ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ބަހުން ސުވާލުކުރެއްވުމާ ހުވަދޫ ބަހުން ޖަވާބު ދެއްވުމުގެ އާކަމެއް ހިނގައިފި އެވެ.
މިއަދުގެ ޖަލްސާގައި އައްޑުސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ސުވާލު ކުރެއްވީ އައްޑޫ ބަހުންނެވެ. ސޯދިގު އައްޑޫ ބަހުން ކުރެއްވި ސުވާލުތަކަށް، ހުވަދުއަތޮޅަށް ނިސްބަތްވާ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ޖަވާބު ދެއްވީ ހުވަދޫ ބަހުންނެވެ.
މިނިސްޓަރު މަޖިލީހަށް ހާޒިރުކުރެއްވީ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށެވެ.
މެމްބަރު ސޯދިގު މަޖިލީހަށް އިންތިޚާބުވެވަޑައިގަތް ފަހުން ޖަލްސާތަކުގައި މުޅިން ވެސް ވާހަކަ ދައްކަވަނީ އައްޑޫ ބަހުރުވައިންނެވެ. މީގެ ކުރިން ބައެއް މިނިސްޓަރުންނަށް އެ ބަހުރުވައިން ސުވާލު ކުރުމުން ސާފުނުވާތީ ޖަވާބު ދެއްވަން ދަތިވާކަމަށް ބުނެފައިވެއެވެ.
ސޯދިގު ސުވާލުކުރެއްވީ ފެނަކައިގެ ފެން ޕްލާންޓަށް މައްސަލަ ޖެހި، ފެނުގެ ހިދުމަތަށް ބުރޫ އަރާތީ އާއި ހިތަދޫގައި ސަރުކާރުން އަޅާ ހައުސިން ޔުނިޓުގެ މަސައްކަތް ހުއްޓިފައިވާތީ އެވެ. އޮޅުން ފިލުއްވަން ބޭނުންފުޅުވީ އެ މަސައްކަތް އަލުން ފަށައި، ޔުނިޓުތައް ހަވާލުކުރާނެ ތާރީހެކެވެ.
ސޯދިގު އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން ގދ. ފިޔޯރީއަށް އުފަން މުއްތޮލިބު ވިދާޅުވީ”އައްޑޫ ބަހުން ވާހަކަދެއްކީމަ އަޅުގަނޑުު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ؟ ހުވަދޫ ބަހުން އަޅުގަނޑު ކުރިއަށްގެންދާނަން،“ކަމަށެވެ. އެއަށްފަހު މިނިސްޓަރު ވަނީ ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވަން ފައްޓަވާފަ އެވެ.
މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ފެނުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި މި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ފެން ހޮޅިތަކަށް މައްސަލަ ދިމާވީ ނިމިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ސޯދިގު ހުންނެވިއިރު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުން ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު ހުވަދޫ ބަހުން ވިދާޅުވީ “ހީވެންނޫ މެމްބަރަސް ކޮންމިއަސް ވަރަކަން ޒިންމާ ނަގަން ޖެހެންނެއި ކަމެކެހެން މި ކަމާއްކޫ” (ހީވަނީ މެމްބަރު ވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގަން ޖެހޭ ކަމެއްހެން މި ކަމަކީ) ކަމަށެވެ.






