ބެޔަސް ނުބެޔަސް ސްކީމް ހިންގަން އެލއިޑާއެކު އެއްބަސްވުމަކަށް

fishing.jpg

މަސްވެރިކަން ދަށް ދުވަސްވަރު މަސްވެރިންނަށް އާމްދަނީއެއް ލިބޭ ގޮތް ހެދުމަށްޓަކައި މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ “ބެޔަސް ނުބެޔަސް” ސްކީމް ހިންގަން އެލައިޑް އިންޝުއަރެންސާ އެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި ބާއްވާ “ބޮސްޓަން ސީފުޑް ފެއާ” އަށް ފުރާވަޑައިގަތުމުގެ ކުރިން ހުޅުމާލެ އެކްސްޕްރެސް ލައުންްޖްގައި ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިނަށް ދޭން ސަރުކާރުން ވައުދުވެފައިވާ، 10،000ރ. ގެ ސްކީމްގެ ފައިނޭންޝަލް މޮޑެލްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި ކުރިން ވެސް ހާމަކުރެއްވި ގޮތަށް، މި ސްކީމްގައި މަސްވެރިން ރަޖިސްޓްރީ ކުރަން މި މަހު ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ބެޔަސް ނުބެޔަސް ސްކީމްގެ އިދާރީ ހުރިހާ މަސައްކަތެއް މިވަނީ ކޮށް ނިންމައި ސިޔާސަތު އެކުލަވާލުމަށް، އޭގެ ތެރޭގައި ހަދަން ޖެހޭ ފޯމްތަކުގެ މަސައްކަތް ވެސް ނިމިފައި. އެންމެ ފުރަތަމަ ދުވަހު އަޅުގަނޑު ދިން އިންޓަވިއުގައި ވެސް ބުނެލާފަ އޮންނާނެ މި މަހުގެ ތެރޭގައި، މި ކުއާޓާ ނިމުމުގެ ކުރިން އޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނަމޭ. އެއަށް އަދިވެސް ބަދަލެއް ނާދޭ. ވަރަށް ސާފުކޮށް ސިންސިއާކޮށް މި ދަންނަވަނީ މި ދަތުރުކޮށްފައި އައިސް އިރާދަކުރެއްވިޔާ އޭތި އިއުލާނު ކޮށްލެވޭ ވަރުވާނެ،” ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސްކީމްގެ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައީ ފައިނޭޝަލް މޮޑެލް ތައްޔާރު ކުރުމަށް ކަމަށެވެ. ފައިނޭޝަލް މޮޑެލް ތައްޔާރު ކުރުމަށް ދެތިން ފަރާތަކާ އެކު މަޝްވަރާ ކުރެއްވި ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި “ބެޔަސް ނުބެޔަސް” ސްކީމްގެ ކަންތައް ސަރުކާރުން އިހުލާސްތެރިކަމާ އެކު ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން ހުރިހާ މަސްވެރިންނަށް ދެއްވަ އެވެ.

“މިހާތަނަށް ޑިލޭއެއް ވެގެން އުޅެނީ މީގެ ފައިނޭޝަލް މޮޑެލަށް. އެ ވެސް ނިމިފައި ވަނީ. އޭތި އިމްޕްލިމަންޓް ކުރާނީ ކޮން ފަރާތަކުންތޯ؟ އެކަން ކުރާނީ އިންޝުއަރެންސް ކުންފުންޏެއް ނުވަތަ ފަންޑު މެނޭޖުކުރާ ކުންފުންޏެއްގެ އިތުރުން، ސަރުކާރާ ބަޔަކާ ގުޅިގެން ހަދާ އާސަންދަ ސްޓައިލްގެ ކުންފުންޏަކުންތޯ؟ މި ކަހަލަ މަޝްވަރާތަކެއްގެ މި އައީ،” ޝައިނީ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top