އެންމެ ގިނަވޯޓާއެކު ލިބުނީ ހައިރާންކަމެއް. ރައީސްކަމަށް ކުރިމަތިލާނަން – ތޮލާލް

DSCN5758.jpg

ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އައިގޮތުން ކުއްލި ހައިރާންކަމެއް ލިބުނުކަމަށާ، މިހާބޮޑު ތަރުހީބެއް ރައްޔިތުންގެ ފަރާތުން ލިބޭނެކަމަށް ކުރިން ހީނުކުރާކަމަށް އިންތިހާބުގައި އެންމެ ގިނަ ވޯޓް ލިބިގެން އޭދަފުށީ ކައުންސިލަށް ހޮވުނު ތޮލާލް އަބްދުއްރަހްމާން ބުނެފިއެވެ.

ތޮލާލް ބުނީ މިނަތީޖާއިން ވަރަށް ގިނަ މެސެޖްތަކެއް ރައްޔިތުން އޭނާއަށް ފޮނުވައިފިކަމަށް ދެކޭކަމަށެވެ. އަދި އެކަމާމެދު ވަރަށް ބޮޑަށް ވިސްނާނެކަމަށް އޭނާ ބުންޏެވެ.

އިންތިހާބަށްފަހު ބުރާސްފަތިދުވަހު ތޮލާލް އީވީއަށް ދިން ކުރު އިންޓަވިއުގެ މުހިއްމު ބައިތައް މިހާހިސާބުން ހިމަނާލާނަމެވެ.

ސުވާލު: ތޮލާލް ވަނީ ވަރަށްބޮޑު އަޢްލަބިއްޔަތަކުން ރައްޔިތުން ބަލައިގެންފައި. އެންމެ ގިނަވޯޓް ލިބުނު ކެންޑިޑޭޓަކީވެސް ތިއީ. ކޮބައިތޯ އިހްސާސް ތަކަކީ؟ 

ޖަވާބު: އަލްހަމްދު ލިއްލާހް…. އަޅުގަނޑަށް ކުރެވޭ އިހްސާސްތައް ބުނެދޭން ދަތި. އެއަށްވުރެ ބޮޑަށް އަޅުގަނޑަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެއް. ކުރިމަތިލީއިރުވެސް ވަރަށް ބޮޑު ސަޕޯޓެއް ލިބޭނެކަމަށް ހީކުރިން. އެކަމަކު މިހާ ބޮޑު ސަޕޯޓެއް ލިބޭނެކަމަށް ހީއެއް ނުކުރަން. މިއިން އަންގައިދެނީ އޭދަފުށީގެ ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މިންވަރު. އެންމެ ގިނަ ވޯޓް އަޅުގަނޑަށް ލިބުނީމާ. 805 ވޯޓް މިހާތަނަށް އަދި ދައްކަނީ. އަޅުގަނޑު ފުރަތަމަވެސް ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަން. ދެން ވޯޓް ދެއްވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލާނީ. ތިޔަ ބޭފުޅުންގެ އުއްމީދުތަކުގައި އިރާދަކުރެއްވިއްޔާ ކުލަ ޖައްސާ ދޭނަމޭ

ސުވާލު: ކައުންސިލް އިދާރާއަސް ވަނުމުގެ ކުރިން ވިސްނުންތަކެއް މިވަގުތު އެބަ ގެންގުޅުއްވަންތޯ ރަށުގެ ކަންކަމާ މެދުގައި. ކައުންސިލް ރައީސްކަމަށް ކުރިމަތިލާން ވިސްނަންތޯ؟

ޖަވާބު: މިހާބޮޑު ތާއީދެއް ލިބުމުން އަޅުގަނޑަށް ވަރަށް ގިނަ ބަޔަކު ރިކުއެސްޓް ލިބޭ ރައީސްކަމަށް ކުރިމަތިލާން. އަޅުގަނޑުގެ ވިސްނުންވެސް ހުރީ އެގޮތަށް. ރައީސްކަމަށް ކުރިމަތިލާން. ރައީސްކަން ލިބިއްޖެނަމަ ކައުންސިލްގެ ކަންކަމަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމަކީ އެންމެ ފުރަތަމަ އިސްކަން ދޭނެކަންތައް. އެކޮމިޓީގެ މަޝްވަރާއާ ޚިޔާލުތަކާއެކު ރައްޔިތުން ބޭނުންވާގޮތަށް ކައުންސިލް ހިންގުމަކީ ރައްޔިތުންގާތު ވެވޭ ވައުދެއް. ޚާއްސަކޮށް މިހާރު ދިމާވެފައިވާ ގޮން ޖެހުންތަކާ އެތަނުގެ ހާލަތު ދެނެގަނެ އެކަންކަން ރައްޔިތުންނާ ހިއްސާކޮށް ކަންތައް ހިނގާފައިވާ ގޮތްތައް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުރަތަމަ ކުރާނެ ކަންތައް.

ސުވާލު: މިހާރުން މިހާރަށް އެންމެ އިސްކަމެއް ދޭންޖެހޭ މައްސަލައެއްކަމަށް ދެކެނީ ކޮންކަމެއްތޯ؟

ޖަވާބު: ހުރި މައްސަލަތަކާމެދު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން މި ގެންދަނީ. އެހެންނަމަވެސް އެންމެ އިސްކަމެއްދޭ ވަކި ކަމެއް ފާހަގަ ކުރުމަށް ވުރެ މިހާރުން މިހާރަށް ރައްޔިތުން އެންމެ އަވަހަށް ހައްލުކުރަން ބޭނުންވަނީ ކުނީގެ ކަންތަައްކަމަށް އަޅުގަނޑު ދެކެނީ. އެކަންތަކާ ބެހޭ ކޮމިޓީއެއް މިހާރުވެސް އެބައޮތް. އެކޮމިޓީގެ ލަފާއާއެކު އެމަސައްކަތް މުރާޖައާކުރަން ފަށާނަން ފުރަތަމަ ކަމެއްގެ ގޮތުގައި.

ސުވާލު: ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖެއް އެބައޮތްތޯ؟

ޖަވާބު: ރައްޔިތުންނަށް ދަންނަވާލަން އޮތީ އަޅުގަނޑުބަލާނީ އަޅުގަނޑަށް ލިބިފައިވާ ޓާމްގައި އޭދަފުށީ ކައުންސިލް އަކީ ފާހަގަކުރެވޭ ކާމިޔާބުތަކެއް ހޯދާފައިވާ ތަނަކަށް ހެދޭތޯއޭ. އެއާއެކު ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ހިންގިފައިވާ ކައުންސިލެއްގެ ގޮތުގައި ރައްޔިތުން ލޯތްބާއެކު ބަލައިގެންފައިވާ ތަނަކަށް ހެދޭތޯއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އިހްލާސްތެރިކަން ދައްކާނަމޭ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top