ޓެކްސް ނުދައްކާ ނަމަ ކޮންމެ މީހަކު ވެސް ޖަލަށް ލާން ޖެހޭ ކަމަށާއި އަޅުގަނޑަކީ ވެސް ވިޔަފާރިވެރިއެއް ކަމަށާއި އަޅުގަނޑު ޓެކްސް ނުދެއްކިޔަސް ޖަލަށް ލާންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި މަޝްހޫރު ރެޑްވޭވް ކުންފުނީގެ ވެރިޔާ،އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
ސަލީމް ވިދާޅުވީ އެއީ އަޅުގަނޑަށް މައްސަލައެއް ނޫން ކަމަށާއި ޓެކްސްއަށް މަކަރު ހެދިޔަސް އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އަޅަންވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަލު އަދަބާއި ބޮޑެތި ޖޫރިމަނާތައް ކުރާ ގޮތަށް ޓެކްސް ގާނޫނު ހަރުކަށި ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އޭގައި ހުރި އަދަބުތައް ދޭން އޭނާ ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާ އިރު، ރާއްޖޭގައި ޓެކްސްއަށް ނަގަނީ އެހާ ބޮޑު އަދަދުތަކަކުން ނޫންކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ “ދުނިޔޭގެ އެހެން ތަންތަނުގައި ޓެކްސްއަށް 50 ޕަސެންޓް ވެސް އެބަ ނަގާ، 40 އަދި 30 ޕަސެންޓް ވެސް އެބަ ނަގާ. އެހެން ނަމަވެސް ރާއްޖޭގެ ޓެކްސްއަށް ބަލާއިރު، ޓެކްސް ބޮޑެއް ނޫން، ޓެކްސް މިހުރީ ރާއްޖެއަށް ފެތޭވަރަށް” ކަމަށެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ސުޕަމާކެޓްގެ ވިޔަފާރި ކުރާ ރެޑްވޭވްގެ ވެރިޔާ ސަލީމް ވިދާޅުވި ގޮތުގައި ނިސްބަތުން ރާއްޖޭގައި ކުޑަ ޓެކްސްއެއް ނެގި ނަމަވެސް އަދި ވެސް ބައެއް ވިޔަފާރިވެރިން ޓެކްސްއަށް މަކަރު ހަދާ، ޓެކްސް ބަރާބަރަށް ނުދައްކާ ކަމަށެވެ.
ސަލީމް ވިދާޅުވީ، ޓެކްސްގެ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ވަރަށް ބޮޑު އަދަދެއް ނުލިބިވާ ކަމަށާއި، އެ ޢަދަދު 15 ބިލިއަނަށްވުރެ މަތިވާނެ ކަމަށެވެ.
ޓެކްސް ބަރާބަރަށް ދައްކާ މީހުން އެ ޓެކްސް ދެއްކި ނަމަވެސް، ނުދައްކާ މީހުން ގަސްތުގައި ޓެކްސް ނުދައްކާ ކަމަށް ސަލީމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދައުލަތަށް ޓެކްސްއިން ލިބެން ޖެހޭ އާމްދަނީގެ ކޮންމެ އަހަރަކު ވެސް މިދަނީ އުނިވެގެން ކަމަށާއި، މި ފައިސާތައް ނުލިބި ކުރިއަށް ހުރި ދުވަސްތަކުގައި ދައްކަން ހުރި ދަރަނިތައް ދައްކަން އުނދަގޫވާނެ ކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ.
“ކުރިއަށް އޮތީ އަޅުގަނޑުމެންނަށް އިގްތިސާދީ ގޮތުން ހަގީގަތުގައި ވެސް އުނދަގޫ އަހަރުތަކެއް. ޓެކްސް ނުދައްކާ މީހުންނަށް މީގައި ހުރި އަދަބުތަކަކީ، ދޭން ޖެހޭ އަދަބުތަކެއް. އެއީ އަޅުގަނޑުކަމުގައި ވިޔަސް” ސަލީމް ވިދާޅުވިއެވެ.
”މި ބިލުގައި ހަރުކަށި އަދަބުތައް ދޭން ކަނޑައަޅާފައި އޮތަސް ބަރާބަރަށް ޓެކްސް ދައްކާ މީހުންނަށް އެއީ މައްސަލައަކަށް ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. “ޓެކްސްއަށް މަކަރު ހަދާ، އޮޅުވާލާ މީހުންނަށް މިއީ ވަރަށް ބޮޑު މައްސަލައަކަށްވެދާނެ. އެހެން ނަމަވެސް ރަނގަޅަށް މަސައްކަތް ކުރާ މީހުންނަށް މިއީ މައްސަލައަކަށް ނުވާނެ” އޭނާ ވިދާޅުވިއެވެ.
ޓެކްސް ނިޒާމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ވަރަށް މާތް މަގްސަދެއްގައިކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ޓެކްސް ނުދައްކާ މީހުންނާއި އެއަށް މަކަރު ހަދާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެ މަގްސަދު ހާސިލުނުވާ ކަމަށެވެ.





