހު ބާއްވަނީ

large_158451297642QlIm.jpg

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19އާ ގުޅިގެން އަންނަ އަހަރަށް ފަސްކުރި ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކުރިން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު ފުއާދު ތައުފީގް ރޭ ވިދާޅުވީ، އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ދާއިރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ބަލައި މަަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހާލަތު ރަނގަޅު ނުވި ކަމުގައިވިނަމަވެސް އިންތިހާބު ކުރިއަށް ގެންދެވޭތޯ ބަލާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ، އަންނަ އަހަރުގެ އިންތިހާބަށް ކޮވިޑް 19އާ ގުޅިގެން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިންތިހާބު ކުރިއަށްދާއިރު އަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކެމްޕޭނު ކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންއާއެކު މިހާރުވެސް ކެމްޕޭނު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ގާނޫނަށް އިސްލާހު ގެނެސް ދަންމާލައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top