ގްރޭޑް 1 އަށް ވަދެވޭނީ އަންނަ އަހަރުގެ ޑިސެމްބަރު 31އަށް 7އަހަރު ފުރިފައި ތިބޭ ކުދިންނަށް

DSCN6889-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް--އީވީ ފައިލް ފޮޓޯ

އަންނަ އަހަރު ގްރޭޑް އެކަކަށް ވަދެވޭނީ، އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެގޮތަށް ކަނޑައަޅާފައި ވަނީ އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި “ސްކޫލަށް ކުދިން ވެއްދުމާއި އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2021 ވަނަ އަހަރު އަމަލު ކުރާނެ އުސޫލު” ގަ އެވެ.

މީގެ ކުރިން ގްރޭޑު އެކަކުން ޖާގަ ދިނުމުގައި ބަލަމުން އައީ، އެ އަހަރެއްގެ ޖެނުއަރީ އެކަކަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. އެއުސޫލަށް ބަދަލުގެނެސްފައި މިވަނީ އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން އޯގަސްޓް މަހު ފެށުމަށް ނިންމުމާއި ގުޅިގެންނެވެ.

އެ އުސޫލުގައި ވާގޮތުން ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަށް ވައްދާނީ މިއަންނަ އަހަރުގެ އޮގަސްޓް މަހުގެ 1ވަނަ ދުވަހަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނެވެ.

އަދި ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވައްދާނީ ފާއިތުވި ދެ އަހަރު ޕްރީ ސްކޫލުގެ ޅަފަތުގެ ތައުލީމާއި ތަރުބިއްޔަތު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ އިތުރުން ނިމިގެން ދިޔަ އަހަރު ޔޫކޭޖީ ނުވަތަ އެފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށް، އެ މަރުހަލާގައި ހާސިލުކުރަންޖެހޭ މިންވަރަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ، މިއަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 އަށް ހަތް އަހަރު ފުރިފައިވާ ކުދިންނެވެ.

މީގެ އިތުރުން، ޔޫކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި، 2022 ވަނަ އަަހަރުގެ 31 މާޗު އާއި ހަމައަށް 7 އަހަރު ފުރޭނެ ދަރިވަރެއްކަމުގައިވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭޑް 1 އިން ޖާގަ ލިބިގެންދާނެ އެވެ. އަދި އެލްކޭޖީ ގައި އަންނަ އަހަރުގެ 31 ޑިސެމްބަރަށް ހަތް އަހަރު ފުރޭ ދަރިވަރުން ތިބިނަމަ ދަރިވަރުގެ ބެލެނިވެރިޔާއާއި ސްކޫލާއި މަޝްވަރާކުރުމަށްފަހު، އެފަދަ ދަރިވަރުނަށް ގްރޭޑް 1 އިން ޖާގަ ލިބޭނެ އެވެ.

ދިރާސީ އާ އަހަރު ފެށުން އަންނަ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ކޯވިޑް-19 އާއި ގުޅިގެންކަމަށް ވާތީ މިއީ ދާއިމީ ގޮތެއްގައި ގެންނަ ބަދަލެއްގެ ގޮތުގައި ކަނޑަނާޅާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top