އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން ހިންގާފައިވަނީ ގަވާއިދާ ޚިލާފަށް: ހުކުމް

DSCN3526-800x485-800x485.jpg

އޭދަފުށީގެ ހިއްކި ބިމުން ބައެއް - އީވީ ފައިލް ފޮޓޯ

ބ.އޭދަފުށިން ގޯއްޗަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް ވަޒަން ކުރުމުގައި އެކުލަވައިލި ވިލަރެސް ކޮމެޓީން، ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 13ވަނަ މާއްދާއާ ޚިލާފަށް އަމަލުކޮށްފައިވާ ކަން ދައުވާލިބޭ ފަރާތުގެ ބަހުން ސާބިތުވާ ކަމަށާއި އަދި އެ ފޯމުގައިވާ ބައިތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ ބައިން ޕޮއިންޓް ދީފައިވަނީ ވެސް ގަވާއިދާ ޚިލާފަށް ކަމަށް ވާތީ ދައުވާ ލިބޭ ފަރާތުން ރަށުގައި ދިރިއުޅޭކަމުގެ ބައިން ޕޮއިންޓް ދިނުމަށް އަމަލުކޮށްފައިވާ އުސޫލަކީ ބާތިލް އުސޫލެއްކަމަށް ކަނޑައަޅައި އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

ކޯޓުން އެގޮތަށް ނިންމީ ބ.އޭދަފުށިން ދިރިއުޅުމަށް ގޯތި ދޫކުރުމަށްޓަކައި ކޮށްފައިވާ އިއުލާންގައިވާ ގޮތުގެ މަތީން ހުށަހެޅި ފޯމެއްގައިވާ ކަންކަމަށް ޕޮއިންޓް ދިނުމުގައި ހައްގުވާ މިންވަރަށް ޕޮއިންޓް ދީފައިނުވާކަމުގެ ތުހުމަތުކޮށް އުނިކޮށްފައިވާ ޕޮއިންޓް ހޯދުމަށް އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ބާޠިލު އުސޫލެއްކަމަށް ކޯޓުން ނިންމީ ވިލަރެސް ކުރާ ކޮމެޓީން އޭދަފުށީން ގޯތި ދޫކުރުމަށް ފާސްކޮށް އާންމުކޮށްފައި އޮތް އުސޫލަށް އިތުރުކުރި ބައި އާންމުކޮށް އަންގާ އިއުލާންކޮށްފައި ނުވާކަމަށް ސާބިތުވާތީއެވެ. އަދި ރަށުން ބޭރުގައި ދިރިއުޅޭނަމަ ޕޮއިންޓް އުނިވާގޮތައް އޮތް އިސްލާހަކީ ބާތިލު އިސްލާހެއްކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ. އުސޫލެއް ނުވަތަ ގަވާއިދަކަށް ބަދަލު ގެންނަ ނަމަ އެކަމެއް ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް ޝާއިއުކޮށް އާންމުނަށް ފެންނާނެހެން އިއުލާން ކުރަންޖެހެއެވެ.

އޭދަފުށީގެ އާންމު ރައްޔިތަކު ކޯޓަށް މިމައްސަލަ ހުށައެޅީ 2021ވަނަ އަހަރުގެ މާރިޗް މަހުގެ 30ވަނަ ދުވަހުއެވެ. މިމައްސަލަ މިގޮތަށް ނިންމުމުން ކައުންސިލުން ކުރިއަށްދާނެ ވަކިގޮތެއް އޭދަފުށީ ކައުންސިލުން އަދި ހާމައެއް ނުކުރެއެވެ.

އޭދަފުށި ހިއްކި ބިމުން 158 ބަންޑާރަ ގޯތި ދޫކުރަން އިއުލާން ކުރީ 24 ސެޕްޓެމްބަރު 2019ގައެވެ. އެ އިއުލާނާއި ގުޅިގެން 622 މީހުން ގޯއްޗަށް އެދި ފޯމު ލާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top