މިއަހަރުގެ މިހާތަނަށް ކައުންސިލްތަކަށް “ބްލޮކް ގްރާންޓް”ގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރު ކައުންސިލްތަކަށް ދޫކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %16.8 އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 1.07 ބިލިޔަން ރުފިޔާއެވެ.
މިއަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރަށްވާއިރު، މިއަހަރުގެ ބަޖެޓުގައި ޖުމްލަ 2.47 ބިލިޔަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
2023 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރީ ޖުމްލަ 2.1 ބިލިޔަން ރުފިޔާއެވެ. ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ކައުންސިލްތަކަށް ފައިސާ ބަހާލުމުގައި މިހާރުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ހާއްސަ ފޯމިއުލާއަކުން ފައިސާ ދޫކުރަމުން އައި ނަމަވެސް، މި ސަރުކާރުން ވަނީ މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ.
ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން، ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށްވެސް ބަލާނެއެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވުމާއެކު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވެގެންދާނެއެވެ.





