ބ.ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީ އާއެވެ.
އެމްޓީސީސީއިން ބުނީ ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ސަބަބުން ކެންދޫ ގޮނޑުދޮށް
ވަނީ ރަށް ގިރުމުން ހިމާޔަތްކޮށްފައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 803 މީޓަރުގެ 17 ބްރޭކްވޯޓާ ގާއިމު ކުރުމާއި ޖުމްލަ 90 މީޓަރުގެ ދެ ގްރޮއިން ވަނީ ގާއިމް ކޮށްފައެވެ.
އަދި 80 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖަހައި، 40 މީޓަރު 20 މީޓަރު ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކޮށްފައިވާާ ކަމަށް އެމްޓީސީސީން ބުނެއެވެ.
1390 މީހުންގެ އާބާދީ އެއް އޮތް ކެންދޫއަކީ ޒަމާނުއްސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. ރަށުގެ ބިމުގެ ބިމުގެ ބޮޑުމިނަކީ 9.17 ހެކްޓަރެވެ.
ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 39.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.