ބ. ގިރާވަރު ދެ ފިނޮޅާއި ވިލިގިނލިފަރު ފިނޮޅާއި ނުރައުފުރިފަރު ފިނޮޅު، ހަތަރު ފިނޮޅެއް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފި އެވެ.
ބ.އަތޮޅު ކައުންސިލުން މިހަތަރު ފިނޮޅު ހިމެނޭގޮތަށް ޖުމްލަ ހަތް ފިނޮޅާކާއި ފަރެއް ކުއްޔަށް ދޫކުރުމަށް އިއުލާނު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 13ވަނަ ދުވަހު އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ، އެ ހަތް ފިނޮޅުގެ ތެރެއިން ހަތަރު ފިނޮޅު، އެއް އަހަރު ދުވަހަށް ވަގުތީގޮތުން ބެލެހެއްޓުމަށް ލަނޑާގިރާވަރު ޕްރައިވެޓް ލިމިޓެޑަށާއި ތިލަދޫ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އަދި އެމްޕަޔަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން ގިރާވަރު ދެ ފިނޮޅު ބެލެހެއްޓުމަށް ލަނޑާގިރާވަރު ރިސޯޓާ ހަވާލުކުރީ 1.8 މިލިއަން ރުފިޔާއަށެވެ. ވިލިގިނލިފަރު ފިނޮޅު އެމްޕަޔަރ އިންވެސްޓްމަންޓާ ހަވާލުކުރީ 360،000 އަށެވެ. ނުރައުފުރިފަރު ތިލަދޫ ރިސޯޓްސްއާ ހަވާލުކުރީ 127،492.56 ރުފިޔާ އަށެވެ.
އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހު ކުރިން ވިދާޅުވި ގޮތުގައި ފަސް ފިނޮޅު ކުއްޔަށް ދީގެން އަހަރަކު 2.8 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެއެވެ.