ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ، އަދި އެ ސަރަޙައްދުގައި ޓޫރިސްޓުންނާ އެކު ގަވާއިދާ ޚިލާފު އަމަލުތަކެއް ހިންގާފައިވާތީ ސޮނެވާފުށި ރިސޯޓް ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ސޮނެވާފުށީގެ މުވައްޒަފުންތަކެއް ގަވާއިދާ ޚިލާފަށް މިދިޔަ އަހަރުގެ ޑިސެންބަރި މަހުގެ 18 ގައި ޓޫރިސްޓުންތަކެއް ހިމެނޭހެން، ޖުމްލަ 10 މީހަކު ނެލިވަރު ސަރަޙައްދަށް އިރުއޮއްސި 6:00 ގެ ފަހުން ވަދެ، އެތަނުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.
އީޕީއޭ އިން ބުނނިގޮތުގައި މުވައްޒަފުންތަކެއް ނެލިވަރު ސަރަޙައްދަށް ވަނީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ނުހޯދައެވެ.
އެ ރަށަށް ވަދެ، ގަވާއިދާ ޚިލާފަށްކޮށްފައިވާ ކަންކަމުގެ ތެރޭގައި އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި، ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަވާ ފަދައިން އަމަލު ކުރުމާއި އަލިފާން ރޯކުރުން ހިމެނޭ ކަމަށް އީޕީއޭ އން ބުންޏެވެ.
މި މައުލޫމާތު ލިބިގެން ބަޔޯސްފިއާ ރިޒާވް އޮފީހުގެ އޮފިޝަލުންނާއި ފުލުހުން ޑިސެމްބަރު 18 ގައި ނެލިވަރަށް ގޮސް، ސޮނެވާފުށީގެ ޓީމު އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގި އެންގުމަށް ވެސް ތަބާވެފައި ނުވާ ކަމަށާއި އެ މީހުން ސަރަހައްދު ދޫކޮށް ދިޔައީ އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ރޭވި ކަންކަން ކޮށް ނިންމުމަށް ފަހު ކަމަށްވެސް އިޕީއޭ އިން ބުންޏެވެ.
އަދި އެ ފަރާތުން މި އެޖެންސީއަށް ފޮނުވާފައިވާ ސިޓީ ގައި 18 ޑިސެމްބަރ 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 މީހުން ނެލިވަރު ސަރަހައްދަށް އިރުއޮއްސި 18:00 ގެ ފަހުން ވަދެފައިވާކަމާއި، އެ ސަރަހައްދަށް ވަދެފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަމާއި، އެ ސަރަހައްދަށް އަލިވާގޮތަށް ރޭގަނޑު ދިއްލިކަމާއި، އެ ސަރަޙައްދުގައި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަމަށް އިޢުތިރާފު ވެފައިވެ އެވެ.
އެހެންވެ ނެލިވަރު ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ، އަދި އެ ސަރަހައްދުގައި ގަވާއިދާ ޚިލާފު އަމަލުތަކެއް ހިންގާފައިވާތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ޚިލާފުވެފައިވާތީ 44،8375ރ. ޖޫރިމަނާކޮށްފައިވެ އެވެ.
އަދި އެ ފައިސާގެ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދެއްކުމަށްވެސް ވަނީ އަންގާފައެވެ.