މިނިމަމް ވޭޖު ބޯޑުން ނިންމި ނިންމުމުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ބުނެފި އެވެ.
އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުުގައި ކަނޑައަޅަން މިނިމަމް ވޭޖު ބޯޑުން ނިންމާފައިވާ ނިންމުންތައް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް އިއްޔެ ހުށަހަޅާފައިވާ އިރު ބޯޑުން މިނިސްޓަރަށް ލަފާ ދީފައިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،700ރ. އާއި 10،200ރ.އާ ދެމެދުގެ އަދަދު ތަކެކެވެ.
އެގޮތުން ބަލާއިރު ރިސޯޓުތައް ހިމެނޭނީ ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީގައި ކަމަށާއި މިނިމަމް ވޭޖުގެ ބޭންޑުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު ރިސޯޓު މުވައްޒަފުންނަށް ލިބެނީ ވަރަށް ރަނގަޅު “ޖަމްޕެއް” ކަމަށް ޓީމްގެ ޖެނެރަލް ސެކްރެޓަރީ އަދި މިނިމަމް ވޭޖު ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ޓީމުން މީގެ ކުރިން ވަކާލާތު ކުރީ ރިސޯޓު މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައަކަށް 600 ޑޮލަރު ދިނުމަށް ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ އަދަދަކީ ވެސް ރަނގަޅު ފެށުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިނިމަމް ވޭޖު ބޯޑުގައި ދިރާސާކުރި އިރު ވެސް ރިސޯޓުތަކުން ބުނެފައިވޭ މިއީ އެ މީހުންނަށް ދެވިދާނެ އަދަދެކޭ،” އޭނާ ވިދާޅުވި އެވެ.
މި ނިންމުމާއި އެކީ ރިސޯޓް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަކޮށް ދެވޭނެ ވަރަކީ ގަޑިއަކަށް 42.79 ރުފިޔާ އެވެ. 30 ދުވަހަށް ނުވަތަ މަހަކަށް ބަލާއިރު އެއީ 10،200 ރުފިޔާއެވެ.
“މުވައްޒަފުންނަށް ލިބޭ މުސާރައަށް ކުރިއެރުމެއް އަންނައިރު، ދިވެހި މުވައްޒަފުންގެ މަސައްކަތަކަށް ވާންޖެހޭނެ ދިވެހިންގެ އިންޑަސްޓްރީއަކަށް މި އިންޑަސްޓްރީ ހެދުމަށް. މިހާރަށް ވުރެ ބޮޑަށް އިންޑަސްޓްރީ ކުރިއެރުވުމަށް.” މާއްޓޭ ވިދާޅުވިއެވެ.
މިނިމަމް ވޭޖް ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު އެ ލަފާ އެޕްރޫވް ކުރެއްވުމުންނެވެ.