ލަފާފުރުމަށް އިންތިހާއަށް ދަތިވެފައިވާ ބ. ފެހެންދޫގައި ސަރުކާރުން އަޅުއްވައިދެއްވާ ފާލަމުގެ މަސައްކަތުގެ ފަންސާސް ފަސެންޓް ނިމިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ އެމްއާރުޑީސީއާ ހަވާލުކޮށްގެން ކުރިޔަށްދާ މަސައްކަތުގެ ތެރެއިން ކޮންކްރީޓް ތަނބުތައްޖަހާ، ފާލަމުގެ މަތީ ބީމްތައް އަޅާ ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް އީވީއަށް ވިދާޅުވީ ފާލަމުގެ މަސައްކަތް އެކަށީގެންވާ ސްޕީޑްގައި ކުރިޔަށްދާކަމަށާ، ފާލަމުގެ ބޭނުން އަންނަ އަހަރުގެ ކުރީކޮޅު ހިފޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
“މަސައްކަތުގެ ފަންސާސް ޕަސެންޓް މިހާރު ނިމިއްޖެ. ކޮންކްރީޓް މަސައްކަތްތައް ގާތްގަނޑަކަށް މިހާރު ނިމުމަކާ ވަރަށް ކައިރީގައި އެހުރީ. އަޅުގަނޑުމެން ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ފާލަމުގެ މަސައްކަތް މުޅިން ނިންމާ ބޭނުންކުރަން ފެށޭނެކަމަށް” މޫސަ ވިދާޅުވިއެވެ.

ފެހެންދޫގައި އަޅަމުންގެންދާ ފާލަމުގެ މަސައްކަތް މިއަދު ކުރިޔަށް ދަނީ . މިމަސައްކަތުގެ ފަންސާސް ފަސެންޓް ނިމިފައިވާކަމަށް ފެހެންދޫ ކައުންސިލުން ބުނޭ / ފޮޓޯ: އޭދަފުށީ ވޮއިސް / ފައިސަލް
ފެހެންދޫގައި ސަރުކާރުން އަޅަމުންގެންދާ ޓީޖެޓީ ފާލަމަކީ ދިގުމިނުގައި 100 ފޫޓް އަދި ފުޅާމިން 12 ފޫޓް ހުންނަ ފާލަމެކެވެ. މިފާލަމުގެ ކޮޅުގައި ޓީޖެޓީގެ ގޮތުގައި 60 ފޫޓް ދިގު ބައެއް ހިމެނެއެވެ. މޫސަ ވިދާޅުވީ އާފާލަމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ އެސަރަހައްދު ފަޅު ކޮންމެވެސް ވަރަކަށް ފުންކޮށްގެންކަމަށެވެ. އަދި މިޕްރޮޖެކްޓްގެ ތެރެއިން އެކަން ކުރަން ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް މޫސަ ވިދާޅުވިއެވެ.
“ވަރަށް ފުރިހަމަ ފާލަމެއް މިފާލަމަކީ، އެއީ ޓީ ޖެޓީއެއް ގޮތަށްވެސް ބޮޑު ބައެއް އޮތީމަ. އެހެންނަމަވެސް ފަޅުފުން ކޮށްގެން މިފާލަން ބޭނުންކުރެވޭނީ. އުއްމީދަކީ ފާލަން ބޭނުންކުރަން ފެށޭއިރު އެކަންވެސް ވެގެންދިއުން”
ތިންސަތޭކައެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ފެހެންދޫގައި މިވަގުތު ލަފާފުރުމަށް ބޭނުންކުރަނީ އެރަށު އުތުރު ފަރާތުގައި ރަށުގެ އަމިއްލަ ބަޔަކާ، ކައުންސިލުން ގުޅިގެން ހަދާފައިވާ ވަގުތީ ފާލަމެއް ބޭނުންކޮށްގެންނެވެ.