ސައުދީ ސަރުކާރުން ކޮންމެ ރަމަޟާން މަހަކަށް ދެއްވާ 50 ޓަނުގެ ކަދުރު ރާއްޖެ އަތުވެއްޖެ އެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ ސަޢޫދީ އަރަބިއްޔާ އިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެެއްވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި ރޯދަ މަހުގެ ކުރިން ކަދުރު ބަހައި ނިންމާނެ ކަމަށެވެ.
މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް އަންނަނީ ކަދުރު ހަދިޔާ ކުރަމުންނެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. ނިމިދިޔަ އަހަރު ކަދުރު ބަހާފައި ވަނީ ރަމަޟާން މަސް ނިމުމާ ގާތްވެފައި ވަނިކޮށެވެ.