ލޯކަލް ކައުންސިލް ތަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފިއެވެ.
ސެކްރެޓަރީ ޖެނެރަލުން ހޯދަން ސީއެސްސީ އިން އިއްޔެ ކުރި އިއުލާނުގައި ބުނީ، ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް އަންނަ ހޯމަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ މަގާމަށް https://myaccount.csc.gov.mv/CouncilSg ޕޯޓަލް އިން ފޯމު ހުށައެޅޭނެ އެވެ.
ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރާ ރަށު ކައުންސިލް އިދާރާގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީއާއެކު ހަތަރު އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑީގްރީއަކާއެކު މަގާމުގެ މަސައްކަތާގުޅޭ ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.
އަތޮޅު ކައުންސިލް އިދާރާގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީއާއެކު ހަ އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއާއެކު މަސައްކަތާ ގުޅޭ ހަ އަހަރުގެ ތަޖުރިބާ އެވެ. އަދި ސިޓީ ކައުންސިލްގެ އެސްޖީއަކަށް ބެޗްލާސް ޑިގްރީއާއެކު މަގާމުގެ މަސައްކަތާ ގުޅޭ އަށް އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއާއެކު ހަ އަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
މިމަގާމުތަކުގެ މުސާރައަށް ބަލާއިރު ސިޓީކައުންސިލްގެ ސެކްރަޓަރީ ޖެނެރަލަށް މުސާރައާއި އިނާއަތްތަކާއެކު 35500 ރުފިޔާ މަހަކު ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލް ސެކްރެޓަަރީ ޖެނެރަލްގެ މުސާރައަށް އިނާއަތްތަކާއެކު 21000 ރުފިޔާ ލިބޭނެ އެވެ. ރަށު ކައުންސިލް ޖެނެރަލްގެ މުސާރާއަށް އިނާއަތްތަކާއެކު 16100 ރުފިޔާ މަހަކު ލިބޭނެ ކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ވިދާޅުވިއެވެ.
ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ރުހުމާއެކުގަ އެވެ. އެގޮތުން، އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން 60 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންގެ ނަންތައް ސީއެސްސީން އެ ކައުންސިލަކަށް ފޮނުވާނެ އެވެ. އެއަށް ފަހު، އެ އިދާރާއަކަށް އައްޔަންކުރާނެ އެސްޖީއެއް ކައުންސިލުުން ނިންމައި ސީއެސްސީއަށް ފޮނުވަންޖެހެ އެވެ.