ވ.ރަކީދޫގައި އަނިޔާވެރި ވެރިގޮތަކަށް މަރާލާފައިވާ އުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި އޭދަފުށީ މާބަގީޗާގޭ ލިސާން އަބޫބަކުރުގެ މައްޗަށްވެސް އިހްމާލުވީކަމުގެ ތުހުމަތުގެ ދައުވާ ދައުލަތުގެ ފަރާތުން އުފުލައިފިއެވެ.
ލިސާން އޭރު ހުންނެވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވ. އަތޮޅު އެކްޓިންގ ކޮމާންޑަރުކަމުގެ މަގާމުގައެވެ.
ލިސާންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި ފުލުހުންގެ ގާނޫނާއި ހަވާލާދީ ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ..
ލިސާން އާއެކު އިތުރު 4 މީހެއްގެ މައްޗަށް ވެސް މިމައްސަލާގައި އިހުމާލުވީކަމުގެ ދައުވާ ކުރުމަށް ފޮނުވާފައި ވެއެވެ. މިހަތަރުމީހުންނަކީވެސް ސަރުކާރުގެ މުވައްޒަފުންނެވެ.
ވ. ފުލިދޫ، ވައިޖެހޭގެއަށް ނިސްބަތްވާ އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލި ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު ވަނީ އިއުތިރާފުވެފައެވެ.
އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލާފައިވާއިރު، އިބްތިހާލަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންކާފަ، މ. ދިއްގަރު ބަށިމާގޭ، އިސްމާއީލް ރައޫފްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.