ބ.ގޮއިދޫގައި ޕޯލްޓްރީ ފާމެއް އަަޅަން އެރަށުން ބޮޑު ބިމެއް ކުއްޔަށް ދޭން ރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން ނިންމާފައިވަނީ 50،000 އަކަފޫޓުގެ ބޮޑު ބިމެއް އެރަށުން ކުއްޔަށް ދިނުމަށެވެ.
ޕޯލްޓްރީ ފާމެއް ތަރައްގީކުރަން ބިމެއް ކުއްޔަށް ދިނުމަށް ގޮއިދޫ ކައުންސިލުން ފުރަތަމަ އިއުލާނު ކުރީ މިދިޔަ އޮކްޓޫބަރު 13 ގައެވެ. އެ އިއުލާނާ ގުޅިގެން ޕޯލްޓްރީ ފާމު ތަރައްގީ ކުރުމަށް އެދި އަށް ފަރާތަކުން ހުށަހެޅި ކަމަށް ގޮއިދޫ ކައުންސިލުން ވިދާޅުވިއެވެ.
ނަމަވެސް އެ އިއުލާނާ ގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓުތަކުގެ ބިމުކުލި އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް ފެންނާތީ، އެ އިއުލާން ބާތިލްކޮށް، ބީލަމުގެ އުސޫލުން ބިން ކުއްޔަށް ނެގުމަށް އެ ކައުންސިލުން އަނެއްކާ ހުޅުވައިލީ މިއަދެވެ.
އެ ބިން ދޫކުރަނީ އެ ރަށު ދެކުނު ފަރާތުން ހަ ނަންބަރު ގޮނޑުދޮށުން ލޭންޑް ޔޫޒް ޕްލޭންގައި ފާހަގަކުރެވިފައިވާ ސަރަހައްދުންނެވެ.
ސިޔާން ވިދާޅުވި ގޮތުގައި އެ ރަށުގެ ލޭންޑްޔޫޒް ޕްލޭން ހެދިއިރު، ޕޯލްޓްރީ ފާމެއް ހެދުމަށް އެ ރަށުގެ ބައެއް ރައްޔިތުން ޝައުގުވެރިކަން ފާޅުކުރިއެވެ. އެ ކަމަށް ރިއާޔަތްކޮށް، ޕްލޭން ތައްޔާރުކުރީ ޕޯލްޓްރީ ފާމެއް އެޅުމަށް 50،000 އަކަފޫޓުގެ ބިމެއް ވެސް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިމުގެ ބީލަންފޮތް މާދަމާއިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތީގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9.00ން 12.00 އާދެމެދު އެ ރަށު ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.
ބީލަން ފޮތުގެ އަގަކީ 1،500 ރުފިޔާއެވެ. އޮންލައިންކޮށް ވެސް ބީލަން ފޮތް ގަނެވޭނެ އެވެ.
ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް، ޕާޓްނަޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވެސް މި ބީލަމުގައި ބައިވެރިވެވޭނެއެވެ.