މި އީދުގައި މުޅިސޯޝަލް މީޑިއާގައާއި، ތުންތުންމަތިން އެންމެ ގަދައަށް ދެކެވެނީ ބ. ކަމަދޫގެ ވާހަކައެވެ. އެރަށުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުޅޭ ކުޅިވަރުތަކުގެ ފުރިހަމަކަމުގެ ވާހަކަ އެވެ. ސަގާފީ ކުޅިވަރުތަކުގައި އެމީހުންގެ އުފަން ރަށްދެކެ ވާ ލޯބި، ޅެމުންނާއި ހަރަކާތްތަކުން ފާޅުކޮށްދެމުން ގެންދިޔަ ހިތްގައިމުކަން އެއީ އެެހެންރަށަކަށް އަދި މިހާތަނަކަށް ދެއްކިފައިވާ ޖާދޫއެއް ނޫނެވެ. އެހުރިހާ ވާހަކަތަކުގެ އިތުރަށް މިހާރު ފަޅާފައިވާ ކުރިއަކީ އެރަށުގައި ފަތްމިނިން ގިނަ ވާހަކައެވެ.
ރާއްޖޭގައި ފަތްމިންޏެއް ފުރަތަމަ އުފެދިފައިވަނީ ބ.އަތޮޅު ދޮންފަނުގައިކަމަށް ބުނެވެއެވެ. އެއީ ދޮންފަނު ދޮންހިޔަލަ އެވެ. ޚިޔާލީ ވާހަކައެއްގެ ގޮތުގައި މަޝްހޫރު ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގެ ބަތަލާ، ދޮން ހިޔަލަ ނިސްބަތްވަނީ ދޮންފަނަށެވެ. އޭގެ ފަހުން އަނެއްކާވެސް މިއިވެނީ ހަމަ ބ.އަތޮޅުގެ ކަމަދޫން ފަތްމިނިން ތަކެއް މިއީދުގައި ފެނުނު ވާހަކަ އެވެ.
ކަމަދުއަކީ އިހުޒަމާނުއްސުރެ ދިވެހި ސަގާފަތް އާލާކުރަމުން އަންނަ ރަށެކެވެ. ރީތި ހުސްކުރި ޖިންސުއްލަތީފުން ގިނަ ރަށެކެވެ. ރަށަށް އަންނަ މެހެމާނުން ވެސް އެ ރަށް ދޫކޮށް ދާން ބޭނުމެއް ނުވާ ފަދަ ރީތި ރަށެކެވެ. ޚާއްސަ ކޮށް ކޮންމެ އީދަކަށް ކަމަދޫ ރައްޔިތުންގެ ފަރާތުން ފެނިގެންދާ އެއްބައިވަންތަ ކަމާއި ދިވެހިވަންތަ ސަގާފީ އާދަކާދަތަކަށް އެމީހުން އަހުލުވެރިވެފައިވާ މިންވަރު ފެނިގެން ދެއެވެ. ރައްޔިތުން ގުޅިގެން އީދުގެ މާކުރިން ތައްޔާރުވާން ފަށައެވެ. ޚަރަދަކަށް ނުބަލައެވެ. ހަމައެކަނި ކޮސްޓިއުމަށް ބަލައިލިޔަސް އެކަން ފެންނާނެ އެވެ.
އެކަމަކު މިއަހަރު އެކަން މާބޮޑުވީ އެވެ. ކުދިންގެ ބަނިޔާދަން ކަމާއި ބެރާ މިއުޒިކާ އެއްވަރަށް އެ ހެލިލާ ހެލިލުމާއި އެކުދިންގެ ފަރި ހަރަކާތްތަކާ މާބޮޑަށް ގަޔާވެވުނީއެވެ. އެވާހަކަތައް އެކިގޮތަށް މީސްމީޑިޔާގައި ފަތުރަމުން ގޮސް އެންމެ ފަހުން ފަތްމިންޏާ ހަމައަށްވެސް މިހާރު މިއޮތީ އާދެވިފައެވެ.
ކަމަދޫގައި ބޮޑުކޮށް ފާހަގަކުރާ ބޮޑުއީދަށް މި އަހަރު މެހެމާނުންނަށް ދައުވަތު ދީފައިވަނީ އީދުވިލޭރޭ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި ސްޓޭޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނިގެން ދިޔަ ފަތްމިނި ކަނބަލުންގެ ފަރި ހަރަކާތުންނެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ”އީވީ“އަށް ވިދާޅުވީ މިއަހަރުގެ އީދުގައި ފެނިގެން ދިޔަ ގިނަ ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ އެހެން ރަށްރަށުގައި އޮންނަހެން އަވަށް އަވަށް ވަކިވަކި ނުކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ގުޅުން ބަދަހިކޮށް ކަމަދޫއަކީ ފަތްމިނިން ގިނަ ރަށެއްކަން، އަދި އެއްބައިވަންތަ ކަމުގެ ލާމަސީލު މިސާލެއްކަން އަންގައިދިނުމާއެކު ދިވެހި ސަގާފަތް އާލާކޮށްދިނުން ކަމަށެވެ.
ޒަރީރު ވިދާޅުވި ގޮތުގައި އީދު ފެށުމުގެ މާކުރިން އީދު ކުޅިވަރު ބަލައިލުމަށް ކަމަދުއަށް އަންނަން ބޭނުންވާ މެހްމާނުންގެ ޑިމާންޑް އައިީ ބޮޑުވަމުންނެވެ. ރަށުގެ ހުރިހާ ގެސްޓް ހައުސް ތަކާއި އާއްމުންގެ ގޭގޭވެސް މިހާރު އޮތީ ފުރިފައެވެ.
”އަޅުގަނޑުމެން މި ބަލަނީ ދޮޅުހާހާއި ދެހާހައި ދެމެދުގެ އަދަދަކަށް މިއީދަށް ކަމަދުއަށް ޒިޔާރަތް ކުރިކަމަށް“ ޒަރީރު ވިދާޅުވި އެވެ.
ކަމަދޫގައި އީދު ކުޅިވަރުތައް އީދުވިލޭރޭ ފަށާފައިވާއިރު އީދު ދުވަހުގެ މުނާސަބަތުގައި އެ ރަށުގައިވަނީ ހަވާ ވެސް އަރުވާފައެވެ.
ކަމަދޫގައި ފާހަގަކުރަމުންދާ އީދު ކުޅިވަރުތަކުގެ ތެރެއިން ގިނަބައެއްގެ ހިތް ޝައުގުވެރިކަމާއެކު އެންމެ ހިމަނާރަށް ދަންދެން އަސަރުކުރުވީ ޒުވާން އަންހެނުން ކުދިންގެ ދަފި ނެގުމަށެވެ. މި ހަރަކާތް ކަމަދޫ ފޭސްބުކް ޕޭޖްގައި އާންމު ކުރި އެ ވީޑިއޯއަށް 24 ގަޑިއިރު ނުވަނީސް ވީޑިއޯގެ ވިއުސްގެ އަދަދު 30،000 އިން މައްޗަށް ދިއުމަކީ އޭގެ ހެއްކެކެވެ.
”އަންހެނުންގެ ދަފި“ނެގުމުގެ ހަރަކާތާ ބެހޭ ގޮތުން ޒަރީރު ވިދާޅުވީ އެއީ ކާބަފައިންގެ ޒަމާނުއްސުރެ މެދުކެނޑުމެއްނެތި ކުޅޭ ސަގާފީ ކުޅިވަރެއް ކަމަށާއި މިހަރަކާތުގައި ރަށުގެ ކުދިބޮޑު ހުރިހާ ކަނބަލުން ބައިވެރިވާ ކަމަށެވެ. މިއީ އެންމެ ފަސް ވަރަކަށް ދުވަހުގެ ތަމްރީނު ކަމަށާއި މިފަދަ އެއްވެސް ހަރަކާތެއްގައި ރަށުން ބޭރުގެ މީހުން ބައިވެރި ނުވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.
”ކަނބަލުންގެ ދަފި ނެގުމާއި، ބަނޑިޔާ ޖެހުން ފަދަ ޗާލު އެތައް ކުޅިވަރުތަކެއް ކަމަދޫގެ އީދު ހަރަކާތްތަކުން ފެނިގެން ދިޔަ އިރު، އެ ހަރަކާތްތަކަށް އެމީހުން ތައްޔާރުވެފައިވާ މިންވަރު އެނގިގެންދެއެވެ. ހަމައެއާއެކު ކަމަދޫއަކީ ފަތްމިނިން ގިނަ ރަށެއްކަން މިފަހަރު ބޮޑު އީދުގެ ހަރަކާތްތަކުން ވަނީ ހާމަވެފައެވެ.“ ކަމަދުއަށް ތައުރީފުކުރަމުން ވަގުތު ނޫހުގައި ބުނެފައި އޮތެވެ.
Live: Kamadhoo Dhafi 🔥💃💕 pic.twitter.com/QWvofVaK5R
— Luke (@lucasjalyl) June 17, 2024
އެހެން މީހަކު ބުނެފައި އޮތެވެ. ”ފައިގެ އިނގިލިތަކުގެ ނިޔަފަތިން ފެށިގެން ބޮލުގެ ތާޖާއި ހަމައަށް ކަމަދޫގެ އަންހެން ކުދިންގެ ކިބައިން ފާޅުވަނީ މަދުން ނޫނީ ނުފެންނަ އަދި ސިހުރުވެރި ޝައުގުވެރި ކަމެކެވެ. ޒުވާން ރީތި އެތައް ފަތްމިންޏެއްގެ ފަރި ހަރަކާތުން އެ ލައްވާ ބަޑިތަކުން ރަށަށް ދިޔަ ގިނަ މެހެމާނުންގެ ހިތް ވަނީ “ޒަޚަމްވެފަ”އެވެ. އަދި މެހެމާނުންނާ އެ ބަހައްޓާ ގާތް ކަމަކީ ޒަމާންވީ އެކުވެރިންނާއެކު ބާއްވާ ކަހަލަ ގާތް ގުޅުމެކެވެ.“
ކަމަދޫގެ ޖިންސުއްލަތީފުންގެ ރީތިކަމަށް ތައުރީފުގެ ބަސްތައް އޮހެމުން އެމުނެމުން ދާއިރު ކުޅިވަރަށް ވުރެ ބޮޑަށް ބައެއް މީހުންގެ ޝައުގުވެރިކަން ހުރީ އެކުދިންގެ ފަރި އަދާ ތަކަށެވެ. އެމީހުންގެ ބަހުންނަމަ އެރީތިކަމަކީ ހަމައެކަނި އެމީހުންގެ ޖިސްމާނީ ސިފަތަކުގެ ރިފްލެކްޝަނެއް ނޫނެވެ. އެމީހުންގެ ރަށުގެ ސަގާފީ އަދި ގުދުރަތީ މުއްސަނދިކަމުގެ ހެކިތަކެވެ. އެމީހުންގެ އިނގިލިތަކާއި ހަށިގަނޑުގެ ކޮންމެ ޕެޓާނަކުން ވެސް ކިޔައިދެނީ ސަގާފަތާއި ފަންނުވެރިކަމުގެ ވާހަކައެކެވެ. އިލާހީ ގުދުރަތުގެ އަޖައިބުކަމާއެވެ. ކަމަދޫ އަންހެން ކުދިންގެ ކޮންމެ ފިޔަވަޅަކަށް ބަލަހައްޓައިގެން ހުންނައިރުވެސް ތަފާތު ޝައުގުވެރިކަމެއް ގެނެސްދެއެވެ. އެ ޒުވާން ކުދިން ނަށާލާއިރު ފައިތައް ހަރަކާތްތެރިވަނީ އެމީހުންގެ ފަރިކަމާއި ހަށިގަނޑުގެ އިތުރު ރީތިކަމުގެ ލަވައެއް ކިޔަމުންނެވެ.
”ކަމަދޫ އަންހެން ކުދިންގެ ރީތިކަމަކީ ހަމައެކަނި ހަމުގެ ކުލައިން ފެންނަ ކަމެއް އެކަންޏެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ގައުމުގެ އެންމެ ރީތި އަންހެން ކުދިން ކަމުގައި ވެގެންދާއިރު، އެ އަންހެންކުދިންގެ ރީތިކަމަކީ ފަޚުރާއި އުފާވެރިކަމެވެ. އެއީ މި އަޟްޙާ ޢީދާއި އެކު މުޅި ރާއްޖެއަށް ފާޅުކުރި ޤުދުރަތީ ނިޢުމަތުގެ ހެކިތަކެކެވެ. ސީދާ ފަތްމިނިންނެވެ.“ކަމަދޫ އަންހެން ކުދިންގެ ރީތިކަން ބަޔާން ކޮށްދެމުން މީހަކު ބުނެފައިވެ އެވެ.
މިއަދަކީ އީދުގެ އެންމެ ފަހު ދުވަސްކަމަށްވެފައި، މިއަދު އޮތީ ކޯޑީގެ ހަރަކާތްތަކުގެ ތެރެއިން، ކޯޑި ކަނޑާ މީހާއަށް އަދަބު ދިނުމެވެ. އެރަށު ކައުންސިލުން ބުނީ މިއީ އެރަށުގައި ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.