ތުޅާދޫ އައިސްޕްލާންޓް ފެނަކަ އާއި ހަވާލުކޮށްފި

large_166383482164xabp.jpg

މިފްކޯއިން ހިންގި އައިސް ޕްލާންޓުތައް ފެނަކައާ ހަވާލު ކުރަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ރައީސް ޔާމީންގެ ސަރުކާރުން ބ. ތުޅާދޫގައި ގާއިމުކޮށްފައި ހުރި އައިސް ޕްލާންޓް ފެނަކަ އާއި ހަވާލު ކޮށްފިއެވެ.

ތުޅާދޫގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުގެ ރަށްރަށުގައި ގާއިމްކޮށް މިފްކޯއިން ހިންގަމުން ގެންދާ 14 އައިސް ޕްލާންޓް މިއަދުވަނީ ފެނަކަ އާއި ހަވާލުކޮށްފަ އެވެ.

ފެނަކައިގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކަމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދެވެ. މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީއެވެ.

އެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، އައިސް ޕްލާންޓްތައް ހިންގައި، ބެލެހެއްޓުން މިފްކޯއާ ހަވާލުކުރުމުން އަންނާނެ ބަދަލަކާ ގުޅޭ ގޮތުން ގިނަ ބަޔަކު ސުވާލުކުރާ ކަމަށާއި އެ ކުންފުނީގެ ބޭނުމަކީ މަސްވެރިންގެ އިތުބާރާއި ޔަގީންކަން އުފެއްދުން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ފެނަކަ އިން ކުރިމަގުގައި ބޭނުންވަނީ އައިސް ޕްލާންޓުތައް ސޯލާ އިން ނުވަތަ އެ ނޫން ގްރީން އެނާޖީއެއް ބޭނުންކޮށްގެން ހިންގުމަށެވެ. އެކަން ކުރެވިއްޖެ ނަމަ، މަސްވެރިންނަށް އައިސް ލިބޭ އަގު ވެސް ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކަ އިން ވަނީ އައިސް ފޯރުކޮށްދިނުމުގައި މަސްވެރިންނަށް ބޭނުން ކުރެވޭނެ އެޕްލިކޭޝަނެއް ވެސް މި ރަސްމިއްޔާތުގައި ތައާރަފުކޮށްފައެވެ. އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން މި އެޕް ފޯނަށް ޑައުންލޯޑު ކުރެވޭނެއެވެ. މި އެޕް ބޭނުންކޮށްގެން މަސްވެރިން ބޭނުންވާ ޕްލާންޓުން އައިސްއަށް އޯޑަރު ކުރެވޭނެއެވެ.

ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުވި ޕްލާންޓުތަކުގެ ފުލް ކެޕޭސިޓީއަށް ހުއްޓުމެއްނެތި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

“ފުރަތަމަ އަޅުގަނޑުމެން ގާއިމުކުރާނީ ޔަގީންކަމާއެކު [ޕްލާންޓުތައް] 24 ގަޑިއިރު ހިންގާލެވޭނެ މެކޭނިޒަމެއް. ދެވަނައަށް ހަރަދުކުރުމަށްޓަކައި، އަޅުގަނޑުމެންގެ ކޭބަލް ނެޓްވޯކާ ގުޅުން، އަދި މި ވަގުތަށް އަޅުގަނޑުމެންނަށް ސޯލާ ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ވެސް ހަރުކުރާނަން،” އޭނާ ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިފްކޯއިން ހިންގަމުން އަންނަ އައިސް ޕްލާންޓުތައް ފެނަކައާ ހަވާލުކުރި ނަމަވެސް މިފްކޯގެ ސެންޓަރުތަކުން އަދިވެސް އައިސްގެ ޚިދުމަތް އެކުންފުނިން ފޯރުކޮށްދޭނެ އެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top