ވަގުތު ދެވެން ނެތްކަމަށް ބުނެ ޕީޕީއެމް ބަހުސްގައި ބައިވެރިނުވި

viber_image_2021-03-31_21-59-40.jpg

ލޯކަލް ކައުންސިލް އިންތިހާބު 2021 ގައި އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ބަހުސަށް ވަގުތުދެވެން ނެތްކަމަށްބުނެ، ރައްޔިތުންނާ ކުރިމަތިލާން ޕީޕީއެމުން ދެކޮޅު ހަދައިފިއެވެ. 

މިފަހަރުގެ ބަހުސް ބާއްވަނީ އޭދަފުށީގެ އޮންލައިން ދެ ނޫސް އޭދަފުށީ ޓައިމްސް އާއި އޭދަފުށީ ވޮއިސް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި، ވެލާ ސްޕޯޓްސް ކްލަބް ގުޅިގެން އުފައްދާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. ބަހުސްގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި އެމްޑީޕީން ބައިވެރިވާނެކަން މިހާތަނަށް ވަނީ ޔަގީން ކޮށްދީފައެވެ. 

ބަހުސް އިންތިޒާމް ކޮމެޓީން ބުނީ ޕީޕީއެމުން ބަހުސްގައި ބައިވެރި ނުވާނެކަން ރަސްމީކޮށް އެންގީ އިއްޔެ ކަމަށާއި، ސަބަބަކަށް ބުނީ “ކެންޕޭން މަސައްކަތް ހުރިގޮތުން ތިޔަ ބަހުސްއަށް ވަގުތު ދެވެން ނެތްވާހަކަ ހިތާމައާއެކު ދަންނަވަން. ތިޔަ ދެއްވި ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” ކަމަށެވެ.

އިންތިޒާމް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ނާއިބުރައީސް އަލީ ރަފީއު ވިދާޅުވީ ޕީޕީއެމް މިބަހުސް ގައި ބައިވެރިނުވުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވާނެ ކަމެއްކަމަށް ދެކޭ ކަމުގައެވެ. އޭނާ ވިދާޅުވީ އެންމެ ފަހު ވަގުތާ ހަމައަށްވެސް ޕީޕީއެމުން އެދުނު ހުރިހާ ކަމަކަށްވެސް ދޫދެމުން އައި ކަމަށާ، މިހެން ވެދާނެކަމަށް އުއްމީދު ނުކުރާ ކަމަށެވެ. 

“ފޯނުން ގިނަ މަޝްވަރާތަކެއް ކުރެވުނު ރަށު ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލެއްވި ފާތިހު އަދި ބައެއް އެހެން މެމްބަރުންނާވެސް. އަޅުގަނޑުމެން ބަހުސްގައި ކުރާނެ ސުވާލުތައްވެސް ދުރާލާ ދީފައިވާނީ. އަދި ސުވާލުތައް ބަދަލުކުރުމުގެ ފުރުސަތުވެސް އޮންނާނެ. މިހުރިހާ ކަމެއްވެސް ވަރަށް ޕޮޒިޓިވްކޮށް ވާހަކަދެކެވެމުން ދަނިކޮށް ވަގުތު ނެތިގެން ބަހުސްގައި ބައިވެރި ނުވެވޭނެކަން އެންގީ” އަލީ ވިދާޅުވިއެވެ.  

އޭދަފުށީ ކައުންސިލްގެ މިދިޔަ 3 ދައުރުގެ ތެރެއިން ފުރަތަމަ ދައުރު އޭދަފުށީގައި ބޭއްވި ކައުންސިލް ބަހުސްގައި އޭރުގެ ޑީއާރުޕީ ކެނޑިޑޭޓުން މަގުބޫލު އުޒުރެއްނެތި ބައިވެރިނުވެއެވެ. އޭގެ ފަހުން އައި ދެ އިންތިހާބުގައި ބަހުސެއް ނުބާއްވައެވެ. އީވީއަށް އެނގިފައިވާ ގޮތުގައި އެ ދެފަހަރުވެސް ބަހުސް ބާއްވަން އަމިއްލަ ޖަމިއްޔާތަކުން ފެށި މަސައްކަތް ހުއްޓާލީ ޕީޕީއެމް ކެނޑިޑޭޓުންގެ ދެކޮޅުހެދުންތަކާ ހުރެއެވެ.  

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top